- (ضعيف) وَعَنْ أَبِي أُمَامَةَ الْبَاهِلِيِّ – رضي الله عنه – قَالَ: قَالَ رَسُولُ – صلى الله عليه وسلم: «إِنَّ الْمَاءَ لَا يُنَجِّسُهُ شَيْءٌ, إِلَّا مَا غَلَبَ عَلَى رِيحِهِ وَطَعْمِهِ, وَلَوْنِهِ». أَخْرَجَهُ ابْنُ مَاجَهْ وَضَعَّفَهُ أَبُو حَاتِمٍ.
މާނަ: އަދި އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން އެއްވެސް އެއްޗަކުން ފެން ނަޖިހެއް ނުވެއެވެ. އެއީ (ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން) އޭގެ ވަހާއި ރަހައަށް އަދި ކުލައަށް ބަދަލު ނައަންނަ ހިނދެއްގައެވެ.”
(މިއީ އިބްނު މާޖާ ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ. އަދި އަބޫ ޙާތިމް ވަނީ މި ޙަދީޘް ޟަޢީފް ކުރައްވާފައެވެ.)
- (ضعيف) وَلِلْبَيْهَقِيِّ: «الْمَاءُ طَاهِرٌ إِلَّا إِنْ تَغَيَّرَ رِيحُهُ, أَوْ طَعْمُهُ, أَوْ لَوْنُهُ; بِنَجَاسَةٍ تَحْدُثُ فِيهِ»
މާނަ: އަދި އަލްބައިޙަޤީ ރިވާ ކުރައްވާފައި ވެއެވެ: “ފެނަށް އެޅިއްޖެ ނަޖިހެއްގެ ސަބަބުން އެ ފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލެއް ނައަންނަހާ ހިނދަކު އެފެނަކީ ޠާހިރު އެއްޗެކެވެ.”
ޙަދީޘްގެ ޞައްޙަކަމަށް ބަލާލުން:
އިބްނު މާޖާ، މި ޙަދީޘް ނެރުއްވާފައިވާ މަގު: އިބްނު މާޖާ ކިތާބުއް ޠަހާރާގެ ބާބުލް ޙައިޟުގައި މި ޙަދީޘް ގެންނަވާފައި ވާއިރު އައްދާރުޤުޠުނީ އާއި އައްޠަބަރާނީ ވެސް އެދެބޭކަލުންގެ ފޮތް ފޮތުގައި މި ޙަދީޘް ގެންނަވާފައި ވެއެވެ. މި އެންމެ ބޭކަލުން ވެސް މި ޙަދީޘް ގެންނަވާފައި ވަނީ ރިޝްދީން އިބްނު ސަޢުދުގެ މަގުންނެވެ. އެކަލޭގެފާނު ބުނެފައި ވެއެވެ. މުޢާވިޔާ އިބްނު ޞާލިޙް އަހަރެމެންނަށް ކިޔައިދެއްވިއެވެ. އަބޫ އުމާމަތުލް ބާހިލިއްޔުގެ ކިބައިން ރާޝިދު އިބްނު ސަޢުދު އަހަރެމެންނަށް މަރުފޫޢުކޮށް މި ޙަދީޘް ކިޔައި ދެއްވައިފައި ވެއެވެ.
މި ޙަދީޘަކީ ޟަޢީފް ދަރަޖައިގެ ޙަދީޘެކެވެ. ޟަޢީފު ވަނީ، ޙަދީޘުގެ ސަނަދުގައި ރިޝްދީން އިބްނު ސަޢުދު ވުމުގެ ސަބަބުންނެވެ. އިމާމް އަޙްމަދާއި އަބޫ ޒަރްޢާ އަދި އަބޫ ޙާތިމާއި އައްނަސާއީ ފަދަ ބޭބޭކަލުން ވަނީ ރިޝްދީނަކީ ޟަޢީފުކަން ގަދަ، ބަލިކަށި ރާވީއެއް ކަމަށް ބަޔާން ކުރަށްވާފައެވެ. އަދި އިމާމް ނަވަވީ ވިދާޅުވެފައި ވެއެވެ: “(ރިޝްދީން އިބްނު ސަޢުދުގެ) ޟަޢީފު ކަމާމެދު އެންމެހާ މުޙައްދިޘުން ވަނީ އިއްތިފާޤުވެފައެވެ.” އަދި މި ޙަދީޘަކީ މުރުސަލް ޙަދީޘެއް ކަމަށް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާފައި ވެއެވެ. އަބޫ ޙާތިމް އެކަލޭގެފާނުގެ ފޮތް، އަލް ޢިލަލްގައި އެފަދައިން ބަޔާން ކުރައްވާފައި ވެއެވެ.
