[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 22

  • ސިއްރު ފާޅުވުން

 

ޔަޢުޤޫބުގެފާނަކީ ވެސް އިންސާނެކެވެ. އެކަލޭގެފާނުގެ މޭފުޅުގައިވަނީ ހިތްޕުޅެކެވެ. ހިލަކޮޅެއް ނޫނެވެ. ޔޫސުފުގެފާނުގެ މަތިން ޔަޢުޤޫބުގެފާނު ހަނދުމަކުރާ ކޮންމެ ފަހަރަކު، ހިތާމަފުޅު އިތުރުވެގެންދެއެވެ. އަދި އެކަލޭގެފާނު ދަރިންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.

﴿يَا أَسَفَىٰ عَلَىٰ يُوسُفَ﴾ [1]

މާނަ: “ޔޫސުފުގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ!”

އެކަމާ އެކަލޭގެފާނު ދަރިން ދެންނެވިއެވެ. ތިހާވަރަށް ހިތާމަފުޅު ކުރައްވާނަމަ، ކަލޭގެފާނު ހަލާކުވެދާނެއެވެ. ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ.

﴿إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّـهِ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ﴾ [2]

މާނަ: ” ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲ ގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ.”

މާޔޫސްވެ އުންމީދު ކަނޑާލުމަކީ އެއީ ރަނގަޅު ކަމެއް ނޫންކަން ޔަޢުޤޫބުގެފާނު ދެނެވަޑައިގަންނަވައެވެ. ﷲ ގެ ހަޟްރަތުން ހެޔޮގޮތް މިންވަރުކޮށްދެއްވާނެކަމަށް އެކަލޭގެފާނު އަބަދުވެސް އުންމީދު ކުރައްވައެވެ. އެހެން ކަމުން ޔޫސުފުގެފާނާއި ބިންޔާމީނު ހޯއްދަވަން މިޞްރަށް އެކަލޭގެފާނު ދަރިން ފޮނުއްވިއެވެ. އެކަމަށް ގަދައަޅާ ބުރަ މަސައްކަތް ކުރުމަށް ދަރިންނަށް ވިދާޅުވިއެވެ.

ﷲ ގެ ރަޙްމަތުން، ޔަޢުޤޫބުގެފާނު އެއްވެސް ވަރަކަށް އުންމީދު ކަނޑާނުލައްވައެވެ. ތިން ވަނަ ފަހަރަށް ޔަޢުޤޫބުގެފާނުގެ ދަރިން މިޞްރަށް ދިއުމަށް ދަތުރު ފެއްޓިއެވެ. މިޞްރަށް ދެވުމުން، ޢަޒީޒުގެ އަރިހަށް އެމީހުން ދިޔައެވެ. އެމީހުންގެ ފަޤީރުކަމާ އަދި ޖެހިފައިވާ މުޞީބާތުގެ ވާހަކައިން ޔޫސުފުގެފާނުގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. އަދި އެމީހުންގެ މައްޗަށް އޯގާތެރިވުމަށް ދަންނަވައިފިއެވެ.

އެމީހުންގެ ފަރާތުން އަޑުއިވުނު ވާހަކަތަކުން، ޔޫސުފުގެފާނަށް ކެތްތެރިވެވަޑައިގަތުމަށް ދަތިވެގެން ދިޔައެވެ. އެއީ އެކަލޭގެފާނުގެ ހިތްޕުޅުގައި، އެކަލޭގެފާނުގެ މައިންބަފައިންނާއި އަހުލުންނަށް އޮތް ލޯބިފުޅާ އެކުގައެވެ.

އެކަލޭގެފާނުގެ ބައްޕާފުޅުގެ ދަރިން، ޔޫސުފުގެފާނުގެ އަރިހަށް އައިސް ޝަކުވާ ދަންނަވަނީ އެމީހުންގެ ފަޤީރުކަމުގެ ވާހަކައިންނެވެ.

