ﷲ އަށް ޙަމްދުކުރަމެވެ.
ކޮޅަށްހުރެ ފެންބުއިން ނަހީކުރައްވާފައިވާ ވަރަށް ގިނަ ޙަދީޡްތައް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން ޙަދީޘްއެއްގައި ،އިމާމް މުސްލިމް -ރަޙިމަހުﷲ- (2024)، (2025)، އަނަސް އަދި އަބީ ސަޢީދް އަލް ޚުދްރީ – ރަޟިޔަﷲ ޢަންހުމާ- ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَجَرَ ( في لفظ : نَهَى) عَنْ الشُّرْبِ قَائِمًا)) .
“ހަމަކަށަވަރުން ކޮޅަށްހުރެ ފެންބުއިން ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއެވެ.”
އަދި އެހެން ބައެއް ޙަދީޘްތަކުގައި ނަބިއްޔާ صلى الله عليه وسلم ކޮޅަށް ހުންނަވައި ފެންފޮދު ހިއްޕެވިކަމަށް ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި، އިމާމް ބުޚާރީ (1637) އަދި އިމާމް މުސްލިމް (2027) އިބްނު ޢައްބާސް -ރަޟިޔަﷲ ޢަންހުމާ- ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
((سَقَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ)) .
“ތިމަންކަލޭގެފާނު ރަސޫލާ صلى الله عليه وسلم އަށް ޒަމްޒަމް ފޮދެއް އެރުއްވީމެއެވެ. ފަހެ އެކަލޭގެފާނު ކޮޅަށްހުންނަވައި އެ ފެންފޮދު ހިއްޕެވިއެވެ.”
ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު (ޢަލީގެފާނު) ކޮޅަށް ހުންނަވައި ފެންފޮދުހިއްޕެވިއެވެ. އަދި ވިދާޅުވިއެވެ.
“إِنَّ نَاسًا يَكْرَهُ أَحَدُهُمْ أَنْ يَشْرَبَ وَهُوَ قَائِمٌ، وَإِنِّي رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَعَلَ كَمَا رَأَيْتُمُونِي فَعَلْتُ” .
“މީހަކު ކޮޅަށްހުރެ ފެންބުއިމަކީ މަކްރޫޙަ ކަމެއްކަމުގައި ބަޔަކުމީހުން، ދެކެއެވެ. އެހެނަސް ތިމަންކަލޭގެފާނު މި ފެންފޮދުހިއްޕެވި ފަދައިން(ކޮޅަށް ހުންނަވައި) ނަބިއްޔާ صلى الله عليه وسلم ވެސް ފެންފޮދުހިއްޕެވީތީ ދެކެވަޑައިގަތީމެވެ.”
އަދި ޢަލީ ބްނު އަބީޠާލިބް ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމް ޢަހުމަދު ރަޙިމު ﷲ ރިވާކުރައްވާފައިވެއެވެ.
“ހަމަކަށަވަރުން ޢަލީގެފާނު ކޮޅަށްހުންނަވައި ފެންފޮދު ހިއްޕެއްވިއެވެ. ދެންފަހެ ބަޔަކުމީހުން އެކަންތައް މަނާކުރާފަދަ ނަޒަރަކުން އެކަލޭގެފާނާއި ދިމާލަށް ބެއްލެވިއެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.
“مَا تَنْظُرُونَ ! إِنْ أَشْرَبْ قَائِمًا فَقَدْ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَشْرَبُ قَائِمًا ، وَإِنْ أَشْرَبْ قَاعِدًا فَقَدْ رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَشْرَبُ قَاعِدًا” .
ތިޔަބައިމީހުން ތިޔަ ބައްލަވަނީ ކޮންފަދައަކުންތޯއެވެ؟ ތިޔަބައިމީހުން ތިޔަ ބައްލަވަނީ ތިމަންކަލޭގެފާނު ކޮޅަށްހުރެ ފެންފޮދު ހިއްޕެވީތީކަމުގައިވަނީނަމަ، ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ކޮޅަށްހުންވައި ފެންފޮދުހިއްޕެވީތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި ތިޔަބައިމީހުން ތިޔަ ބައްލަވަނީ ތިމަންކަލޭގެފާނު އިށީނދެއިނދެ ފެންފޮދު ހިއްޕެވީތީކަމުގައިވަނީނަމަ، ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އިށީނދެއިންނަވައި ފެންފޮދުހިއްޕެވީތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.”
