އަހަރެމެންގެ ރައްބަކީ ކޮބާ؟
އިބްރާހީމްގެފާނުގެ ޤައުމުގެ މީހުން އަޅުކަންކުރަމުން ދިޔަ ބުދުތަކަކީ ޙައްޤު އިލާހުންތަކެއް ނޫންކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު އަޅުކަންކުރަމުން ދިޔައީ އެކަލޭގެފާނުގެ ރައްބު، ﷲއަށެވެ.
އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެފާނު އެކަން ވިސްނައިދެއްވީ ކިހިނަކުންކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ﴾ [سورة الأنعام 76]
މާނައީ: “ދެން ފަހެ ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނު ހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ ތިމަންކަލޭގެފާނު ރައްބެވެ. ދެން ފަހެ އެތަރި އޮސްފުހުނު ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮސްފުހިދާ ތަކެއްޗަކަށް ތިމަންކަލޭގެފާނު ލޯތްބެއް ނުކުރަމެވެ.”
﴿فَلَمَّا رَءَا ٱلْقَمَرَ بَازِغًا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ﴾ [سورة الأنعام 77]
މާނައީ: “ދެންފަހެ ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެބައިމީހުންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ ތިމަންކަލޭގެފާނު ރައްބެވެ. ދެން ފަހެ އެ ހަނދުވެސް އޮސްފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ރައްބު ތިމަންކަލޭގެފާނަށް ތެދުމަގު ނުދައްކަވައިފިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ވެއްޖައީސްކަން ކަށަވަރެވެ.”
﴿فَلَمَّا رَءَا ٱلشَّمْسَ بَازِغَةً قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌ مِّمَّا تُشْرِكُونَ﴾ [سورة الأنعام 78]
މާނައީ: “ދެން ފަހެ އިރުއަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ ތިމަންކަލޭގެފާނުގެ ރައްބެވެ. (ހަނދަށް ވުރެ) މި މާ ބޮޑެވެ. ދެން ފަހެ އެ އިރުވެސް އޮސްފުހުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ޝަރީކުކޮށް ތިޔަ އުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަރީއަވެވަޑައިގަންނަވަމެވެ.”
ތިޔަކުދިންނަށް ﷲ ތަޢާލާ ދެއްވާފައިވާ ބުއްދީގެ ނިޢުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް ވިސްނާލަ ބަލާށެވެ.
ﷲ އީ ދިރިދެމިވޮޑިގެންވާ އިލާހެވެ. އަވަހާރަވުމެއް އެކަލާނގެއަށް ނުވެއެވެ. އެކަލާނގެއީ އަބަދާއިއަބަދު އަހަރެމެން އެންމެން ކުރާކަންތައް ބައްލަވާ ވޮޑިގެންވާ އިލާހެވެ. އެހެން އެއްވެސް މީހަކަށް ނުފެންނާނެ ގޮތަށް، ކިތަންމެ ސިއްރުން އެކަމެއް ކުރިކަމުގައި ވިޔަސް މެއެވެ. އަދި އެކަލާނގެއީ އެންމެ ބާރުގަދަވަންތަ އިލާހެވެ. އެކަލާނގެއަށް ވުރެ ބާރުގަދަ ފަރާތެއް ނުވެއެވެ.
ތަރިތަކާ މެދު ވިސްނާލަމާ ހިނގާށެވެ. އެއީ ﷲ ތަޢާލާގެ މަޚްލޫޤުންތަކެކެވެ. އެއީ އެތަކެތި ހެއްދެވި ފަރާތާ އަޅާވެސް ނުކިޔޭނެ، އެހާމެ ބަލިކަށި އެއްޗެހިތަކެކެވެ. ﷲ ތަޢާލާ ކަނޑައަޅުއްވާފައި ވަނީ ފަތިސްވުމުން، އެ ތަރިތައް އުދަރެހުން ގެއްލިގެން ދިޔުމަށެވެ.
ހަނދަކީވެސް އެފަދައިން އެހާމެ ބަލިކަށި އެއްޗެކެވެ. އިރު ފާޅުވުމުން ހަނދު ގެއްލިގެން ދެއެވެ.
ހަމަ އެގޮތަށް، އިރަކީވެސް އެފަދަ ބަލިކަށި އެއްޗެކެވެ. ރޭގަނޑު ފާޅުވުމުން އަހަރެމެންނަށް އިރު ގެއްލިގެން ދެއެވެ. އަދި އިރުގެ އަލިކަމުގެ މައްޗަށް އެ ރޭގަނޑުގެ އަނދިރިކަން ގަދަވެގަނެއެވެ.
ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި ﷲ އީ އެންމެ ކުޅަދުންވަންތަ އިލާހެވެ.
_____________________________
މަޞްދަރު: قصص النبيين للأطفال