- (صحيح) عَنْ أَبِي هُرَيْرَةَ – رضي الله عنه – قَالَ: قَالَ رَسُولُ اللَّهِ – صلى الله عليه وسلم – فِي الْبَحْرِ: «هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ». أَخْرَجَهُ الْأَرْبَعَةُ، وَابْنُ أَبِي شَيْبَةَ وَاللَّفْظُ لَهُ، وَصَحَّحَهُ ابْنُ خُزَيْمَةَ وَالتِّرْمِذِيُّ، وَرَوَاهُ مَالِكٌ وَالشَّافِعِيُّ وَأَحْمَدُ.
މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަނޑުގެ ފެނާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އެއީ ޠާހިރު ވެގެންވާ އަދި ޠާހިރު ކޮށްދޭ ފެނެކެވެ. އަދި ކަނޑުގެ މުޅަ ތަކެތިވެސް ޙަލާލު ވެގެންވެއެވެ.”
(މިޙަދީޘް ރިވާ ކުރެއްވީ އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ އަދި އިބްނު މާޖާގެ އިތުރުން އިބްނު އަބީ ޝައިބާއެވެ. އަދި މިއީ އިބްނު އަބީ ޝައިބާގެ ލަފްޡެވެ. އަދި އިބްނު ޚުޒައިމާ އާއި އައްތިރްމިޛީ ވަނީ މި ޙަދީޘް ޞައްޚަ ކުރައްވާފައެވެ. އަދި އިމާމް މާލިކާއި އިމާމް ޝާފިޢީ އަދި އިމާމް އަޙްމަދުވެސް ވަނީ މިޙަދީޘް ރިވާ ކުރައްވާފައެވެ.)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ކަނޑުގެ ފެނާ ބެހޭ ގޮތުން މިފަދައިން ޙަދީޘް ކުރައްވާފައިވަނީ ޞަޙާބީއަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. “ބުލޫޣުލް މަރާމް” މި ފޮތް އެކުލަވާލުމުގައި އިބްނު ޙަޖަރު އަލް އަސްޤަލާނީ ގެންގުޅުއްވި އުސްލޫބުތަކުގެ ތެރޭގައި އިޚްތިސާރު ނުވަތަ ކުރުކޮށް ބައެއް ޙަދީޘްތައް ލިޔުއްވާފައިވާކަން ފާހަގަވެއެވެ. އޭގެ އެއް ބޭނުމަކީ ޙަދީޘް ޝަރަޙަ ކުރާއިރު، ޙަދީޘް އެއްކޮށް ބަޔާންކޮށް އިތުރު ތަފްޞީލު ތަކަށް ދިއުމެވެ. މިޙަދީޘް ވެސް ވަނީ މިދެންނެވި މަގުން އިޚްތިޞާރު ކުރެވިފައެވެ. ފަހެ ޙަދީޘް އެއްކޮށް ޛިކުރުކޮށްލާއިރު ވަނީ މިފަދައިންނެވެ.
سَأَلَ رَجُلٌ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّا نَرْكَبُ الْبَحْرَ وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ فَإِنْ تَوَضَّأْنَا بِهِ عَطِشْنَا أَفَنَتَوَضَّأُ مِنْ مَاءِ الْبَحْرِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: «هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ»
މާނަ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާ މީހަކު ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ކަނޑުގައި ދަތުރުފަތުރުކޮށް އުޅެމުއެވެ. އަދި އަހަރެމެން ބުއިމަށްޓަކައި ގެންގުޅެނީ މަދު ފެން ފޮދެކެވެ. ފަހެ އެއިން އަހަރެމެން ވުޟޫކޮށްފިނަމަ، ބޯ ފެންފޮދު ހުސްވެ އަހަރެމެން ފެނަށް ޖެހިދާނެއެވެ. ފަހެ ކަނޑުގެ ފެނުން އަހަރެމެންނަށް ވުޟޫ ކުރެވިދާނެ ހެއްޔެވެ؟ އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އެއީ ޠާހިރު ވެގެންވާ އަދި ޠާހިރު ކޮށްދޭ ފެނެކެވެ. އަދި ކަނޑުގެ މުޅަ ތަކެތިވެސް ޙަލާލު ވެގެންވެއެވެ.”
