[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 20

  • ބިންޔާމީނު ޔޫސުފުގެފާނުގެ އަރިހުގައި

 

ޔޫސުފުގެފާނުގެ އަޚުން، މިޞްރަށް ވަނީ ތަފާތު ދޮރުތަކުންނެވެ. އެއީ އެމީހުންނަށް ޔަޢުޤޫބުގެފާނު އަމުރުކުރެއްވި ފަދައިންނެވެ. އެއަށްފަހު ޔޫސުފުގެފާނުގެ އަރިހަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޔޫސުފުގެފާނަށް ބިންޔާމީނު ފެނިވަޑައިގަތް ހިނދު، ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަރިހަށް، ބިންޔާމީނު ގެންދަވައި ވިދާޅުވިއެވެ.

﴿إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ﴾ [1]

މާނަ: “ހަމަޔަޤީނުންވެސް ތިމަންނާއީ، ތިބާގެ އަޚާ އެވެ. ފަހެ، އެބައިމީހުން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ!”

އެއީ ޔޫސުފުގެފާނުކަން އެނގުމުން ބިންޔާމީނު ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. ޔޫސުފުގެފާނާއި ބިންޔާމީނު ބައްދަލުވެވަޑައިގަތީ ވަރަށް ދުވަސް ފަހުންނެވެ. އެހެންކަމުން ބައްޕާފުޅާއި މަންމާފުޅުގެ އިތުރުން ގޭގެ މަތިން އެކަލޭގެފާނު ހަނދުމަފުޅުވިއެވެ. އަދި ބިންޔާމީނު އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓެވުމަށް ބޭނުންފުޅުވެވަޑައިގަތެވެ. އެއީ ކޮންމެ ދުވަހަކު ބިންޔާމީނާ ބައްދަލުވެ ވާހަކަ ދައްކަވާ، ގޭތެރޭގެ ޚަބަރުތައް އެއްސެވުމަށްޓަކައެވެ.

އެކަމަކު ބިންޔާމީނު އެކަލޭގެފާނުގެ އަރިހުގައި ބަހައްޓަވަން ދައްކާނީ ކޮން ޢުޛުރެއް ހެއްޔެވެ؟ މާދަމާ ކަންޢާނަށް ބިންޔާމީނު އެނބުރި ދާނެއެވެ. ޔޫސުފުގެފާނުގެ އަޚުން ވަނީ ބިންޔާމީނު އަނބުރާ ގެންދާނެކަމަށް ޢަހުދުކޮށްފައެވެ. ޔޫސުފުގެފާނުގެ އަރިހުގައި ބިންޔާމީނު ބެހެއްޓުމަށް އޮތް ރޭވުމަކީ ކޮބާ ހެއްޔެވެ؟ ކަންޢާނަށް ބިންޔާމީނު ނުފޮނުވައި، ޔޫސުފުގެފާނުގެ އަރިހުގައި ބެހެއްޓެވުމަށް، އެމީހުންނަށް ދައްކާނެ ޢުޛުރަކީ ކޮބާ ހެއްޔެވެ؟

އެކަމަކު ޔޫސުފުގެފާނަކީ ވަރަށް ވިސްނުންތޫނު ބުއްދިވެރި ބޭކަލެކެވެ. ބިންޔާމީނުގެ ދަތުރު ސާމާނުގެ ތެރެއަށް، މިނެހެދުމަށް ގެންގުޅޭ ނާޅި ލެއްވިއެވެ. އެހިނދު ގޮވާ ބަޔަކު ގޮވައިފިއެވެ. ހަމަޔަޤީނުން ވެސް ތިޔަބައިމީހުންނަކީ ވައްކަންކުރާ ބަޔެކެވެ. ގޮވާމީހުންނާއި ދިމާލަށް އެމީހުން އެނބުރިފައި ބުނެފިއެވެ. ގެއްލިގެން ތިޔަ އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެމީހުން ބުންޏެވެ. ގެއްލިގެން މިއުޅެނީ، ރަސްގެފާނުގެ ނާޅިއެވެ. އަދި އެ ގެނެސްދިން މީހަކަށް އޮތް އިނާމަކީ ޖަމަލަކަށް އެރުވޭހާ ތަކެއްޗެވެ.

﴿قَالُوا تَاللَّـهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِي الْأَرْضِ وَمَا كُنَّا سَارِقِينَ﴾ [2]

މާނަ: “އެބައިމީހުން ދެންނެވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންމެން އައީ ބިމުގައި ފަސާދަ ކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމެވެ.”

