-
ޔޫސުފުގެފާނުގެ އަޚުން ޔަޢުޤޫބުގެފާނުގެ އަރިހުގައި
ބިންޔާމީނު މިޞްރުގައި ހައްޔަރުކުރެވުމުން، ޔޫސުފުގެފާނުގެ އަޚުން ގޮތް ހުސްވެ، މާޔޫސްވެއްޖެއެވެ. ދެން ޔަޢުޤޫބުގެފާނުގެ އަރިހަށް ދާނީ ކޮން މޫނަކައިގެން ހެއްޔެވެ. އެހިނދު އެމީހުން ދެން ހަދާނެގޮތަކާމެދު ވިސްނަން ޖެހިއްޖެއެވެ. ބައްޕާފުޅުގެ އަރިހުގައި ދަންނަވާނީ ކީކޭ ހެއްޔެވެ. މީގެ ކުރިން އެމީހުން ވަނީ ޔޫސުފުގެފާނު، ޔަޢުޤޫބުގެފާނާ ވަކިކޮށްފައެވެ. މިއަދު މިވަނީ ބިންޔާމީނު ޔަޢުޤޫބުގެފާނާ ވަކިކޮށްފައެވެ. އެމީހުންގެ ތެރެއިން އެންމެ ބޮޑު މީހާ، މިޞްރު ދޫކޮށް އެނބުރި ރަށަށް ދިއުމަށް ދެކޮޅުހަދައިފިއެވެ. އެނާ އޭނާގެ އަޚުންނަށް ބުންޏެވެ.
﴿ارْجِعُوا إِلَىٰ أَبِيكُمْ فَقُولُوا يَا أَبَانَا إِنَّ ابْنَكَ سَرَقَ وَمَا شَهِدْنَا إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَافِظِينَ﴾ [1]
މާނަ: “ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕަގެ އަރިހަށްގޮސް ދަންނަވާށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށް މެނުވީ، ތިމަންމެން ހެތްކެއް ނުވަމުއެވެ. އަދި ޣައިބު ގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.”
ޔަޢުޤޫބުގެފާނަށް އެމީހުން އެބުނި ވާހަކަ އަޑުއިވުމުން، އެނގިވަޑައިގަތީ ހަމަޔަޤީނުންވެސް މިއީ އިމްތިޙާނެއް ކަމެވެ.
އިއްޔެ އެކަލޭގެފާނަށް ގެއްލުނީ ޔޫސުފުގެފާނެވެ. މިއަދު އެ ގެއްލުނީ ބިންޔާމީނެވެ. ހަމަޔަޤީނުންވެސް ދެ މުޞީބާތެއް އެއްފަހަރާ ﷲ ތަޢާލާ ނުޖައްސަވާނެއެވެ. އެކަލޭގެފާނަށް ޔަޤީންވެވަޑައިގަތީ، ހަމަޔަޤީނުންވެސް ﷲ ތަޢާލާ އެކަލޭގެފާނުގެ ދެދަރިކަނލުން އެކަލޭގެފާނާއި ވަކިނުކުރައްވާނެ ކަމެވެ. އަދި މި ދިމާވެ ވަޑައިގަތްކަމުގައި ސިއްރުވެގެންވާ ޙިކުމަތެއްވާ ކަމެވެ. އަދި އެކަލާނގެއީ އަޅުތަކުން އިމްތިޙާނުކުރެއްވުމުގައި ދެމިވޮޑިގެންވާ އިލާހެވެ. ދެން އެއަށްފަހު އަޅުތަކުންނަށް ފަސޭހަކޮށްދެއްވައެވެ. އަދި އެމީހުންނަށް ނިޢުމަތް ދެއްވައެވެ. ޔަޢުޤޫބުގެފާނުގެ އެންމެ ބޮޑު ދަރިކަލުން މިޞްރުގައި ދެމިހުންނެވިއެވެ. އަނބުރާ ކަންޢާނަށް އައުމަށް ދެކޮޅުހެދިއެވެ. ތިންވަނަ ދަރިކަލެއް ވެސް ގެއްލެނީ ހެއްޔެވެ. މީގެ ކުރިން ވަނީ ދެ ދަރިކަލުން ޔަޢުޤޫބުގެފާނަށް ގެއްލިވަޑައިގެންފައެވެ. ހަމަޔަޤީނުންވެސް މިހެންނެއް ނުވާނެއެވެ. އެހިނދު ޔަޢުޤޫބުގެފާނަށް ހިތްހަމަޖެހުން ލިބިވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ.
﴿عَسَى اللَّـهُ أَن يَأْتِيَنِي بِهِمْ جَمِيعًا ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ﴾ [2]
މާނަ: “ﷲ އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވަމެވެ! ހަމަކަށަވަރުން އެއިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف 81
[2] يوسف 83