ރަސޫލުﷲ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ އަކީ ހުރިހާގޮތަކުންވެސް އަޅުގަނޑުމެންނަށް ހުރި ފުރިހަަމަ ނަމޫނާއެކެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް މެއެވެ.
ލޮބުވެތި އަޚުންނޭވެ! އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއަކީ އަވައްޓެރިންނަށް ވަރަށްބޮޑަށް އިސްކަންދީ ޤަދަރާއި އިޙްތިރާމާއި އެހީތެރިކަންދީގެން އުޅެމުން އައި ވަަރަށް އެކުވެރި މުޖުތަމަޢުއެކެވެ. ނަމަވެސް މި ރީތި އާދަ މިހާރު ވަނީ މުޅީންހެން ނެތިގެން ދާންފަށައިފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ ދައްކަވާދެއްވާފައިވާ ރިވެތި އުސޫލުތައް އަޅުގަނޑުމެން ފުރިހަމަގޮތުގައި ބަލައިގަނެ އެކަލޭގަފާނުގެ ގޮތްތައް ދިރުވަންޖެހެއެވެ. އެކަލޭގަފާނު ވަނީ ، އެކަލޭގެފާނުގެ އަވައްޓެރިންނަށް ނުހަނު މަތިވެރި ޤަދަރާއި އިޙްތިރާމް ދީފައެވެ. އަވައްޓެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަަވައްޓެރިންގެ ޙާލު އަހުވާލު ބައްލަވައެވެ. އަވައްޓެރިޔަކު ބަލިވެއްޖެނަމަ ޒިޔާރަތްކުރައްވައެވެ. މީސްތަކުންގެ އިޖްތިމާޢީ އުޅުންތަކާއި ގުޅުންތައް އާލާވެގެން ދިޔުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަވައްޓެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިިހި ވަޞައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ ” متفق عليه މާނަ : ” އަވައްޓެރިންނަކީ ، މުދާ ވާރުތަވާ މީހުންގެ ތެރެއިންވާ ބައެއްކަމަށް ހީފުޅުވެގެންދާވަރަށް ޖިބްރީލު ޢަލައިހިއްސަލާމް ތިމަންކަލޭގެފާނަށް އަވައްޓެރިންނާއިމެދު ވަޞިއްޔަތް ކުރައްވަމުން ގެންދެވިއެވެ.”
އަބޫ ޛައްރު ރަޞިޔަﷲ ޢަންހު އަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިފަދައިން ވަޞިއްޔަތް ކުރެއްވިއެވެ.
” إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ ثم انظر أهل بيت من جيرانك فأصبهم منها بمعروف ” – رَواه مسلم – މާނަ : ” ކަލޭގެފާނު ފެނުގައި މަސް ކައްކާ ކަމުގައި ވާނަމަ ފެން ގިނަކޮށްގެން ކައްކާށެވެ. އަދި ކަލޭގެފާނުގެ އަވައްޓެރިންގެ ގޭތަކުގެ މީހުންގެ ޙާލަތަށް ބާލާށެވެ. އަދި ހެޔޮ ގޮތުގައި އެމީހުންނަށް އެއިން ފޯރުކޮށްދޭށެވެ.”
އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ” لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ “ – رَواه مسلم – މާނަ : ” އެމީހެއްގެ ނުބައިކަމުން އެމީހެއްގެ އަވައްޓެރިޔާއަށް އަމާންކަން ނުލިބުނު މީހާ ސުވަރުގެ ނުވަންނަހުއްޓެވެ.”
އެހެން ހަދީޘެއްގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُحْسِنْ إِلَى جَارِهِ” – رَواه مسلم –
މާނަ : “ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހަކުނަމަ އެމީހާގެ އަވައްޓެރިޔާއަށް ހެޔޮކޮށް ހިތާށެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. ” مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُؤْذِى جَارَهُ ” – رَواه مسلم –
މާނަ : “ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހަކުނަމަ އެމީހާގެ އަވައްޓެރިޔާއަށް އުނދަގޫ ނުކުރާހުށިކަމެވެ.”