އަލްބައިޙަޤީ، މި ޙަދީޘް ގެންނަވާފައިވާ މަގު: އަލްބައިޙަޤީ، ރިޝްދީން އިބްނު ސަޢުދު ނުހިމެނޭ އެހެން މަގަކުން މި ޙަދީޘް ރިވާ ކުރައްވާފައި ވާއިރު، އޭގެ ސަނަދުގައި ޢަޠިއްޔާ އިބްނު ބަޤިއްޔާ އިބްނުލް ވަލީދު ވެއެވެ. ޢަޠިއްޔާ މިޙަދީޘް އޭނާގެ ބައްޕަގެ އަރިހުން ރިވާ ކުރައްވާފައި ވާއިރު އެއީ ނުބައިކޮށް ޙަދީޘް ކިޔުއްވޭ ބޭކަލެކެވެ. އަދި ވަލީދަކީ މަކަރު ހަދާ މީހެއް ކަމުގައި ވެއެވެ. މި ސަބަބުތަކަށްޓަކައި އަލްބައިޙަޤީ ވިދާޅުވެފައި ވަނީ މި ޙަދީޘަކީ ޟަޢީފު ޙަދީޘެއް ކަމަށެވެ.
އިބްނު ޙަޖަރު އަލް އަސްޤަލާނީ މި ފޮތުގައި އަލްބައިޙަޤީގެ ރިވާޔަތް ގެންނަވާފައި ވަނީ، މިރިވާޔަތުގައި ތަފާތު ކަމެއް ފާހަގަ ވާތީއެވެ. އެއީ: އިބްނު މާޖާގެ ރިވާޔަތުގައި ވަނީ: رِيحِهِ وَطَعْمِهِ، وَلَوْنِهِ އެހެންނަމަވެސް އަލްބައިޙަޤީގެ ރިވާޔަތުގައި ވަނީ: رِيحُهُ، أَوْ طَعْمُهُ، أَوْ لَوْنُهُ މިއެވެ. ތަފާތަކީ ފުރަތަމަ ރިވާޔަތުގައި “وَ” ބޭނުން ކުރެވިފައިވާ ތަނަށް ދެވަނަ ރިވާޔަތުގައި “أَو” ބޭނުން ކުރެވިފައިވުމެވެ.
އެހެންކަމުން ފުރަތަމަ ރިވާތަކުން ނެގޭނެ ފައިދާ އަކީ: ފެނުގެ ވަހާއި ރަހައާއި ކުލަ، މިހުރިހާ ސިފައެއް ބަދަލު ވުމުން މެނުވީ ފެން ނަޖިހެއް ނުވާނެއެވެ. މާނައަކީ (ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން) ހަމައެކަނި ފެނުގެ ކުލަ ބަދަލުވެފައި ރަހައާއި ވަސް ބަދަލު ނުވި ކަމުގައި ވީ ނަމަވެސް ފެން ނަޖިހެއް ނުވާނެއެވެ. އެޔާ ޚިލާފަށް، ދެވަނަ ރިވާޔަތަށް ބަލާނަމަ، އެފެނަކީ ނަޖިސް ފެނެއް ކަމުގެ ޙުކުމް ކަނޑައެޅުމަށްޓަކައި، ޛިކުރުކުރެވިފައިވާ ތިން ސިފައިގެ ތެރެއިން އެންމެ ސިފައަކަށް ބަދަލު އައި ނަމަވެސް ފެން ނަޖިސްވާހުއްޓެވެ. މާނައަކީ (ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން) ހަމައެކަނި ފެނުގެ ކުލަ ބަދަލުވެފައި ރަހައާއި ވަސް ބަދަލު ނުވި ކަމުގައިވީ ނަމަވެސް އެފެން ނަޖިސް ވާނެއެވެ. މި ތަފާތަށް ބެލުމަށްފަހު، ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އަލްބައިޙަޤީގެ ރިވާޔަތުން އިބްނު މާޖާގެ ރިވާޔަތް ޤައިދު ކުރެވެއެވެ. (فتح ذو الجلال والإكرام (1/60)) މާނައަކީ (ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން)، ޛިކުރުކުރެވިފައިވާ ތިން ސިފައިގެ ތެރެއިން އެންމެ ސިފައަކަށް ބަދަލު އައި ނަމަވެސް އެފެން ނަޖިސް ވާހުއްޓެވެ.
ޙަދީޘުގެ ބައެއް ކަލިމަތަކުގެ މާނަ:
((“ހަމަކަށަވަރުން އެއްވެސް އެއްޗަކުން ފެން ނަޖިހެއް ނުވެއެވެ. އެއީ (ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން) އޭގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު ނައަންނަ ހިނދެއްގައެވެ.)): ޙަދީޘް ޟަޢީފު ކަމުގައި ވީ ނަމަވެސް، މި ޙަދީޘުގެ ފުރަތަމަ ބައި ކަމަށްވާ “ހަމަކަށަވަރުން އެއްވެސް އެއްޗަކުން ފެން ނަޖިހެއް ނުކުރެއެވެ.” މިއީ ކުރިން ޝަރަޙަ ކުރެވުނު އަބޫ ސަޢީދުގެ ޙަދީޘުގައި ވެސް ވީ ތަންކޮޅެކެވެ. އެހެން ކަމުން މިބަޔަކީ ސައްޙަ ބަޔެކެވެ. އަދި ބަލިކަށި ކަމަށް ޢިލްމުވެރިން ޛިކުރުކުރައްވާފައި ވަނީ މިޙަދީޘުގައި އިތުރުވެފައިވާ ބަޔެވެ. އެއީ: “އެއީ (ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން) އޭގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު ނައަންނަ ހިނދެއްގައެވެ.”
