އިބްރާހީމްގެފާނު ﷲގެ ދީނަށް ގޮވައިލެއްވުން
ﷲ ތަޢާލާ އިބްރާހީމްގެފާނަށް އެ އިލާހުގެ ދީން މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު އެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންވެވަޑައިގެންނެވިއެވެ.
އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ބުދުތަކަށް އަޅުކަން ނުކުރުމަށް ނަޞޭޙަތްތެރި ވިއެވެ. އެކަލޭގެފާނު ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން އަޅުކަންކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟
ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟
އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ދެކެވުނު ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައި ވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿قَالُوا نَعْبُدُ أَصْنَامًا﴾ [سورة الشعراء 71]
މާނައީ: “އެބައިމީހުން ދެންނެވިއެވެ. ތިމަންމެން އަޅުކަންކުރަނީ ބުދުތަކަށެވެ”.
﴿قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ﴾ [سورة الشعراء 72]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް ދުޢާކޮށް އަޅުކަންކުރާ ހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭ ހެއްޔެވެ؟”
﴿أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ﴾ [سورة الشعراء 73]
މާނަ: “ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭ ހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭ ހެއްޔެވެ؟”
﴿قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ﴾ [سورة الشعراء 74]
މާނައީ: “އެބައިމީހުން ދެންނެވިއެވެ. އަދި ކިއެއް ހެއްޔެވެ. ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައް ކުރާތީ ތިމަންމެން ދުށީމުއެވެ”.
ދެން، އިބްރާހީމްގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ ބުދުތަކަށް ތިމަންކަލޭގެފާނު ނަފްރަތު ކުރައްވަމެވެ. ތިމަންކަލޭގެފާނު އަޅުކަންކުރައްވާނީ ހަމައެކަނި ޢާލަމުތަކުގެ ވެރި ރައްބަށެވެ.
﴿الَّذِي خَلَقَنِي فَهُوَ يَهْدِينِ﴾ [سورة الشعراء 78]
މާނައީ: “އެއިލާހީ ތިމަންކަލޭގެފާނު ޚަލްޤުކުރެއްވި އިލާހެވެ. ފަހެ އެ އިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވައެވެ”.
﴿وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ﴾ [سورة الشعراء 79]
މާނައީ: “އަދި އެ އިލާހީ ތިމަންކަލޭގެފާނަށް ކާންދެއްވާ އަދި ބޯންދެއްވާ އިލާހެވެ”.
﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ [سورة الشعراء 80]
މާނައީ: “އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ ހަމަ އެ އިލާހެވެ”.
﴿وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ﴾ [سورة الشعراء 81]
މާނައީ: “އަދި އެއިލާހީ، ތިމަންކަލޭގެފާނު މަރުގަންނަވައި ދެން ތިމަންކަލޭގެފާނު ދިރުއްވާނޭ އިލާހެވެ”.
_____________________________
މަޞްދަރު: قصص النبيين للأطفال