[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބުލޫޣުލް މަރާމުގެ ޝަރަޙަ 3

  1. (صحيح) وَعَنْ أَبِي سَعِيدٍ الْخُدْرِيِّ – رضي الله عنه – قَالَ: قَالَ رَسُولُ اللَّهِ – صلى الله عليه وسلم: «إِنَّ الْمَاءَ طَهُورٌ لاَ يُنَجِّسُهُ شَيْءٌ». أَخْرَجَهُ الثَّلَاثَةُ وَصَحَّحَهُ أَحْمَدُ.

މާނަ: އަދި އަބޫ ސަޢީދުނިލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ފެނަކީ ޠަހޫރު އެއްޗެކެވެ. އެއްވެސް އެއްޗެއް، އެފެން ނަޖިހެއް ނުކުރާނެއެވެ.”

(މިޙަދީޘް ރިވާ ކުރެއްވީ އަބޫ ދާވޫދު، އައްތިރްމިޛީ އަދި އައްނަސާއީއެވެ. އަދި އިމާމް އަޙްމަދު ވަނީ މި ޙަދީޘް ޞައްޙަ ކުރައްވާފައެވެ.)

 

ޙާފިޡް އިބްނު ޙަޖަރު، ޚުލާޞާ ނުވަތަ މުޚްތަޞަރެއް ގޮތަށް ލިޔުއްވާފައިވާ މި ފޮތުގައި މިޙަދީޘްގެ ވެސް ޙާދިޘާ ގެންނަވާފައެއް ނުވެއެވެ. މި ޙަދީޘްގެ ޙާދިޘާއަށް ބަލައިލާއިރު، އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައި ވެއެވެ.

“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ސުވާލު ދެންނެވުނެވެ. ބުޟާޢާ އޭ ކިޔުނު ވަޅުގެ ފެނުން އަހަރެމެންނަށް ވުޟޫ ކުރެވިދާނެތޯއެވެ؟ އެ ވަޅަށް ޙައިޟުވެރިން ބޭނުންކޮށްފައި ހުންނަ ނަޖިސް ފޮތިގަނޑުތަކާއި، (މަރުވެފައިވާ) ކުއްތާގެ މަހާއި މުޅަވެ ހަލާކުވެފައިވާ ތަކެތި ފައިބައިފައި ވެއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ: “ހަމަކަށަވަރުން ފެނަކީ ޠަހޫރު އެއްޗެކެވެ. އެއްވެސް އެއްޗެއް، އެފެން ނަޖިހެއް ނުކުރެއެވެ.”

ޙަދީޘް ޢިލްމުގެ އެތައް ޢިލްމުވެރިންނެއްވަނީ މި ޙަދީޘް ޞައްޚަ ކުރައްވާފައެވެ.

 

ޙަދީޘްގެ ޝަރަޙަ:

((ބުޟާޢާ ވަޅު)): މި ވަޅަކީ ބިމުގެ ހަމައަށްވުރެ ތިރި ހިސާބެއްގައިވާ ތަނެކެވެ. އެހެންކަމުން ވާރޭ ވެހުމުން އެކި ހިސާބު ހިސާބުން ސައިލު ހެދިގެން އައިސް، ފެންތައް މިތަނަށް ޖަމާވެއެވެ. މިފަދައިން ސައިލު ހެދިގެން ފެން، ވަޅާ ހަމައަށް އަންނައިރު، ފެނާއެކީގައި މަގުމަތީގައިވާ ކުނިތައްވެސް މި ވަޅަށް ޖަމާވެއެވެ. އޭގެ ތެރޭގައި ޙަދީޘްގައިވެސް ބަޔާންވެފައިވާ ފަދައިން މީސްތަކުން އެކި ތަންތަނަށް އުކާލާފައި ހުންނަ ޙައިޟުގެ ލޭ ހިމެނޭ ތަކެއްޗާއި، މަރުވެފައިވާ ކުއްތާ ފަދަ ޖަނަވާރުގެ މަހާއި މުޅަތަކެތި ވެސް މި ވަޅަށް ޖަމާވެއެވެ.