މިޞްރުގެ ޢަޒީޒަކީ އެމީހުންގެ އަޚް ޔޫސުފުގެފާނުކަން އެމީހުންނަށް އެނގޭނީ ކޮންއިރަކުން ހެއްޔެވެ؟ އަދި ޔޫސުފުގެފާނު އެމީހުންގެ ޙާލު ބައްލަވާނީ ކޮންއިރަކުން ހެއްޔެވެ؟ ބައްޕާފުޅު ދެކެވަޑައިގަތުން ލަސްކުރައްވާނީ ކޮން އިރަކަށް ހެއްޔެވެ؟ ޔޫސުފުގެފާނު އެހިނދު ސިއްރު ފާޅުކުރެއްވިއެވެ. އެމީހުންނަށް ވިދާޅުވިއެވެ.

﴿هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَاهِلُونَ﴾ [3]

މާނަ: “ތިޔަބައިމީހުންނަށް ނޭނގިތިބި ޙާލު، ޔޫސުފުގެފާނަށާއި، އެކަލޭގެފާނުގެ އަޚަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟”

އެ މީހުން ޔޫސުފުގެފާނާމެދު ޢަމަލުކުރި ގޮތުގެ ވާހަކަ އެނގޭނީ ހަމައެކަނި ޔޫސުފުގެފާނަށްކަން އެމީހުންނަށް އެނގެއެވެ. އިތުރު އެއްވެސް މީހަކަށް އެމީހުން އެވާހަކަތަކެއް ނުކިޔައި ދެއެވެ. އެހިނދު އެ މީހުންނަށް ޔަޤީންވަނީ އެ މީހުން ކުރިމަތީގައި މިހުންނެވި ބޭކަލަކީ އެ މީހުންގެ އަޚް ޔޫސުފުގެފާނު ކަމެވެ.

އެމީހުންގެ ހިތަށް އެރިއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ! ޔޫސުފުގެފާނު ދުނިޔޭގައި ދިރިހުންނެވީ ހެއްޔެވެ؟ ވަޅުގައި އެކަލޭގެފާނު އަވަހާރަފުޅު ނުވަނީ ހެއްޔެވެ؟ ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ؟ ޔޫސުފުގެފާނަކީ މިޞްރުގެ ޢަޒީޒު ހެއްޔެވެ؟

މިޞްރުގެ ޚަޒާނާތަކުގެ ވެރިޔަކީ ޔޫސުފުގެފާނު ހެއްޔެވެ؟ އަހަރުމެންނަށް މީގެ ކުރީ ދަތުރުތަކުގައި ކާ އެއްޗެހި ދެއްވީ ޔޫސުފުގެފާނު ހެއްޔެވެ؟

އެ މީހުންގެ ހިތްތައް ޝައްކެއްގެ މަތީގައިވި އެވެ. ތިމަންނަމެންނާއި ވާހަކަދެއްކި ބޭކަލަކީ ޔޫސުފު ބުން ޔަޢުޤޫބު ހެއްޔެވެ!

އެމީހުން ދެންނެވިއެވެ.

﴿قَالُوا أَإِنَّكَ لَأَنتَ يُوسُفُ﴾ [4]

މާނަ: “އެބައިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން ތިޔައީ ޔޫސުފުގެފާނު ތޯއެވެ؟”

ޔޫސުފުގެފާނު ވިދާޅުވިއެވެ.

﴿ أَنَا يُوسُفُ وَهَـٰذَا أَخِي ۖ قَدْ مَنَّ اللَّـهُ عَلَيْنَا ۖ إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّـهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ﴾ [5]

މާނަ: “އަހުރެންނަކީ، ޔޫސުފުގެފާނެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ އަޚެވެ. ހަމަކަށަވަރުން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން ތަޤުވާވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އިޙްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެއެވެ.”

﴿قَالُوا تَاللَّـهِ لَقَدْ آثَرَكَ اللَّـهُ عَلَيْنَا وَإِن كُنَّا لَخَاطِئِينَ﴾ [6]

މާނަ: “އެބައިމީހުން ދެންނެވިއެވެ. ﷲ ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން ﷲ ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ.”

އެ މީހުން އެކަލޭގެފާނާމެދު ކަންތައްކުރި ގޮތާމެދު ޔޫސުފުގެފާނު އެމީހުންނަކަށް ދެރަބަހެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވިއެވެ.

﴿يَغْفِرُ اللَّـهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ﴾ [7]

މާނަ: “ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف 84

[2] يوسف  86

[3] يوسف 89

[4] يوسف 90

[5] يوسف 90

[6] يوسف 91

[7]    يوسف 92