އެއަށްފަހު ދަންނައެވެ. މި ބައިގައި އަޅުގަނޑުވާނީ އަބޫބަކުރު އަލްޚަތީބު (އަވަހާރަވީ 463 ހ) މިފޮތުގައި ގެނެސްފައިވާ ފުރަތަމަ ތިން ބައިގެ ތަޙުލީލުން ފުއްދާލާފައެވެ. އަދި އެކަމުގައި އުސްތާޒު ޔޫސުފް ޢުޝް އެފޮތް ނެރުއްވަމުން ގެންނަވާފައިވާ ވާހަކަތަކާއި ޙާޝިޔާތަކުން ފައިދާ ޙާޞިލުކޮށްފައިވާނެއެވެ. އެކަން އެގޮތަށް ކޮށްފައިވާނީ ސަބަބުތަކަކާ ހުރެއެވެ. އޭގެ ތެރޭގައި:
1- އެފޮތަކީ މިކަމުގައި އެންމެ ދުވަސްވީ އަދި އެންމެ ތަފްޞީލީ ފޮތްކަމުގައިވުން: އެހެނީ އެފޮތުގެ ކުރިން އެއްވެސް ފޮތެއްގައި އެފޮތުގެ މުއްލިފު އެ އެއްކުރައްވާފައިވާ ވަރާ އެއްވަރަށް އެއްކޮށްފައި ނުވެއެވެ. އަދި އޭގެ ފަހުންވެސް އެފަދަ ފޮތެއް ލިޔެވިފައި ނުވެއެވެ. އެހެނަސް އެކަލޭގެފާނާ އެއް ދުވަސްވަރެއްގައި އުޅުއްވި އަލްޙާފިޡު އިބްނު ޢަބްދުލް ބައްރު (އަވަހާރަވީ 463 ހ) ވަނީ “جامع بيان العلم” މިފޮތުގައި ހަމަ އެފަދަ ފޮތެއް އެކުލަވާލެއްވުމަށް މަސައްކަތް ކުރައްވާފައެވެ. އެހެނެއްކަމަކު އެފޮތަކީ އަލްޚަޠީބުގެ ފޮތް ފަދަ ތަފްޞީލީ އަދި ޝާމިލު ފޮތެއް ނޫނެވެ. އަދި އޭގެ އިތުރަށް އަލްޚަޠީބުގެ ފޮތުގެ ތަރުތީބާއި ގުޅިލާމެހިގެން އައިސްފައިވާ ގޮތްވެސް މާ ރަނގަޅެވެ.
2- އަލްޚަޠީބު އެކަލޭގެފާނުގެ ފޮތުގައި މި މައުޟޫޢުގައިވާ ރިވާޔަތްތައް ޖަމާކޮށް ދިރާސާކުރެއްވުމަށް ފަހުގައި ގެންނަވާފައިވާ ނަތީޖާތަކަކީ ވަރަށް މުހިންމު ނަތީޖާތަކެއް: އަޅުގަނޑަށް އެއިން ފެނުވީ ސުންނަތް ރައްކާތެރިކުރެވުނު ގޮތާ ބެހޭގޮތުން ކުރެވޭ ސުވާލުތަކަށް ހުރި ފުރިހަމަ ޖަވާބުތަކެކެވެ. އެއީ މުސްތަޝްރިގުންނާއި އިސްލާމްދީނަށް ނިސްބަތްވާ އެފަދަ އެހެން މީހުން އެ ގެނެސްފައިވާ ޝުބުހަތަކަށް ހުރި ވަރުގަދަ ޖަވާބުތަކެކެވެ. އެކަން ފެށުނު ގޮތާއި ފެށުނު ދުވަސް ވަރު އޭގައިވެއެވެ. ފަހެ އެފަދަ މީހުން އަބޫ ސަޢީދު އަލްޚުދްރީގެ ޙަދީޘުގެ ބޭރު ފުށުގެ މާނައިން ދަލީލު ނަގައިގެން ސުންނަތް ލިޔުން މަނާކަމުގައި ބުނާ ބުނުމަށްވެސްމެއެވެ. އަދި ސުންނަތް ރައްކާކުރަން ފެށުނީ އިމާމުއް ޒުހުރީގެ ޒަމާނުގައި ކަމުގައި ބުނުމަށްވެސްމެއެވެ. [1]
= ނުނިމޭ =
_________________________
[1] އަލްޚަޠީބު އެކަލޭގެފާނުގެ ފޮތުގެ ތިންވަނަ ޤިސްމުގެ ހަތަރުވަނަ ފަޞްލު ނިމޭކޮޅުގައި (ص: 115 – 116) ވިދާޅުވެފައިވެއެވެ. “ފޮތްލިޔުމާއި ރައްކާކުރުމަކީ އެއީ ރަނގަޅުކަމެއްކަމުގައި އަދި ހުއްދަކަމެއްކަމުގައި ބަޔާންކޮށްދޭ މަޝްހޫރު އަޘަރުތަކާއި ޢާލަމުތަކުގެ ވެރި ރައްބުގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ރައްކާކުރެވިފައިވާ ޚަބަރުތަކާއި އުންމަތުގެ ސަލަފުން رضي الله عنهم ގެ ކިބައިން އައިސްފައިވާ ޚަބަރުތައް ތިމަންކަލޭގެފާނުވާނީ ގެންނަވާފައެވެ… “