-
ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުން
ޔޫސުފުގެފާނު ވިދާޅުވިއެވެ.
﴿ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي﴾ [1]
މާނަ: “އެއީ ތިމަންކަލޭގެފާނުގެ ރައްބު ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިންވާ ކަމެކެވެ.”
އެހެނެއްކަމަކު ކޮންމެ، ކޮންމެ މީހަކަށް ﷲ ޢިލްމެއް ނުދެއްވައެވެ. ﷲ އާއި އަޅުކަން ކުރުމުގައި އެހެން ފަރާތެއް ބައިވެރިކުރާ މީހުންނަށް ﷲގެ ޢިލްމެއް ނުދެއްވައެވެ. ﷲ ތަޢާލާ ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވީ ކޮން އެއްޗެއްކަން ކަލޭމެން ދެ މީހުންނަށް އެނގޭ ހެއްޔެވެ؟ ހަމަކަށަވަރުން އަޅުކަން ކުރުމުގައި ﷲއާ އެހެން ފަރާތެއް ބައިވެރިކުރާ މީހުންގެ މަގު ތިމަންކަލޭގެފާނު ދޫކޮށްލެއްވީމެވެ.
﴿وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ﴾ [2]
މާނަ: “އަދި ތިމަންކަލޭގެފާނުގެ ކާބަފައިންކަމުގައިވާ، އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނުގެ ދީނަށް ތިމަންކަލޭގެފާނު ތަބާވެވަޑައިގަތީމެވެ.”
﴿مَا كَانَ لَنَا أَن نُّشْرِكَ بِاللَّـهِ مِن شَيْءٍ﴾ [3]
މާނަ: “ﷲ އަށް އެއްވެސް އެއްޗެއް ޝަރީކުކުރުމަކީ ތިމަންމެންނަށް އޮތްކަމެއް ނޫނެވެ.”
ޔޫސުފުގެފާނު ވިދާޅުވިއެވެ. ﷲ އެއްކައުވަންތަކޮށް އުޅެން ޖެހެނީ އަހަރުމެން އެކަންޏެއް ނޫނެވެ. އެކަމަކު ހުރިހާ އެންމެންގެ މައްޗަށްވަނީ ﷲ އަށް އަޅުކަން ކުރުމެވެ. އެބަހީ: އަޅުކަން ކުރުމުގައި އެ އިލާހާއި އެހެން ފަރާތެއް ބައިވެރިކޮށްގެން ނުވާނެއެވެ.
﴿ذَٰلِكَ مِن فَضْلِ اللَّـهِ عَلَيْنَا وَعَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ﴾ [4]
މާނަ: “އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް ﷲ ދެއްވި ފަޟްލުވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަ މީހުން (އެކަލާނގެއަށް) ޝުކުރެއް ނުކުރެއެވެ.”
އެ ހިސާބަށް ވިދާޅުވުމަށް ފަހު އެކަލޭގެފާނު ހުއްޓަވައިލައްވާފައި އެ ދެ މީހުންނާއި ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުން ބުނެ އުޅެނީ އެއްގަމުގެ ކަލާނގެ، ކަނޑުގެ ކަލާނގެ، ރިޒްޤު ދެއްވާ ކަލާނގެ، ވާރޭ ވެއްސަވާ ކަލާނގެއެވެ. އެހެނީ މި ފަދައިން ނަންތައް ދީގެން ބައިވަރު ކަލާނގެތައް ތިޔަބައިމީހުން ގެންގުޅެއެވެ. އަހަރުމެން ބުނަނީ ﷲ އީ ޢާލަމްތަކުގެ ވެރި ރައްބުކަމުގައެވެ.
﴿يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ﴾[5]
މާނަ: “އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ ﷲ ހެއްޔެވެ؟”
ތިޔަބައިމީހުން ތިޔަ ބުނާ އެއްގަމުގެ ކަލާނގެ އާއި ކަނޑުގެ ކަލާނގެ އާއި ރިޒްޤު ދެއްވާ ކަލާނގެ އަދި ވާރޭ ވެއްސަވާ ކަލާނގެ ކޮބާ ހެއްޔެވެ؟
﴿أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ﴾ [6]
މާނަ: “އެ ތަކެތި ބިމުން ހެދީ ކޮންތަނެއްކަން ތިމަންކަލޭގެފާނަށް، ތިޔަބައިމީހުން ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެއްދެވުމުގައި ބައިވެރިވުމެއް އެ ތަކެއްޗަށްވަނީ ހެއްޔެވެ؟”
ތިޔަބައިމީހުން ނިކަން ބިންގަނޑަށް ބަލައިބަލާށެވެ! އަދި ތިޔަބައިމީހުން ނިކަން އިންސާނާއަށް ބަލައިބަލާށެވެ!
﴿هَـٰذَا خَلْقُ اللَّـهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ﴾ [7]
މާނަ: “މިއީ ﷲ ގެ ހެއްދެވުމެވެ. އެއިލާހު ނޫން ފަރާތްތަކެއް ހަދާފައިވަނީ ކޮން އެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފަހެ ދައްކައިބަލާށެވެ!”
އެއްގަމުގެ ކަލާނގެއަކަށް ވާނީ ކިހިނެތް ހެއްޔެވެ؟
ކަނޑުގެ ކަލާނގެއަކަށް ވާނީ ކިހިނެތް ހެއްޔެވެ؟
ރިޒްޤު ދެއްވާ ކަލާނގެ އަކަށް ވާނީ ކިހިނެތް ހެއްޔެވެ؟
ވާރޭވެއްސަވާ ކަލާނގެ އަކަށް ވާނީ ކިހިނެތް ހެއްޔެވެ؟
ޔޫސުފުގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުން ދީގެން އުޅޭ ނަންތަކެވެ.
﴿سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم﴾ [8]
މާނަ: “އެ ބުދުތަކަށް ނަން ދީފައިވަނީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކާބަފައިންނެވެ.”
ޙުކުމްކުރެއްވުންވަނީ ﷲ އަށެވެ. ވެރިކަން ލިބިވޮޑިގެންވަނީ ﷲ އަށެވެ. ބިން ވަނީ އެކަލާނގެއަށެވެ. ހުރިހާ ކަމެއް ވަނީ ﷲ ގެ އިރާދަފުޅުންނެވެ.
﴿أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ﴾ [9]
މާނަ: “އެއިލާހަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް، އެއިލާހު ވަނީ އަމުރު ކުރައްވާފައެވެ.”
﴿ذَٰلِكَ الدِّينُ الْقَيِّمُ﴾ [10]
މާނަ: “އެއީ ޙައްޤު ތެދު ދީނެވެ. (އެބަހީ އިސްލާމްދީނެވެ.)”
﴿وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ﴾[11]
މާނަ: “އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް، (އެކަމެއް) ނޭނގެއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف 37
[2] يوسف 38
[3] يوسف 38
[4] يوسف 38
[5] 39 يوسف
[6] فاطر 40
[7] لقمان 11
[8] الأعراف 71
[9] يوسف 40
[10] التوبة 36
[11] الجاثية 26