ޞަޙާބީން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހުން، މި ވަޅުން ވުޟޫ ކުރެއްވުމަށް އެއްސެވި ސަބަބު އަހަަރެމެންފަދަ ފެނުގެ ނިޢުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވާ ބަޔަކަށް ތަޞައްވަރު ކޮށްލަން އުނދަގޫ ވެދާނެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޒަމާނަކީ ފެނުގެ ދަތިކަން އިންތިހާއަށް އޮތް ޒަމާނެކެވެ. އޭރުވެސް މިހާރުވެސް ޙިޖާޒް ކަރައަކީ ވާރޭ ވެހުން ވަރަށް މަދު ސަރަހައްދެކެވެ. މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ބިިމު އަޑީގައި ފެން ރައްކާކުރެވިފައިވާ ތަންތަން ހޯދައިގަނެ ޕަމްޕު ގުޅައިގެން ފެން ނެގުމާއި ލޮނުފެން މީރުފެނަށް ބަދަލުކޮށްގެން ފެން ބޭނުން ކުރެވުނުކަމުގައި ވިޔަސް، އެޒަމާނުގައި މީސްތަކުން ބަރޯސާ ވާން ޖެހެނީ ގޭގައި ރައްކާކުރެވިފައިވާ މަދު ފެންފޮދަށާއި އެކިއެކި ތަންތާނގައި ހުންނަ ވަޅުފަދަ ތަކެއްޗަށެވެ. އެހެންކަމުން ޞަޙާބީން އެއްވެސް ޙާލެއްގައި މިފަދައިން އައްސަވާފައި ވަނީ އެބައިމީހުން ސާފުތާހިރުކަމަށް އަހަންމިއްޔަތުކަން ނުދެއްވާތީއެއް ނޫނެވެ. އެއީ އެބޭކަލުންގެ ރަށުގައި ފެނުގެ ދަތިކަން އޮތުމުގެ ސަބަބުން އެންމެ މީރު ފެނަށްވުރެ ބޮޑަށް އެހެން ފެންތަކަށްވެސް ބަރޯސާވާން ޖެހޭތީއެވެ.

((ވަޅުގެ ފެނުން އަހަރެމެންނަށް ވުޟޫ ކުރެވިދާނެތޯއެވެ؟)): އެބަހީ: މިވަޅުގެ ފެނުން ވުޟޫ ކުރުމުގައި މައްސަލައެއް ވޭތޯ ޞަޙާބީން އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމާ ސުވާލު ކުރެއްވިއެވެ. ޝާފިޢީ މަޛްހަބުގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ އިމާމް ނަވަވީ، މިޙަދީޘާ ގުޅިގެން އަލްމަޖްމޫޢުގައި ވިދާޅުވެފައި ވެއެވެ.

“މި ވަޅު (ބުޟާޢާ ވަޅުގެ) ފެނުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވުޟޫ ކުރެއްވިކަމަށް އެތައް ގޮތަކުން އެނގެން އެބަ ހުއްޓެވެ.”

މިފަދައިން ޛިކުރުކުރެއްވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބުޟާޢާ ވަޅުން ވުޟޫ ކުރެއްވިކަން އެނގޭ ޙަދީޘްތަކާއި އަޘަރުތައް އެކަލޭގެފާނުވަނީ ޛިކުރު ކުރައްވާފައެވެ.

((إِنَّ الْمَاءَ: ހަމަކަށަވަރުން ފެނަކީ)) : ޢަރަބި ބަހުގެ ޤަވާޢިދުގައި (الْمَاءَ) މި ކަލިމައިގައިވާ (“ال“) ގެ ބާވަތަކީ ޖިންސަށް ބޭނުންކުރާ އަލިފް-ލާމެވެ. މާނައަކީ ފެނުގެ ހުރިހާ ބާވަތެކެވެ.