އަޙުމަދު ޝާކިރު، އިމާމު އަޙްމަދުގެ މުސްނަދު ތަޙްޤީޤު ކުރެއްވުމަށްފަހު މިޙަދީޘްގެ އިސްނާދު ޞައްޙަ ކަމުގައި ވިދާޅުވެފައިވެއެވެ.
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން އިމާމް ތިރްމިޛީ (1881) ރިވާކުރައްވާފައިވެއެވެ.
“كُنَّا نَأْكُلُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنَحْنُ نَمْشِي ، وَنَشْرَبُ وَنَحْنُ قِيَامٌ” .
“އަހަރުމެން (ޞަޙާބީން) އެކަލޭގެފާނު ޒަމާނުގައި ހިންގަވާހާލު ކައިއުޅުއްވަމެވެ. އަދި ކޮޅަށްތިބޭ ހާލު ފެންފޮދުހިއްޕަވައި ހައްދަވަމެވެ.”
އަލްއަލްބާނީ މިޙަދީޘް ޞައްޙަކުރައްވާފައިވެއެވެ.
އިސްވެދިޔަ ޙަދީޘްތަކަށް ބެލުމަށްފަހު، ޢިލްމުވެރިން ވިދާޅުވަނީ އެޙަދީޘް (ކޮޅަށްހުރެ ފެން ބުއިން ނަހީކުރައްވާފައިވާ ޙަދީޘް) އައިސްފައިވަނީ ޙަރާމް ދަރަޖައިގައެއް ނޫންކަމަށެވެ. އެހެނެއްކަމަކު އެޙަދީޘް އައިސްފައިވަނީ އިރުޝާދެއްގެ ގޮތުގައިއެވެ. އަދި އިށީނދެއިނދެ ފެންބުއިން މާ ހެޔޮވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ކޮޅަށް ހުންނަވައި ފެންފޮދުހިއްޕެވިކަމަށް އައިސްފައިވާ ޙަދީޘްތަކުން އެކަމަކީ ހުއްދަކަމެއްކަމަށް ދަލީލުކޮށްދެއެވެ.
އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“މިޙަދީޘްތަކުގައި އެއްވެސް ކަހަލަ އޮޅުމެއް އަދި ޟަޢީފްކަމެއްވެސް ނެތެވެ. ހުރިހާ ޙަދީޘްއެއްވެސް ޞައްޙައެވެ. އަދި ރަނގަޅުގޮތަކީ، ނަހީއައިސްވަނީ (މަނާކުރުންއައިސްފައިވަނީ) އެކަމާ ވީހާވެސް ދުރުވެތިބުމަށް ބާރުއެޅުމަށްޓަކައިކަމެވެ. އަދި އެހެންމެ އިތުރު އެކަލޭގެފާނު ކޮޅަށްހުންނަވައި ފެންފޮދުހިއްޕެވުމުން އެކަމަކީ ހުއްދަކަމެއްކަމުގައި ބަޔާންވެގެންދެއެވެ.
