-
ބިމުގެ ޚަޒާނާތައް ބެލެހެއްޓެވުން ޔޫސުފުގެފާނާއި ހަވާލުކުރެއްވުން
އަމާނާތަށް މީހުން ފަރުވާކުޑަކުރާކަމާއި މީސްތަކުންގެ ތެރޭގައި ޚިޔާނާތްތެރިން ގިނަކަން ޔޫސުފުގެފާނަށް ފާހަގަވެވަޑައިގަތެވެ. ﷲ ތަޢާލާ ދެއްވި މުދަލަށް، މީސްތަކުން ޚިޔާނާތްތެރިވާތަން އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. ބިމުގައި ވަރަށް ގިނަ ޚަޒާނާތައްވާކަން ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް، އެ ޚަޒާނާތަކަށް ވެރިންނާއި އަމީރުން ޚިޔާނާތްތެރިވަމުންދާކަން އެގިވަޑައިގެންނެވިއެވެ. އެބައިމީހުން އެ ޙަޒާނާތަކާމެދު ﷲ އަށް ބިރުވެތި ނުވެއެވެ.
އެއިން ކައިބޮއި އުޅެނީ އެމީހުންނާއި، އެމީހުން ގެންގުޅޭ ކުއްތާތަކެވެ. ގިނަ ފަހަރު ފަޤީރުން އުޅެނީ ކާނެ އެއްޗެއްވެސް ނުލިބިއެވެ. އަދި ލާނެ އަންނައުނެއް ވެސް ނުލިބިއެވެ. އެ ޚަޒާނާތަކަށް ރައްކާތެރިވާނެ މީހެއްގެ ފަރާތުން މެނުވީ މީސްތަކުންނަށް ފައިދާއެއް ނުކުރާނެއެވެ. ހަމަޔަޤީނުންވެސް ޚަޒާނާތަކަށް ރައްކާތެރިވެވޭނީ، އެކަމުގެ ޢިލްމު އެ މީހެއްގެ ކިބައިގައި ހުރެގެންނެވެ.
ބިމުގެ ޚަޒާނާތަކަކީ ކޮބައިކަން ނޭނގި އަދި އެއިން ފައިދާ ހޯދޭނީ ކިހިނެތްކަން ނޭނގޭ މީހަކު އެއަށް ރައްކާތެރިވާނީ ކިހިނެތް ހެއްޔެވެ؟ އެކަމުގެ ޢިލްމު ނެތް މީހަކުނަމަ، އެ ޚަޒާނާތަކުން ކައި، އެއަށް ޙިޔާނާތްތެރި ވާނެއެވެ.
ޔޫސުފުގެފާނަކީ ޚަޒާނާތަކަށް ރައްކާތެރިވާނެ، އެކަމުގެ ޢިލްމު ހުރި ބޭފުޅެކެވެ. ފަޤީރުން ބަނޑުހައިކަންމަތީ ތިބޭއިރު، ވެރިން އެއިން ޚިޔާނާތްތެރިވަމުން ދާތަން ބައްލަވަން ހުންނަވަން ޔޫސުފުގެފާނު ބޭނުންފުޅުވެވަޑައި ނުގެންނެވިއެވެ. އެކަލޭގެފާނަކީ ޙައްޤު ބަޔާންކުރައްވަން ލަދުވެތިވާ ބޭކަލެއް ނޫނެވެ. ޔޫސުފުގެފާނު ރަސްގެފާނަށް ދެންނެވިއެވެ.
﴿اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ﴾ [1]
މާނަ: “(މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހެކެވެ.”
އެހިނދުން ފެށިގެން މިޞްރުގެ ޚަޒާނާތައް އަމާނާތްތެރިކަމާއެކު ޔޫސުފުގެފާނު ބަލަހައްޓަވަން ފެއްޓެވިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 55 يوسف