-
ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް އައުން
ޔޫސުފުގެފާނު ޚަބަރުދެއްވި ފަދައިން މިޞްރާއި ޝާމްކަރައިގެ ބިމުގައި ބަނޑުހައިހޫނުކަން ޢާންމުވާން ފެށިއެވެ. މިޞްރުގެ ޚަޒާނާ ބަލަހައްޓަވަން ހުންނެވި ބޭކަލަކީ މީސްތަކުންނަށް އޯގާތެރި ރަޙުމްކުރައްވާ ބޭފުޅެއްކަން، ޝާމުކަރައިގެ މީހުންނަށާއި، ޔަޢުޤޫބުގެފާނަށް ޚަބަރު ލިބިވަޑައިގަތެވެ. ޝާމްކަރައިގެ މީހުން ޔޫސުފުގެފާނުގެ އަރިހަށް ގޮސް އެމީހުންގެ އަހުލުވެރިންނަށް ކާތަކެތި ގެނެއެވެ.
މިޞްރަށް ގޮސް ކާބޯތަކެތި ގެނައުމަށްޓަކައި، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް ފައިސާ ދެއްވިއެވެ. އަދި ބިންޔާމީނު ފިޔަވާ އެހެން ހުރިހާ ދަރިން މި ދަތުރުގައި ބައިވެރިވިއެވެ. ބިންޔާމީނު ޔަޢުޤުބުގެފާނުގެ އަރިހުގައި ބެހެއްޓެވީ، އެކަލޭގެފާނު ބިންޔާމީނުދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. އެކަލޭގެފާނާއި ބިންޔާމީނު ދުރަށް ވަޑައިގަތުމަށް، ބޭނުންފުޅުވެވަޑައެއް ނުގެންނެވިއެވެ. ބިންޔާމީނަށް ކަމެއް ވެދާނެތީ ޔަޢުޤޫބުގެފާނު ބިރުފުޅުގަނެއެވެ. އެއީ ޔޫސުފުގެފާނާމެދު ބިރުވެތިވީ ފަދައިންނެވެ. ޔޫސުފުގެފާނު ކައިރިއަށް ދިއުމަށް، އެކަލޭގެފާނު އަޚުން ދަތުރު ފައްޓައިފިއެވެ. އެމީހުންނަށް މިދެވެނީ ޔޫސުފުގެފާނުގެ އަރިހަށް ކަމެއް ނޭނގެއެވެ. އަދި އެމީހުންނަށް މިދެވެނީ، އެމީހުން ވަޅަށް އެއްލާލި ޔޫސުފުގެފާނު ކައިރިއަށް ކަމެއް ނޭނގެއެވެ. އެމީހުން ހީކުރީ ޔޫސުފުގެފާނު މަރުވެއްޖެކަމަށެވެ. އެހެނީ އެއްވެސް ދިރުމެއް ނެތް ސަހަރާއެއްގައި، އަނދިރި ރެއެއްގައި، ފުން ވަޅެއްގައި ޔޫސުފުގެފާނު ހުންނެވީ އެކަނިމައި އެކަންޏެވެ.
﴿وَجَاءَ إِخْوَةُ يُوسُفَ فَدَخَلُوا عَلَيْهِ فَعَرَفَهُمْ وَهُمْ لَهُ مُنكِرُونَ﴾ [1]
މާނަ: “އަދި ޔޫސުފުގެފާނުގެ އަޚުން އަތުވެއްޖެއެވެ. ދެން އެކަލޭގެފާނުގެ އަރިހަށް އެ މީހުން ވަދެއްޖެއެވެ. އަދި އެކަލޭގެފާނަށް އެ މީހުން އެނގިވަޑައިގަތެވެ. ފަހެ، އެމީހުންނަކަށް އެކަލޭގެފާނަކީ ކާކުކަމެއް ނޭނގެއެވެ.”
ޔޫސުފުގެފާނާއި ބައްދަލުވުމުން، އެއީ ޔޫސުފުގެފާނު ކަމެއް އެމީހުންނަކަށް ނޭނގުނެވެ. އެކަމަކު އެމީހުންނަކީ ކޮން ބަޔެއްކަން ޔޫސުފުގެފާނަށް އެނގިވަޑައިގެންނެވިއެވެ. އެމީހުންނަކީ ޔޫސުފުގެފާނު ވަޅަށް އެއްލާލި އެކަލޭގެފާނުގެ އަޚުންކަން ޔޫސުފުގެފާނަށް އެނގިވަޑައިގަތެވެ. އަދި އެމީހުން އޭރު ބޭނުންވީ އެކަލޭގެފާނު ޤަތުލުކުރަންކަންވެސް ދެނެވަޑައިގެންނެވިއެވެ. އެކަމަކު ﷲ އެކަލޭގެފާނު ރައްކާތެރި ކުރެއްވިއެވެ. ޔޫސުފުގެފާނު އެކަމާ ގޫޅޭގޮތުން އެއްވެސް ބަހެއް، އެމީހުންނަށް ވިދާޅެއް ނުވެއެވެ. އަދި އެމީހުން ފަޟީޙަތެއްވެސް ނުކުރައްވައެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1]يوسف 58