الحمد لله
ރޯދައަށް ހުންނަ ވަގުތުތަކުގައި މިސްވާކު ނުވަތަ ދަތްއުނގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމަކީ ހުއްދަކެމެކެވެ. އެހެނަސް އެއިން މިންވަރެއް ދިރުވުމުން ރައްކާތެރިވާން ޖެހޭނެއެވެ. އަދި ކިއެއް ހެއްޔެވެ. ރޯދަވެރިންނަށްވެސް އަދި އެނޫން މީހުންވެސް މިސްވާކު ބޭނުންކުރުމަކީ ސުންނަތެކެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“(ރޯދަވެރިން) ސިވާކު ބޭނުންކުރުމަކީ ޖާއިޒުކަމެއްކަމާމެދު ޚިލާފެއް ނެތެވެ. އެހެނަސް އިރުމެދުން ފިލުމަށްފަހު އެކަންކުރުމަކީ މަކްރޫހަކަމެއްކަމާމެދު މަޝްހޫރު ދެބަސްފުޅެއްވެއެވެ. އެއީ އިމާމު އަހުމަދުގެ އަރިހުން އައިސްފައިވާ ދެ ރިވާޔަތެވެ. އެހެނެއްކަމަކު މިސްވާކު ކުރުމަކީ ސުންނަތްކަމެއްކަމާމެދު އައިސްފައިވާ ޢާންމު ބަސްފުޅުތައް ޚާއްޞަކޮށް (އިރުމެދުން ފިލުމަށްފަހު ރޯދަވެރިޔާ މިސްވާކުކުރުމަކީ އެއީ މަކްރޫހަކަމެއްގައި) ބުނުމަށް ޝަރުޢީ ދަލީލެއް އައިސްފައިނުވެއެވެ.”
“الفتاوى الكبرى (474 / 2) “
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއަށް ސުވާލުދެންނެވުނެވެ.
ރޯދަވެރިޔާއަށް ދުވާލުގަޑީގައި އޭނާއަށް ސިވާކުކުރެވިދާނެ ހެއްޔެވެ؟
ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.
“ދުވާލު ގަޑީގައި އޭނާއަށް ސިވާކުކުރެވިދާނެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَوْلَا أَنْ أَشُقَّ عَلَى الْمُؤْمِنِينَ – وَفِي حَدِيث: عَلَى أُمَّتِي – لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ)) [رواه مسلم]
މާނައީ: މުއުމިނުންނަށް ދަތިކަމަކަށް ނުވާނެނަމަ – އެހެން ޙަދީޘެއްގައިވަނީ: ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ދަތިކަމަކަށް ނުވާނެނަމަ – ކޮންމެ ނަމާދަކާއެކު ސިވާކުކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ.
މިޙަދީޘްގައި ރޯދަވެރިޔާއާއި އެނޫން މީހުންވެސް މެންދުރުނަމާދާއި ޢަޞުރުނަމާދަށް މިސްވާކުކުރުންވެސް ހިމެނެއެވެ. އަދި އެކަން މަނާކުރާ ޞައްޙަ ދަލީލެއް އޮތްކަމެއް އެނގިފައެއް ނެތެވެ.”
“فتاوى اللجنة الدائمة” (328/10).
އައްޝައިޚު އިބްނު ބާޒް رحمه الله އާ ސުވާލުދެންނެވުނެވެ.
ރޯދަވެރިން ދަތް އުނގުޅާ ބޭސްބޭނުންކުރުމަކީ ކޮންކަހަލަކަމެއް ހެއްޔެވެ؟
ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.
“ސިވާކުކުރުމުން ރޯދަ ނުގެއްލޭ ފަދައިން ދަތް އުނގުޅާ ބޭސް ބޭނުންކުރުމުންވެސް ރޯދަ ނުގެއްލޭނެއެވެ. އެހެނަސް އޭގެން މިންވަރެއް ހަށިގަނޑުގެ ތެރެއަށް ދިޔުމާމެދު ސަމާލުވާ ހުށިކަމެވެ. ފަހެ ޤަޞްދެއް ނެތި އެފަދަ އެއްޗެއް އެތެރެއަށް ދިޔަޔަސް ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ.”
مجموع فتاوى الشيخ ابن باز (260/15) .
والله أعلم .
___________________