ގެފުޅު ބިނާ ކުރެއްވުން
ދުވަސްތަކެއް ފަހުން އިބްރާހީމްގެފާނު އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. ދެން ﷲ ތަޢާލާ ކަޢުބަތު ﷲ ގެފުޅު ބިނާ ކުރެއްވުމަށް އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ.
އެހިނދު އެ އަމުރުފުޅަށް ކިޔަމަންތެރިވެ ވަޑައިގެންނެވުމަށް އެކަލޭގެފާނު އަވަސްވެ ވަޑައިގެންނެވިއެވެ. އަދި މިކަމުގައި އިސްމާޢީލްގެފާނު އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވިއެވެ.
ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟
އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު، ގެފުޅު ބިނާކުރެއްވުމަށް ހިލަ އެއްކުރައްވައި އެފަދަ ހުރިހާ މަސައްކަތްޕުޅެއް ކުރެއްވިއެވެ. އަދި ގެފުޅު ބިނާކުރައްވަމުން ގެންދެވިއިރު އެ ދެބޭކަލުން ﷲ ގެ މަތިން ހަނދުމަ ކުރައްވާ މިފަދައިން ދުޢާ ކުރެއްވިއެވެ.
﴿رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ﴾ [سورة البقرة 127]
މާނައީ: “އަޅަމެންގެ ރައްބެވެ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ”.
އެ ދެބޭކަލުންގެ މި މަސައްކަތް ﷲ ތަޢާލާ ޤަބޫލުކުރެއްވިއެވެ. އަދި ގެފުޅަކީ ބަރަކާތްތެރި ތަނެއްގެ ކަމުގައި އެއިލާހު ލެއްވިއެވެ. އަދި އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުގައިވެސް އެކަލާނގެ ބަރަކާތްލެއްވިއެވެ.
ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟
އަހަރެމެން ކޮންމެ ނަމާދެއްގައިވެސް ކުރިމަތިލަނީ ގެފުޅަށެވެ. ޙައްޖުކޮށް ޢުމްރާ ކުރުމަށްވެސް ދަނީ ހަމަ އެ ގެފުޅު ކައިރިއަށެވެ.
_____________________________
މަޞްދަރު: قصص النبيين للأطفال