ޞުލްޙަކުރުން ނަންގަތް ބާބު
﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّـهُ بَيْنَهُمَا ۗ إِنَّ اللَّـهَ كَانَ عَلِيمًا خَبِيرًا﴾ [سورة النساء 35]
މާނައީ: “އެ ދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ ﷲ، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހު ކަމުގައިވެއެވެ.”
﴿لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ﴾ [سورة النساء 114]
މާނައީ: “ޞަދަޤާތެއްކުރުމަށް ނުވަތަ ހެޔޮކަމެއް ކުރުމަށް ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙައެއް އުފެއްދުމަށް އަމުރުކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެބައިމީހުން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ.”
﴿وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ﴾ [سورة النساء 128]
މާނައީ: “ފިރިމީހާ ދުރުހެލިވެ ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ.”
﴿وَأَصْلِحُوا ذَاتَ بَيْنِكُمْ﴾ [سورة الأنفال 1]
މާނައީ: “އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙު ކުރާށެވެ!”
﴿وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّـهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ [٩] إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ﴾ [سورة الحجرات 9-10]
މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އޭގެ ތެރެއިން އެއްބަޔަކު ޞުލްޙަވުމަށް ދެކޮޅު ހަދައި (އަނެއް ބަޔަކު ޞުލްޙަވުމަށް އިޖާބަދީފިނަމަ) އެ ދެކޮޅުވެރިވި މީހުން ﷲ ގެ އަމުރުފުޅަށް ރުޖޫޢަވެއްޖައުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަކުރާށެވެ! ފަހެ، އެބައިމީހުން ރުޖޫޢަވެއްޖެނަމަ ފަހެ، ޢަދުލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. [9] މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ!”