ޙަދީޘްގެ ޝަރަޙަ:
((އެއީ ޠާހިރު ވެގެންވާ އަދި ޠާހިރު ކޮށްދޭ ފެނެކެވެ.)):
(الطَهُوْر) އަކީ އޭގެ ޒާތުގައި ޠާހިރު އަދި އެހެން އެއްޗިހި ޠާހިރު ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެއެއްޗަކުން ޠާހިރުނުވެވޭ އެއްޗެއް ޠަހޫރު އެއްޗެއް ކަމުގައި ނުވާނެއެވެ. މިބާވަތުގެ ކަލިމަތަކުގެ އެހެން މިސާލަކަށް ބަލާއިރު، “ވަޟޫ” އަކީ ވުޟޫ ކުރަން ބޭނުންކުރާ ފެނެވެ. އަދި “ފަޠޫރު” އަކީ ރޯދަވީއްލަން ބޭނުންކުރާ ކާނާއެވެ.
ޙަދީޘުން ނެގޭ ފައިދާތަކާއި ފިޤްހީ މައްސަލަތައް:
ފުރަތަމަ ފައިދާ: ކަނޑު ފެނަކީ ޠާހިރު އެއްޗެއްކަމާއި ޠާހިރު ވެގަތުމަށްވެސް ބޭނުން ކުރެވިދާނެ އެއްޗެއްކަން. މިތަނުގައި ޠާހިރު ވެގަތުމޭ ބުނެވެނީ ވުޟޫ ކުރުމާއި ހިނައިގަތުމާއި ނަޖިސް ފިލުވާލުމުގެ މާނައިގައެވެ. ސަބަބަކީ ކަނޑު ފެނަކީ އޭގެ އަޞްލު ގޮތުގައިވާ ފެނުގެ ތެރެއިން ފެނެއް ކަމަށް ވާތީއެވެ. ވާރޭ ފެނާއި ކޯރު ފެނާއި ވަޅުފެނާއި ކަނޑުފެން ފަދަ އޭގެ އަޞްލު ގޮތުގައި ވާ ފެން ހިމެނެނީ ޠަހޫރު ފެނުގެ ތެރޭގައެވެ.
ދެވަނަ ފައިދާ: މި ޙަދީޘުން އެނގޭ ގޮތުގައި، ދީނީ ޢިލްމުވެރިޔަކާ ސުވާލެއް ކުރިމަތި ކުރެވޭ ހިނދު، ސުވާލު ކުރި މީހާ ވަނީ ޖަވާބުގެ އިތުރަށް، އިތުރު މަޢުލޫމާތަށް ޙާޖަތް ޖެހިފައި ކަމަށް ޢިލްމުވެރިޔާއަށް ހީވެއްޖެނަމަ، ސުވާލު ކުރި މީހާއަށް ފައިދާ ކުރާނޭހެން ޖަވާބު އިތުރަށް ތަފްޞީލުކޮށް އިތުރު ކަމަކަށް އަލި އަޅުވާލެވިދާނެއެވެ. އަދި މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުނގަންނައި ދިނުމުގެ އުސްލޫބެއްކަންވެސް އެނގިގެން ހިނގައްޖެއެވެ. އަދި ﷲ ޠަޢާލާވަނީ ޤުރްއާނުގައި މިއުސްލޫބު ބޭނުންކުރައްވާފައެެވެ. ފަހެ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿ يَسْأَلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَا أَنفَقْتُم مِّنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ ﴾ [سورة البقرة 521]
މާނަ: “މީސްތަކުން، އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހެޔޮތަކެތީގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ.”
މި އާޔަތުގައި މީސްތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާ ސުވާލު ކުރިމަތި ކުރައްވާފައިވަނީ މުދަލުން ހޭދަކުރާ ހިނދު، ހޭދަ ކުރަންވީ ކޮން އެއްޗަކުންތޯއެވެ. މިސުވާލަށް ޖަވާބު ދޭންވީ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވަނީ މުދަލުން ހޭދަކުރަންވީ ތަކެތި ބަޔާން ކުރެއްވުމަށްފަހު ހޭދަކުރަންވީ ކޮން ބަޔަކަށްކަން ވެސް ބަޔާން ކުރެއްވުމާ އެކީގައެވެ.