((طَهُورٌ)): (الطَهُوْر) އަކީ އޭގެ ޒާތުގައި ޠާހިރު އަދި އެހެން އެއްޗިހި ޠާހިރު ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އޭގެއިން ޠާހިރުނުވެވޭ އެއްޗެއް ޠަހޫރު އެއްޗެއް ކަމުގައި ނުވާނެއެވެ. މިބާވަތުގެ ކަލިމަތަކުގެ އެހެން މިސާލަކަށް ބަލާއިރު، “ވަޟޫ” އަކީ ވުޟޫ ކުރަން ބޭނުންކުރާ ފެނެވެ. އަދި “ފަޠޫރު” އަކީ ރޯދަވީއްލަން ބޭނުންކުރާ ކާނާއެވެ.

((لاَ يُنَجِّسُهُ شَيْءٌ: އެއްވެސް އެއްޗެއް، އެފެން ނަޖިހެއް ނުކުރެއެވެ.)): (شَيْءٌ) ވަނީ ޢަރަބި ބަހުގެ ބަސް ބުނެ އުޅުމުގެ ޙާލަތްތަކުގެ ތެރެއިން ނަކިރާގެ ޙާލަތުގައެވެ. ނަކިރާގެ ޙާލަތުގައިވާ ނަންނަންވަނީ ދިވެހި ބަހުގެ ޤަވާޢިދުގައިވާ ޢާންމު ނަން ފަދައިންނެވެ. ޚާއްސަ ނަމަށް ޢަރަބި ބަހުން މި ކިޔަނީ އަސްމާއުލް މަޢްރިފާ އެވެ. އަދި ޢާންމު ނަންނަމަށް ކިޔަނީ އަސްމާއުއް ނަކިރާއެވެ. ވީމާ މިތަނުގައި އެބަހުގެ މުރާދަކީ ޢާންމު މާނާގައި އެ ވަޅަށް އެޅޭ ކޮންމެ އެއްޗެކެވެ. ވީމާ މާނައަކީ ޢާންމުކޮށް، އެވަޅަށް އެޅޭ އެއްވެސް އެއްޗަކުން އެވަޅުގައިވާ ފެން ނަޖިހެއް ނުކުރެއެވެ.

ނަމަވެސް މިވަޅަށް އަަދި އެނޫން ފެން ގަނޑަކަށް ނަމަވެސް، އެޅޭ ލެޔާއި މުޅަ ތަކެއްޗާއެއި އެނޫންވެސް ނަޖިސް ތަކެތީގެ ސަބަބުން ފެނުގެ ވަހަށް ނުވަތަ ކުލައަށް ނުވަތަ ރަހައަށް ބަދަލު އައިސްފިނަމަ، އެފެން ވާނީ ނަޖިސް ފެނަށްކަމުގައި ޢިލްމުވެރިން ޢިޖުމާޢު ވެލައްވައެވެ. އަދި އެފެނުން ވުޟޫކޮށް ހިނައެއް ނުގަނެވޭނެއެވެ. އެހެނީ ނަޖިސް ފެނުން ޙަދަޘް އެރެއެއް ނުގަނެވޭނެއެވެ. ޤުއްލަތައިންގެ ޙަދީޘްގައި މި ބަޔަށް ތަންކޮޅެއް ބޮޑަށް ބަލައިލެވޭނެއެވެ. إن شاء الله.

ދެގުއްލައަށްވުރެ ފެނުގެ މިންވަރު ގިނަވެފައި، އެފެނަށް އެޅޭ ނަޖިހެއްގެ ސަބަބުން އެފެނުގެ ރަހައަށް ނުވަތަ ކުލައަށް ނުވަތަ ވަހަށް ބަދަލު ނައަންނަ ހިނދެއްގައި އެފެން ނަޖިސް ފެނަކަށް ނުވާނެއެވެ. ބުޟާޢާ ވަޅަކީ މިފަދަ ވަޅެއްކަމުގައި ވެއެވެ. އެބަހީ ދެޤުއްލަ އަށްވުރެ ވަޅުގެ ފެނުގެ މިންވަރު ގިނަވެފައި، ވަޅަށް އެޅިފައިވާ ނަޖިހުގެ ސަބަބުން ވަޅުގައިވާ ފެން ތަޣައްޔަރު ވެފައެއް ނުވެއެވެ. والله أعلم.

