-
އުފާވެރިކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ފޮނުއްވުން
ޔަޢުޤޫބުގެފާނާއި ބައްދަލުވެވަޑައިގަތުމަށް ޔޫސުފުގެފާނު ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަތެވެ. އެކަލޭގެފާނުގެ ބައްޕާފުޅާ ވަކިވެވަޑައިގެން ފަހުން އެތައް ޒަމާނެއް ވެގެން ގޮސްފައިވާއިރު، ބައްދަލުވުމަށް ނޭދޭނީ ކީއްވެ ހެއްޔެވެ؟!
ޔޫސުފުގެފާނަކީ ކޮންބޭކަލެއްކަން އެކަލޭގެފާނުގެ އަޚުންނަށްވެސް އެނގިފާއިވާއިރު، ބައްޕާފުޅާއި ބައްދަލުވެވަޑައިގަތުމަށް އިތުރަށް ކެތްތެރިވެވަޑައިގަތުމަށް ބޭނުމެއް ނެތެވެ. އެކަލޭގެފާނުގެ ބައްޕާފުޅަށް މީރު ކާބޯތަކެތި ނުލިބޭއިރު އެކަލޭގެފާނު މީރު ތަކެތި ފަރިކުޅުއްވާނީ ކިހިނެތް ހެއްޔެވެ؟! އެކަލޭގެފާނު ގަނޑުވަރުގައި އަވަހާރަފުޅު ލައްޕަވާއިރު ބައްޕާފުޅު އަވަހާރަފުޅު ލައްޕަވަނީ އެފަދަ ތަންމައްޗެއްގައެއް ނޫނެވެ.
ފަހެ، މިހާރު ސިއްރު ފާޅުވެއްޖެއެވެ. ޔަޢުޤޫބުގެފާނު ހިތްޕުޅު ހަމަޖެއްސެވުމަށް ﷲ ތަޢާލާ އިރާދަކުރެއްވިއެވެ. ޔަޢުޤޫބުގެފާނު ކުރައްވާ ހިތާމަ ބޮޑުވެގެން، އެންމެ ފަހުން އެކަލޭގެފާނުގެ ލޯފުޅުގެ ފެނުން ގެއްލިގެން ދިޔައެވެ. ޔޫސުފުގެފާނު ވިދާޅުވިއެވެ.
﴿اذْهَبُوا بِقَمِيصِي هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِي يَأْتِ بَصِيرًا وَأْتُونِي بِأَهْلِكُمْ أَجْمَعِينَ﴾ [1]
މާނަ: “ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅު މައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަ މީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެއެވެ. އަދި ތިޔަބައިމީހުންގެ އަހުލުވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!”
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف 93