ތިންވަނަ ފައިދާ: ކަނޑުގެ ހުރިހާ ބާވަތެއްގެ ދިރުންތަކަކީވެސް ޙާލާލު ތަކެތިކަން. ސަބަބަކީ ޙަދީޘުގައި ((مَيْتَتُهُ)) ގެނެވިފައިވަނީ ޢަރަބި ބަހުގެ ޤަވާއިދުގެ ތެރެއިން މުފްރަދު މުޟާފުގެ ޙާލަތުގައެވެ. މި ޙާލަތުގައި ވާ ކަލިމައިގެ މުރާދު ނެގެނީ ޢާންމު މާނާގައެވެ. ވީމާ ކަނޑުގެ މުޅަތަކެތި ޙަލާލުވުން މާނަކުރެވެނީ ކަނޑުގެ ހުރިހާ ދިރުންތައްވެސް ޙަލާލު ކަމެވެ. އެއީ ދިރިހުއްޓާ ލިބުނުކަމުގައި ވީނަމަވެސް އަދި މަރުވާފަހުން ލިބުނު ކަމުގައިވިޔަސް މެއެވެ. އަދި މިތާނގައި ކަނޑުގެ ދިރޭ ތަކެތި ގިންތި ކުރެވެނީ ޠާހިރު އަދި ޙާލާލު ތަކެތި ކަމުގައެވެ. މި ބާބުގައި އަހަރެމެންނަށް އެނގެން ޖެހޭ ޤާޢިދާއެއް ވެއެވެ. އެއީ: ކޮންމެ ޙަލާލު އެއްޗަކީ ޠާހިރު އެއްޗެކެވެ. ނަމަވެސް ކޮންމެ ޠާހިރު އެއްޗަކީ ޙަލާލު އެއްޗެއް ނޫނެވެ. އަދި ކޮންމެ ނަޖިހަކީ ޙަރާމު އެއްޗެކެވެ. ނަމަވެސް ކޮންމެ ޙަރާމު އެއްޗަކީ ނަޖިހެއް ނޫނެވެ.
((ކޮންމެ ޠާހިރު އެއްޗަކީ ޙަލާލު އެއްޗެއް ނޫނެވެ.)): މީގެ ތެރޭގައި ސިނގިރޭޓާއި ހަޝީޝް ފަދަ މަސްތުވާ ތަކެއްޗާއި ވިހަ ފަދަ ހަށިގަނޑަށް ނުރައްކާތެރި ތަކެތި ހިމެނެއެވެ. މިޘާލަކަށް ވިހައަކީ ނަޖިހެއް ނޫނެވެ. ނަމަވެސް ވިހަ ކެއުން ނުވަތަ ބުއިމަކީ ޙަރާމް ކަމެކެވެ.
((ކޮންމެ ނަޖިހަކީ ޙަރާމު އެއްޗެކެވެ.)) : މީގެ ދަލީލަކީ ﷲ ޞުބުޙާނަހޫ ވަތައާލާގެ އަންނަނިވި ވަޙީ ބަސްފުޅެވެ.
﴿ قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ ﴾ [سورة الأنعام 145]
މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ ތަކެއްޗަކީ ހަމަ ނަޖިހެވެ.”
މި އާޔަތުގައި ﷲ ތަޢާލާ، އެތަކެތި ޙަރާމް ކުރެއްވިކަމުގެ ސަބަބެއްކަމުގައި ޛިކުރުކުރައްވާފައި ވަނީ އެއީ ނަޖިހެއް ކަމުގައިވުމެވެ.
((ކޮންމެ ޙަރާމު އެއްޗަކީ ނަޖިހެއް ނޫނެވެ.)) : މީގެ ތެރޭގައި ކުރިންވެސް ބުނެވުނު ފަދައިން ސިނގިރޭޓާއި ހަޝީޝް ފަދަ މަސްތުވާ ތަކެއްޗާއި ވިހަ ފަދަ ހަށިގަނޑަށް ނުރައްކާތެރި ތަކެތި ހިމެނެއެވެ. މިޘާލަކަށް ހަޝީޝް ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެއީ ނަޖިހެއް ނޫނެވެ.
