[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 7

  • ވަޅުން ރަސްކަމުގެ ކޮއިލަށް

 

ޤާފިލާއެއްގެ ބަޔަކު އެ ވަޅު ހުރި ހިސާބުން ދަތުރުކުރަމުން ދިޔައެވެ. އެމީހުން ތިބީ ވަރަށް ކަރުހިއްކާފައެވެ. ފެން ވަޅެއް ހުރިތޯ އެމީހުން ހޯދަން ފެށިއެވެ. ދުރުން ފެންވަޅެއް އެމީހުންނަށް ފެނުނެވެ. އެ މީހުންނަށް ފެން ގެނައުމަށްޓަކައި އެ ވަޅު ކައިރިއަށް މީހަކު ފޮނުވިއެވެ. އެ މީހާ އެ ވަޅު ކައިރިއަށް ގޮސް، ވަލެއްގަ އައްސާފައި ބާލީދީ އެއް ވަޅަށް ތިރިކުރިއެވެ. އޭގެ ތެރެއަށް ފެން ވަދެއްޖެ ކަމުގެ އިޙްސާސް އެ މީހާއަށް ކުރެވުމުން، ބާލިދީ މައްޗަށް ނަގަން ފެށިއެވެ. ބާލިދީ އާދަޔާ ޚިލާފަށް ބަރެވެ. ބާލިދީ މައްޗަށް ނެގުމުން، އޭގެ ތެރެއިން އެ މީހާ އަށް ފެނުނީ ކުޑަ ކުއްޖެކެވެ. އެ މީހާ ހައިރާންވެއްޖެ އެވެ. އެ މީހާ ވަރަށް ބާރަށް ޤާފިލާގެ މީހުންނަށް ގޮވިއެވެ.

﴿قَالَ يَا بُشْرَىٰ هَـٰذَا غُلَامٌ﴾ [1]

މާނަ:”އަދި އޭނާ ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ.”

ޤާފިލާގެ މީހުންނަށް ތުއްޕުޅު ޔޫސުފުގެފާނު ފެނުމުން ވަރަށް އުފާކުރިއެވެ. އަދި އެހެން މީހުންނަށް ނުފެންނާނެހެން އެކަލޭގެފާނު ފޮރުވިއެވެ. އަދި މިޞްރަށް އެމީހުން މިސްރާބު ޖެހިއެވެ. މިޞްރަށް އާދެވުމުން، އެރަށުގެ ބާޒާރަށް އެމީހުން ދިޔައެވެ. އޭގެ ތެރެއިން މީހަކު ހަރު އަޑުން ގޮވާލައިފިއެވެ. މި ކުޑަ ކުއްޖާ ގަންނާނީ ކާކު ހެއްޔެވެ؟ އަހަރުމެންގެ އަތުން މި ކުއްޖާ ގަންނާނީ ކާކު ހެއްޔެވެ؟

މިޞްރުގެ ޢަޒީޒަށް މިއަޑު އިވިގެން، މިކުއްޖާ ބަލާލި އިރު ވަރަށް ކަމުދިޔައެވެ. އެމީހުންނަށް ކުޑަ ދިރުހަމް ކޮޅެއް ދިނުމަށްފަހު، ޔޫސުފުގެފާނު ގަތެވެ. ވިޔަފާރިވެރީންނަށް މި ވިއްކުނީ ޔަޢުޤޫބުގެފާނުގެ ގެއްލިގެން އުޅޭ ޔޫސުފުގެފާނެއް ކަމެއް މި މީހުންނަށް ނޭނގެއެވެ. ޢަޒީޒު އޭނާގެ ގަނޑުވަރަށް ޔޫސުފުގެފާނު ގެންދިޔައެވެ. އަދި އޭނާގެ އަނބިކަނބަލޭގެއަށް ބުންޏެވެ. މި ކުއްޖާއަށް މާތްކޮށް ހިތާށެވެ. މިއީ ވަރަށް ބުއްދިވެރި ކުއްޖެކެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف 18