 

ޙަދީޘުން ނެގޭ ފައިދާތަކާއި ފިޤްހީ މައްސަލަތައް:

ފުރަތަމަ ފައިދާ: ފެނަކީ ނަޖިސް ތަކެތި ސާފުކޮށް ފިލުވައިލުމަށް ބޭނުންކުރެވިދާނެ އެއްޗެއްކަން. ކުރިންވެސް ބުނެވިދިޔަ ފަދައިން (الطَهُوْر) އަކީ އޭގެ ޒާތުގައި ޠާހިރު އަދި އެހެން އެއްޗިހި ޠާހިރު ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ދެވަނަ ފައިދާ: ފެނުގެ އަޞްލަކީ ޠާހިރުކަން. އެއްޗެއްގެ ޙާލަތާމެދު ޝައްކުވާނަމަ، ރުޖޫޢަވާން ޖެހޭނީ އޭގެ އަޞްލަށެވެ. އެގޮތުން ތިމާއަށް ގެނެވުނު ފެން އެއްޗަކީ ޠާހިރު ފެނެއްތޯ ނުވަތަ ނަޖިސް ފެނެއްތޯ ޝައްކުވެ، ނިންމުމެއް ނިންމަން އުނދަގޫވާނަމަ، ބަލާނީ އެފެނަކީ ޠާހިރު ފެން ކަމުގައެވެ. ސަބަބަކީ ފެނުގެ އަޞްލަކީ ޠާހިރުކަމަށް ވާތީއެވެ.

ފިޤުހީ ޤާޢިދާއެއްގައި ވެއެވެ.

(اليقين لا يزول بالشك) މާނަ: “ޝައްކުގެ ސަބަބުން ޔަޤީން ނެތިގެން ނުދެއެވެ.”

މިތަނުގައި ޔަޤީނަކީ، އޭގެ އަޞްލެވެ. މި ޤާޢިދާއިން އެނގިގެންދާ ގޮތުން، ޝައްކެއްގެ ސަބަބުން އޭގެ އަޞްލަކަށް އަޘަރެއް ނުކުރާނެއެވެ. އަޞްލަށް އަޘަރު ކުރާނީ ޔަޤީނުގެ ދަރަޖައިގައިވާ ކަންކަމުންނެވެ. އެއީ ޔަޤީން އަދި الظَّن (މާނަ: ހީވުން) ނުވަތަ غلبة الظَّن (މާނަ: ބޮޑަށް ހީވުން).

ތިންވަނަ ފައިދާ: ފެން ބެހިގެން ވަނީ ދެބަޔަށް ކަން. އެއީ ޠަހޫރު ފެނާއި ނަޖިސް ފެނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން “ޠާހިރު”ގެ ނަމުން ނަންދެވިފައިވާ ތިންވަނަ ބާވަތެއްގެ ފެނެއް ނުވެއެވެ. މި ދެބައި ފިޔަވައި ތިންވަނަ ބައެއްވާނަމަ ﷲގެ ޝަރީޢަތުގައި އެކަން ބަޔާން ވެގެން ވީހެވެ. އެހެނެއްކަމަކު މި ޙަދީޘުންވެސް ފެން ބެހިގެން ވަނީ ދެބަޔަށް ކަން އެނގިގެން ދެއެވެ. އެއީ ޙަދީޘްގައި ވަނީ: “ހަމަކަށަވަރުން ފެނަކީ ޠަހޫރު އެއްޗެކެވެ. އެއްވެސް އެއްޗެއް، އެފެން ނަޖިހެއް ނުކުރެއެވެ.” މިފަދައިންނެވެ. ފެނަކީ ޠަހޫރު އެއްޗެއްކަން ބަޔާން ކުރެއްވުމަށްފަހު ދެން ޙަދީޘް ކުރައްވަނީ ނަޖިސް ޙާލަތާ ބެހޭގޮތުންނެވެ. އެއްވެސް އެއްޗެއް އެފެން ނަޖިހެއް ނުކުރާ ކަމެވެ. ތިންވަނަ ޙާލަތެއް ނުވަތަ ބައެއްގެ ވާހަކައެއް އެކަލޭގެފާނު ބަޔާން ނުކުރައްވައެވެ.

_____________________________

ބުލޫޣުލް މަރާމުގެ ޝަރަޙަ