ސުވާލު 1: މުޅަ ތަކެތި ޙަރާމްކަމުގައި ﷲ ޤުރްއާނުގައި ބަޔާން ކުރައްވާފައި ވާ އިރު، ކަނޑުގެ މުޅަ ތަކެތި ޙަލާލުކަމުގައިވާނީ ކިހިނަކުންތޯއެވެ؟
ޖަވާބު: ކީރިތި ޤުތްއާނުގައި އެފަދައިން ﷲ ވަޙީ ކުރައްވާފައިވާ އާޔަތުގައިވަނީ:
((حُرِّمَتْ عَلَيْكُمُ الْمَيْتَةُ)) މިފަދައިންނެވެ.
މާނަ: “މުޅަ ތަކެތި ވަނީ ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރެވިގެންނެވެ.”
މިއާޔަތް އައިސްފައިވަނީ އެއްގަމުގެ މުޅަ ތަކެއްޗާއި ކަނޑުގެ މުޅަ ތަކެތި ވެސް ހިމެނޭނޭހެން ޢާންމު ސީޣާގައެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެކޭ އެއްފަދައިން ޤުރްއާނުގައިވެސް ކަނޑުގެ މުޅަ ތަކެތި ހުއްދަކަމަށް ޢިޝާރާތް ކުރެވިފައި ވެއެވެ، ފަހެ ﷲ ވަޙީ ކުރަށްވާފައި ވަނީ:
﴿ أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَّكُمْ وَلِلسَّيَّارَةِ ۖ ﴾ [سورة المائدة 96]
މާނަ: “ކަނޑުގެ ކެޔޮޅުކަމުން ލިބޭ ތަކެއްޗާއި، އޭގެ ކާތަކެތި ކެއުން ތިޔަބައިމީހުންގެ މައްޗަށް ޙަލާލު ވެގެންވެއެވެ. އެކަނޑުން ލިބޭ ކާތަކެއްޗަކީ ތިޔަބައިމީހުންނަށާއި ދަތުރުވެރިންނަށްވާ ކޮއްތެއް ކަމުގައެވެ.”
މިއާޔަތުގައި ވާ ((وَطَعَامُهُ)) މާނަ: “އެކަނޑުން ލިބޭ ކާތަކެތި”- ގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. “އެއީ އެކަނޑުން މުޅަތަކެތީގެ ގޮތުގައި ފެންނަ ތަކެއްޗެވެ.”
ވީމާ މިއާޔަތާއި ޙަދީޘުން މިވަނީ ކުރީގެ އާޔަތުގައި “ޢާންމު” ޞީޣާގައިވާ ބައި “ޚާއްސަ” ކުރައްވާފައެވެ. އުސޫލީ ޤާޢިދާއެއްގައި ވެއެވެ. الخَاصُّ مُقَدَّمٌ عَلَى العَامِّ މާނަ: “ދެ ލަފްޒެއް ނުވަތަ ދަލީލެއް ފުށުއެރިއިރު، އެ ތަނުން އެކަތި ޚާއްޞަކޮށް އޮވެފައި، އަނެއް އެތި ޢާއްމުކޮށް އޮތްނަމަ، ޢާއްމުގެ މައްޗަށް ޚާއްޞަ އިސްކުރެވޭނެއެވެ.”
ހަތަރުވަނަ ފައިދާ: އަދި މި ޙަދީޘުން އެނގޭ ގޮތުގައި ޠަހޫރު ފެނުގައި މަހެއް މަރުވެ، އެފެން ތަޣައްޔަރު ވީ ނަމަވެސް (އެބަހީ އެފެނުގެ ރަހައަށް ނުވަތަ ވަހަށް ނުވަތަ ކުލައަށް ބަދަލު އައި ނަމަވެސް) އެފެން ވާހުށީ ޠަހޫރު ފެން ކަމުގައެވެ. ސަބަބަކީ އެފެން ތަޣައްޔަރުވީ ޠާހިރު އެއްޗަކުން ކަމަށް ވާތީއެވެ.
(فتح ذي الجلال والإكرام (1/54))
_____________________________