﴿قَالُوا فَمَا جَزَاؤُهُ إِن كُنتُمْ كَاذِبِينَ) [3]

މާނަ: “އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުން ދޮގުހަދާކަމަށްވާނަމަ ފަހެ، އެކަމުގެ (އެބަހީ: މިނާ އެތި ވަގަށް ނެގުމުގެ) ޖަޒާއަކީ ކޮބާ ހެއްޔެވެ؟”

﴿قَالُوا جَزَاؤُهُ مَن وُجِدَ فِي رَحْلِهِ فَهُوَ جَزَاؤُهُ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ﴾ [4]

މާނަ: “އެބައިމީހުން ބުންޏެވެ. އެކަމުގެ ޖަޒާއަކީ އެމީހެއްގެ ތަކެތީގެ ތެރެއިން އެ މިނާއެތި ފެނުނު މީހެކެވެ. ފަހެ، އޭނާ އެއީ އެކަމުގެ ޖަޒާއެވެ. (އެބަހީ: ޖަޒާދިނުމަށްޓަކައި އެމީހަކު ހިފެހެއްޓުމެވެ.) އަނިޔާވެރިންނަށް ތިމަންއިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.”

ދެން ހޯދައި ބެލިބެލުމުން އެ ނާޅި ފެނުނީ ބިންޔާމީނުގެ ސާމާނުތަކުގެ ތެރެއިންނެވެ. އެހިނދު އެމީހުންގެ މޫނުތައް މިލާ މޯޅިވިއެވެ. އެހެނީ އެމީހުންވަނީ ބިންޔާމީނު އަނބުރާ ޔަޢުޤޫބުގެފާނުގެ އަރިހަށް ގެންދާނެކަމަށް ޢަހުދެއްކޮށްފައެވެ.

ދެން އެއްވެސް ލަދުވެތިކަމެއް ނެތި އެމީހުން ބުންޏެވެ. އޭނާ ވައްކަންކުރިއްޔާ މީގެ ކުރިން އޭނާގެ އަޚަކު (ޔޫސުފުގެފާނު) ވެސްވަނީ ވައްކަންކޮށްފައެވެ.

އެމީހުން ހެދި ދޮގު ޔޫސުފުގެފާނަށް އިވިވަޑައިގަތެވެ. އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ. އަދި ރުޅި އިސްފުޅުވެސް ނުކުރައްވައެވެ. އެކަލޭގެފާނަކީ ޙިލްމުވެރި ބޭކަލެކެވެ.

﴿قَالُوا يَا أَيُّهَا الْعَزِيزُ إِنَّ لَهُ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ﴾ [5]

މާނަ: ” އެބައިމީހުން ދެންނެވިއެވެ. އޭ ޢަޒީޒެވެ! ހަމަކަށަވަރުން އޭނާއަށް ޤަދަރުވެރި މުސްކުޅި ބައްޕައެއް ވެއެވެ. ފަހެ، ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ! ހަމަކަށަވަރުން ތިމަންމެން ކަލޭގެފާނު ދެކެނީ އިޙްސާންތެރިންގެ ތެރެއިންނެވެ.”

﴿قَالَ مَعَاذَ اللَّـهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَاعَنَا عِندَهُ إِنَّا إِذًا لَّظَالِمُونَ﴾ [6]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. – ﷲގެ ރައްކާތެރިކަމަށް އެދެމެވެ. – އެމީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހަކު މެނުވީ، ތިމަންމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ.”

މިފަދައިން ބިންޔާމީނު ޔުސޫފުގެފާނުގެ އަރިހުގައި ހުންނެވިއެވެ. އެ ދެ އަޚުން އެކަމާ އުފާފުޅުކުރެއްވިއެވެ. އެތައް ޒަމާނެއް ވަންދެން ޔޫސުފުގެފާނު އުޅުއްވި އެކަނިމާ އެކަންޏެވެ. ޢާއިލާގެ އެއްވެސް ބޭފުޅަކު ފެނިވަޑައިނުގަންނަވާ ޙާލުގައެވެ. ފަހެ، ﷲ ތަޢާލާ ޔޫސުފުގެފާނުގެ އަރިހަށް ބިންޔާމީނު ފޮނުއްވިއެވެ. އެހާ ދުވަސް ފަހުން، އަޚެއް ފެނިއްޖެނަމަ، ހަމަޔަޤީނުން ވެސް ވާހަކަ ދައްކާލުމަށް ކައިރީގައި މަޑުކުރުމަށް ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1]  يوسف 69

[2] يوسف 73

[3] يوسف   74

[4] يوسف   75

[5] يوسف 78

[6] يوسف   79