އިބްރާހީމްގެފާނުގެ ބައްޕައަށް ދީނަށް ގޮވައިލެއްވުން
އިބްރާހީމްގެފާނުގެ ބައްޕައަކީ ބުދުވިއްކާ އަދި ބުދަށް އަޅުކަންކުރާ މީހެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟
އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕައަށް ދީނަށް ގޮވައިލެއްވުމަށް ބޭނުންފުޅުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ބައްޕައަށް މިފަދައިން ވިދާޅުވިއެވެ.
﴿يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ﴾ [سورة مريم 42]
މާނައީ: “އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ އެއްޗަކަށް، ބައްޕަ އަޅުކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟”
﴿يَا أَبَتِ لَا تَعْبُدِ الشَّيْطَانَ﴾ [سورة مريم 44]
މާނައީ: ” އޭ ބައްޕާއެވެ! ޝައިޠާނާއަށް އަޅުކަން ނުކުރާށެވެ”!
އިބްރާހީމްގެފާނު މި ފަދައިން ނަޞޭޙަތްތެރިވުމުން، އެކަލޭގެފާނުގެ ބައްޕަ ވަރަށް ބޮޑަށް ރުޅިއައެވެ. އަދި ބުންޏެވެ. އަހަރެން ކަލޭގެފާނުގެ ގައިގައި ޖަހާނަމެވެ. އަހަރެންނާއި އެއްވެސް ވާހަކައެއް ނުދައްކާ އަހަރެން ދޫކޮށްލާށެވެ.
އިބްރާހީމްގެފާނަކީ ވަރަށް ބުއްދިވެރި ބޭކަލެއްކަން ތިޔަކުދިންނަށް އެނގޭ ނޫން ހެއްޔެވެ؟
އެހިނދު އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިއެވެ.
﴿سَلَامٌ عَلَيْكَ﴾ [سورة مريم 47]
މާނައީ: “ބައްޕަގެ މައްޗަށް ސަލާމް ހުއްޓެވެ”!
އެކަލޭގެފާނުގެ ބައްޕައާއި ޤައުމުގެ މީސްތަކުން އެކަލޭގެފާނަށް ދެއްވި ޖަވާބުން އެކަލޭގެފާނު ވަރަށް ހިތާމަ ކުރެއްވިއެވެ .އަދި އެއަށްފަހުގައި އެކަލޭގެފާނުގެ ބައްޕައާއި ޤައުމުގެ މީހުންނާ ދުރަށް ވަޑައިގެންނެވިއެވެ. އަދި އެ ރަށް ދޫކޮށްލައްވައި، ﷲގެ މަގަށް މީސްތަކުންނަށް ގޮވައިލެއްވުމަށް ވަޑައިގެންނެވިއެވެ.
_____________________________
މަޞްދަރު: قصص النبيين للأطفال