3- ޙަދީޘް ލިޔެ ޖަމާކުރުމަށް އެބޭކަލުންގެ ދަރިވަރުންނަށް ހިތްވަރުދެއްވުން. އަންނަނިވި މިޘާލުތަކުން އެކަން ހާމަވެގެންދާނެއެވެ.
ހ. ޢިލްމު ލިޔެރައްކާކުރުމަށް أنس بن مالك الأنصاري – رضي الله عنه – އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ހިތްވަރުދެއްވިއެވެ. އަދި ވިދާޅުވިއެވެ.
“އޭ ދަރިންނޭވެ! ޢިލްމު ލިޔެ ރައްކާކުރާށެވެ.”
އަދިވެސް އެކަލޭގެފާނު ވިދާޅުވެއެވެ.
“ނުލިޔާ މީހެއްގެ ކިބައިގައިވާ ޢިލްމަކީ އެއީ ޢިލްމެއްކަމުގައި ތިމަން ބޭކަލުން ދެކެވަޑައިނުގަންނަވަމެވެ.” [1]
ށ. حَبر الأمَّة (މިއުންމަތުގެ ޢިލްމުވެރިޔާ) ކަމުގައިވާ عبد الله بن عباس ގެ އެތައް ދަރިވަރުންނެއްގެ އަރިހުން އަލްޚަޠީބުލް ބަޣްދާދީވަނީ އަންނަނިވި ބަސްފުޅު ރިވާކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ލިޔެގެން ޢިލްމު ރައްކާތެރިކުރާށެވެ. ޢިލްމު އެންމެ ރަނގަޅަށް ރައްކާކުރެވޭނީ ލިޔެގެންނެވެ.” [2]
ނ. އަދި އަލްޚަޠީބުލް ބަޣްދާދީވަނީ ޢުމަރުގެފާނުގެ އަރިހުންވެސް އެތައް ސަނަދަކުން އަންނަނި ބަސްފުޅު ރިވާކުރައްވާފައެވެ.
“ލިޔެގެން ޢިލްމު ރައްކާކުރާށެވެ.” [3]
ރ. އަދި علي بن أبي طالب – رضي الله عنه – ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނުގެ އަރިހުން ދިރުހަމަކަށް ޢިލްމު ގަންނާނީ ކާކު ހެއްޔެވެ؟”
أبو خيثمة ވިދާޅުވިއެވެ. އެކަލޭގެފާނުގެ މުރާދަކީ: އެއްދިރުހަމަށް ދޭ ފަތްފުށް ގަނެގެން ޢިލްމު ލިޔާނީ ކޮންބޭކަލެއް ހެއްޔެވެ. [4]
= ނުނިމޭ =
_________________________
[1] تقييد العلم ص: 96، طبقات ابن سعد 7 / 14.
[2] تقييد العلم ص: 92، جامع بيان العلم 1 / 72.
[3] المصدر السابق.
[4] طبقات ابن سعد 6 /116 تقييد العلم ص: 90.