[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 3

  • ޔަޢުޤޫބުގެފާނުގެ އަރިހަށް އައި ވަފްދު

ޔޫސުފުގެފާނާމެދު ޔަޢުޤޫބުގެފާނު ވަރަށް ބިރުފުޅު ވަޑައިގަންނަވައެވެ. ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނާމެދު ޙަސަދަވެރިވާކަމާ އަދި ލޯބިނުވާކަންވެސް ޔަޢުޤޫބުގެފާނު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން އެ އަޚުންނާއެކު ޔޫސުފުގެފާނު އެއްވެސް ތަނަކަށް ނުފޮނުއްވައެވެ. ދުރުތަނަކަށް އެކަލޭގެފާނު ވަޑައެއް ނުގަންނަވައެވެ. ދެން ތިއްބެވި އަޚުންނަށް އެކަން އެނގެއެވެ. އެހެނެއްކަމަކު ޔޫސުފުގެފާނާމެދު ނުބައިކޮށް ކަންތައް ކުރަން، އެބައިމީހުން ޢަޒުމުކަނޑައަޅައިފިއެވެ. ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނާ ދެކޮޅަށް ރޭވި ރޭވުމަށްފަހު، ޔަޢުޤޫބުގެފާނުގެ އަރިހަށް ދިޔައެވެ.

އެބައިމީހުން ބައްޕާފުޅަށް ދެންނެވިއެވެ. އަހަރުމެންނާއެކު ޔޫސުފު ނުފޮނުއްވަނީ ކީއްވެ ހެއްޔެވެ؟ ބިރުފުޅުވަޑައިގަންނަވަނީ ކޮންކަމަކާތޯއެވެ؟ އެއީ އަހަރުމެން އެންމެން އެންމެ ބޮޑަށް ލޯބިވާ ކޮއްކޮއެވެ. އަދި އަހަރުމެންގެ އެންމެ ކުޑަ ކޮއްކޮއެވެ. އަހަރުމެން އެންމެންނަކީ ބައްޕާފުޅުގެ ދަރީންނެވެ. އަޚުން ކުޅޭނީ އަބަދުވެސް އެމީހުންގެ އަޚުންނާ އެކުގައެވެ. އަހަރުމެން އެންމެން އެކުގައި ބޭރަށް ގޮސް ނުކުޅެންވީ ކީއްވެ ހެއްޔެވެ؟ އެބައިމީހުން ބައްޕާފުޅު، ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ.

﴿أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ﴾[1]

މާނަ: “ކައިބޮއި، އުފާކޮށް ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކު، މާދަމާ އެކަލޭގެފާނު (ޔޫސުފުގެފާނު) ފޮނުއްވާށެވެ! ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމެވެ.”

ޔަޢުޤޫބުގެފާނު މުސްކުޅި ބޭފުޅެކެވެ. ނަމަވެސް އެކަލޭގެފާނަކީ ވަރަށް ވިސްނުން ތޫނު ބޭފުޅެކެވެ. ޔޫސުފުގެފާނު އެކަލޭގެފާނާ ދުރަށް ވަޑައިގަތުމަށް، ޔަޢުޤޫބުގެފާނު އެއްވެސް މިންވަރަކަށް ބޭނުންފުޅުވެވަޑައެއް ނުގަންނަވައެވެ. ޔޫސުފުގެފާނަށް ކަމެއް ވެދާނެކަމަށްޓަކައި ޔަޢުޤޫބުގެފާނު އަބަދުވެސް ބިރުފުޅުވަޑައިގަންނަވައެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.

﴿وَأَخَافُ أَن يَأْكُلَهُ الذِّئْبُ وَأَنتُمْ عَنْهُ غَافِلُونَ﴾ [2]

މާނަ: “އަދި ތިޔަބައިމީހުން އޭނާގެ މަތިން ޣާފިލުވެގެން ތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގަނެެެވެ.”

އަޚުން ދެންނެވިއެވެ. އަހަރުމެންފަދަ ޒުވާން، ބާރުގަދަ ބަޔަކު ތިއްބާ، މިނިކާވަގަކަށް ޔޫސުފު ކާލެވޭނީ ކިހިނެތް ހެއްޔެވެ؟! އެހެންނެއް ނުވާނެއެވެ. ޔޫސުފުގެފާނު ރައްކާތެރި ކުރާނެ ކަމުގެ ޔަޤީންކަން ޔަޢުޤޫބުގެފާނަށް އެބައިމީހުން ދިނުމުން، އެމީހުންނާއެކު ދިއުމަށް ޔޫސުފުގެފާނަށް ހުއްދަ ދެއްވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

[1] يوسف 12

[2] يوسف 13