ނަބިއްޔާ صلى الله عليه وسلم ކޮޅަށްހުންނަވައި ފެންފޮދުހިއްޕެވިކަމަށް ވާރިދުވެފައިވާއިރު، އެކަމަކީ މަކްރޫޙް ކަމެއްކަމުގައި ބުނެވެނީ ކީއްވެތޯ މީހަަކު ސުވާލުކޮށްފިނަމަ، ފަހެ އޭގެ ޖަވާބަކީ، ހުއްދަކަމެއް ބަޔާންކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ކުރައްވާފައިވާ ކަންތައްތަކަކީ މަކްރޫޙަކަމެއްކަމުގައެއް ނުބުނެވޭނެވެ. އެހެނެއްކަމަކު މީސްތަކުންގެ މައްޗަށް ކަންތައްތައް ބަޔާން ކޮށްދެއްވުމަކީ އެކަލޭގެފާނުގެ މައްޗަށް ވާޖިބެއްކަމުގައި ވީއިރު ދެން ފަހެ އެކަލޭގެފާނު ކުރެެއްވިކަމެއް މަކްރޫހަކަމެއްކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެއްފަހަރުން އެއްފަހަރުން ވުޟޫކުރެއްވިކަމަށާ އަދި ސަވާރީކޮޅުގައި ޠަވާފްކުރެއްވިކަމަށް ޘާބިތުވެފައިވާއިރު، ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންވަނީ ވުޟޫ ތިންފަހަރުން ކުރުމަށާއި، ޠަވާފް ފައިމަގުގައި ކުރުމީ އެއީ އެންމެ ފުރިހަމަގޮތްކަމުގައެވެ. އަދި މިއީ އެއް ޖުމްލައިން ނިންމާލެވޭ ވަރަށްވުރެ ފުޅާ މައުޟޫޢެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ކަމެއްގެ ހުއްދަކަން އެއްފަހަރުން ނުވަތަ އެތަކެއްފަހަރު ބަޔާންކުރެއްވުމަށް ފަހުވެސް، އެކަމެއްގައި އޮންނަ އެންމެ މޮޅުއިތުރުވެގެންވާ ގޮތް ޚިޔާރުކުރައްވައެވެ. އެކަލޭގެފާނު ވުޟޫކުރެއްވެވި ގިނަ ފަހަރުތަކުގައި ތިންފަހަރު މަތިން ގުނަވަންތައް ދޮންނެވުމާއި، ޠަވާފްކުރެއްވެވި ގިނަ ފަހަރު ފައިމަގުގައި ޠަވާފް ކުރެއްވުމާ އަދި ފެންބުއިމުގައި އިށީނދެވަޑައިގެން ފެންފޮދު ހިއްޕެވުމީ މިކަމުގެ ހެކިތަކެވެ. މިއީ ވަރަށް ސާފުކަމެކެވެ. ޢިލްމުގެ އެއްވެސް މިންވަރެއް އެނގިފައިވާ މީހަކު މިކަމުގައި ޝައްކެއް ނުކުރާނެއެވެ.”
ހުރިހާ ޙަދީޘްތަކެއް ޖަމްޢުކުމަށްފަހު ބުނެވެން އޮތް ބަހަކީ މިއީއެވެ. ފަހެ މިއީ ޚައްޠާބީ، އިބްނު ބައްޠާލް، ޠަބަރީ އަދި އެހެނިހެން ބައެއް ޢިލްމުވެރިންގެވެސް ރައުޔެވެ.
އަލްޙާފިޒް އިބްނު ޙަޖަރު “ފަތްޙުލް ބާރީ”ގައި ވިދާޅުވެފައިވެއެވެ.
“މިއީ އެންމެ ރިވެތިވެގެންވާ ގޮތެއެވެ. އަދި ސަލާމަތްކަމާއި ދެބަސްވުންތަކުން ދުރުވެގެންވާ ގޮތެއެވެ.”
ސަޢުދީޢަރަބިއްޔާގެ ފަތުވާދޭ މަޖްލީހުން ނެރުނު ފަތުވަގައި ވެއެވެ. (133/22)
“އަޞްލަކީ ކޮންމެ މީހަކުވެސް އިށީނދެ އިނދެ ފެންބުއިމެއެވެ. އެއީ އެންމެ ފުރިހަމަ ގޮތެވެ. އަދި މީހަކު ކޮޅަށްހުރެ ފެންބުއިމަކުން މައްސަލައެއް ނެތެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ދެގޮތަށް ކަންތައް ކުރައްވަވާފައިވުމުން، އެކަމަކީ ތަނަވަސްވެގެންވާ (ދެގޮތަށްވެސް ކުރެވޭ) ކަމެއްކަމަށް ދަލީލު ކޮށްދެއެވެ.”
________________