[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 1

  • ޢަޖައިބުކުރަނިވި ހުވަފެން

 

ޔޫސުފުގެފާނަކީ ވަރަށް ތުއްޕުޅު ބޭފުޅެކެވެ. އެކަލޭގެފާނުގެ އެއްބަފާ އެގާރަ ފިރިހެން ބޭކަލުން ތިބެއެވެ. ޔޫސުފުގެފާނަކީ ވަރަށް ރީތި ބޭފުޅެކެވެ. އެކަލޭގެފާނަކީ ވަރަށް ބުއްދިވެރި ބޭފުޅެކެވެ. އެކަލޭގެފާނުގެ ބޭބޭމެންނަށް ވުރެ ޔޫސުފުގެފާނު ދެކެ އެކަލޭގެފާނުގެ ބައްޕާފުޅު، ޔަޢުޤޫބުގެފާނު ލޯބިވެވަޑައިގަންނަވައެވެ. އެއް ރެޔަކު ޔޫސުފުގެފާނަށް ވަރަށް ޢަޖައިބުކުރަނިވި ހުވަފެނެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އިރާއި ހަނދާ އަދި އެގާރަ ތަރި އެކަލޭގެފާނަށް ސަޖިދަކުރާ ތަނެވެ. އެ ހުވަފެން ފެނިވަޑައިގަތުމުން ތުއްޕުޅު ޔޫސުފުގެފާނު ވަރަށް ބޮޑަށް ހައިރާންވެވަޑައިގަތެވެ. އެގާރަ ތަރިއާއި އިރާ އަދި ހަނދު މީހަކަށް ސަޖިދަކުރާނީ ކިހިނެތް ހެއްޔެވެ؟

ހުވަފެނުގެ މާނައެއް އެކަލޭފާނަށް ވިސްނިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން ތުއްޕުޅު ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު ކައިރިއަށް ވަޑައިގެން، ފެނިވަޑައިގެންނެވި ޢަޖައިބުކުރަނިވި ހުވަފެން ކިޔައިދެއްވިއެވެ.

އެކަލޭގެފާނު މިފަދައިން ވިދާޅުވިކަމަށް ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

﴿إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ﴾ [1]

މާނަ: “ޔޫސުފްގެފާނު، އެކަލޭގެފާނު ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ.”

އެކަލޭގެފާނުގެ ބައްޕާފުޅަކީ ނަބީބޭކަލެކެވެ. ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި، ހުވަފެންފުޅާމެދު ޔަޢުޤޫބުގެފާނު އުފާކުރެއްވިއެވެ. އެކަލޭގެފާނު ޔޫސުފުގެފާނަށް ވިދާޅުވިއެވެ. ﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ. ތިޔަ ހުވަފެންފުޅުން އެނގެނީ މުސްތަޤްބަލުގައި ތިބާއަށް ވަރަށް ބޮޑުކަމެއް ﷲ ތަޢާލާ ދެއްވާނެކަމެވެ. އެއީ ޢިލްމުވެރިކަމާއި ނަބީކަމެވެ.

ހަމަ ޔަޤީނުންވެސް މީގެ ކުރިން ދަރިފުޅުގެ ކާފާފުޅު، އިސްޙާޤުގެފާނަށް ވެސް ﷲ ނަބީކަން ދެއްވިއެވެ. އަދި ދަރިފުޅުގެ މުނިކާފާފުޅު، އިބްރާހީމްގެފާނަށް ވެސް ﷲ ތަޢާލާ ނަބީކަންދެއްވިއެވެ. ﷲ ތަޢަލާ ދަރިފުޅަށް، އެބޭކަލުންނަށް ދެއްވި ނިޢުމަތް (ނަބީކަން) ދެއްވާނެވެ. އަދި ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅަށް ވެސް މި ނިޢުމަތް ދެއްވާނެއެވެ.

ޔަޢުޤޫބުގެފާނަކީ ވަރަށް މުސްކުޅި ބޭފުޅެކެވެ. އެކަލޭގެފާނަށް މީސްތަކުންގެ ގޮތް އެނގެއެވެ. އަދި ޝައިޠާނާ މީސްތަކުންގެ މައްޗަށް ގަދަވެގަނެ، ކާމިޔާބު ހޯދާ ގޮތް ވެސް އެކަލޭގެފާނަށް ދެނެވަޑައިގަންނަވައެވެ. އަދި ޝައިޠާނާ ކާމިޔާބު ހޯދަން ބޭނުން ކުރާ ތަފާތު އުކުޅުތައް ވެސް އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. އެއްވެސް އަޚަކަށް (އެއްބަނޑު އެއްބަފާ މީހަކަށް) ތިޔަ ފެނުނު ހުވަފެން ކިޔައި ނުދޭށެވެ. އެމީހުންނަށް އެނގިއްޖެނަމަ އެމީހުން ހަސަދަވެރިވާނެއެވެ. އަދި ތިބާއާ ޢަދާވާތްތެރިވާނެއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

 

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف 4