-
ޔޫސުފުގެފާނުގެ ޙިކުމަތް
ޔޫސުފުގެފާނުގެ ހަމަ އެކަނި އެކަލޭގެފާނުގެ ނަފްސަށް އަޑު އިވޭ ވަރަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ދެ މީހެއް، އެ މީހުންގެ ޙާޖަތެއް ފުއްދައި ދިނުމަށް ތިމަންކަލޭގެފާނުގެ އަރިހުން އެދެފިއެވެ. އަދި ހަމަޔަޤީނުންވެސް ޙާޖަތަށް އެދޭ މީހުންގެ ހިތަކީ މަޑު ހިތެކެވެ. އަދި ޙާޖަތަށް އެއެދެނީ ނިކަމެތި ކަމާއެކުގައެވެ. އެބަހީ އެކަމެއް ފުއްދައި ދިނުމަށް އެދޭ އުންމީދާ އެކުގައެވެ. ހަމަޔަޤީނުންވެސް ޙާޖަތަށް އެދޭ މީހުން، އެ ޙާޖަތް ފުއްދާދޭ މީހާ ދައްކާ ވާހަކަ އަޑު އަހައި، ކިޔަމަންތެރި ވާނެއެވެ. ތިމަންކަލޭގެފާނު އެ ދެ މީހުންނާއި ވާހަކައެއް ދައްކައިފިނަމަ އެ ވާހަކައެއް އަޑު އަހާނެއެވެ. އަދި ޖަލުގައި ހައްޔަރުވެފައި ތިބި މީހުންވެސް އަޑު އަހާނެއެވެ.
އެކަމަކު ޔޫސުފުގެފާނު އަވަސްއަރައި ވަޑައިނުގެންނެވިއެވެ. އެހެނީ އަވަސް އަރައިގަތުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. އެހެނެއްކަމަކު އެ ދެ މީހުންނަށް ވިދާޅުވިއެވެ. ތި ދެ މީހުންނަށް ކާތަކެތި އައުމުގެ ކުރިން ހުވަފެނުގެ މާނަ ކިޔާދެއްވާނަމެވެ. އެފަދައިން ވިދާޅުވުމުން އެ ދެމީހުންގެ ހިތަށް ހިތްހަމަޖެހުން ލިބި އިށީނދެއްޖެއެވެ. ދެން އެއަށްފަހު އެ ދެ މީހުންނަށް ވިދާޅުވިއެވެ.
ހުވަފެން މާނަކުރަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.
﴿ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي﴾[1]
މާނަ: “އެއީ ތިމަންކަލޭގެފާނުގެ ރައްބު ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެތެރެއިންވާ ކަމެކެވެ.”
އެދެމީހުން ހިތަށް ހަމަޖެހުން ލިބި އުފާވެއްޖެއެވެ. އެހިނދު އެ ދެ މީހުންނަށް އިސްލާމްދީނަށް ގޮވައިލުމަށް ފުރުސަތު ޔޫސުފުގެފާނަށް ލިބިވަޑައިގެންފިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف 37