ނަމަވެސް އުންމަތުގެ ހުރިހާ ޢިލްމުވެރިންގެ އިޖުމާޢު ވެފައިވާ ގޮތުގައި ފެނުގެ މިންވަރު ގިނަ ކަމުގައިވީ ނަމަވެސް ނުވަތަ މަދު ކަމުގައިވީ ނަމަވެސް، އެ ފެނަށް އެޅޭ ނަޖިހެއްގެ ސަބަބުން ފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައިސްފިކަމުގައިވާ ނަމަ އެފެން ނަޖިސް ވާ ހުއްޓެވެ. އިމާމް އައް ޞަންޢާނީ “ސުބުލުއްސަލާމުގައި” ޛިކުރުކުރައްވާފައި ވެއެވެ. “މި ޙުކުމް މިގޮތަށް ނެގިފައިވަނީ އެއްވެސް ޙާލެއްގައި ޙަދީޘުގައި އެފަދައިން ވުމަކުންނެއް ނޫނެވެ. (އިސްލާމީ ޝަރީޢަތުގެ އަސްލުތަކުގެ ތެރެއިން އަސްލެއް ކަމަށްވާ) “އިޖުމާޢުންނެވެ”. (سبل السلام (1/107)) އެބަހީ، އުންމަތުގެ ޢިލްމުވެރިން ވަނީ އެކަމަށް އިޖުމާޢު ވެލައްވާފައެވެ.
ޙަދީޘުން ނެގޭ ފައިދާތަކާއި ފިޤްހީ މައްސަލަތައް:
ފުރަތަމަ ފައިދާ: ފެނުގެ އަޞްލަކީ ޠާހިރުކަން. އެހެނީ އެޅޭ ނަޖިހެއްގެ ސަބަބުން ފެން ތަޣައްޔަރު ވުމުން (ފެނުގެ ސިފަތަކަށް ބަދަލު އައުމުން) މެނުވީ ފެން ނަޖިސް ފެން ކަމުގައި ނުބެލެވޭނެއެވެ.
ދެވަނަ ފައިދާ: ފެނަށް ނަޖިހެއް އެޅުމުގެ ސަބަބުން އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އަތުވެއްޖެނަމަ، އެފެނަކީ ނަޖިސް ފެންކަމުގައި ވުން. އެހެންނަމަވެސް ފެނަށް ޠާހިރު އެއްޗެއް އެޅިއްޖެނަމަ، އެ ފެން ވާހުށީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.
ފުރަތަމަ ޙާލަތް: ފެނަށް ޠާހިރު އެއްޗެއް އެޅުނު ކަމުގައި ވީނަމަވެސް އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު ނައަންނަ ނަމަ، އެފެން ވާހުށީ ހަމަ ޠާހިރު ފެން ކަމުގައެވެ.
ދެވަނަ ޙާލަތް: ފެނާ އެކުވާ ޠާހިރު އެއްޗަކުން ފެނުގެ ސިފައަކަށް ނުވަތަ ސިފަތަކަކަށް އަންނަ ބަދަލެއްގެ ސަބަބުން ފެނުގެ ނަން ނޫން އެހެން ނަމެއް އެއަށް ދެވޭނަމަ، ނުވަތަ ފެނުގެ ނަން އެއަށް ނުދެވޭ ވަރަށް ބަދަލު ވުމެވެ. މިޘާލަކަށް ހޫނު ފެންތައްޓަކަށް ސައިފަތް ޕެކެޓެއް ލައި ގިރާލުމުން އެފެނުގެ ރަހައާއި ކުލަ އަދި ވަހަށްވެސް ބަދަލު އަންނަ ހުއްޓެވެ. އަދި އެއަކަށް ދެން ފެނެކޭ ނުކިޔާނެއެވެ. ސައިފަތާ އެކުވުމުގެ ނަތީޖާ އަކަށް ވެގެން ދާނީ، އެފެންތަށި ސައި ތައްޓަކަށް ބަދަލުވުމެވެ. މިހާރު އެއަށް ކިޔާނީ ސައެވެ. ފެނެއް ނޫނެވެ. ފެނަށް މިފަދަ ބަދަލެއް އައިސްފި ނަމަ އޭގެ ޙުކުމަށް ބަދަލު އާދެއެވެ. އެއީ އޭގެއިން ވުޟޫކުރުން ފަދަ ޙަދަޘުން އެރެގަތުން ދެން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ އެއީ ފެން ކަމުގައި ނުވާތީ އެވެ. އަދި ޙަދަޘުން އެރެގަނެވޭނެނީ ފެނުން ކަމަށް ވާތީއެވެ.
ތިންވަނަ ޙާލަތް: ފެނާ އެކުވާ ޠާހިރު އެއްޗަކުން ފެނުގެ ސިފައަކަށް ނުވަތަ ސިފަތަކަކަށް އަންނަ ބަދަލެއްގެ ސަބަބުން ފެނުގެ ނަން ބަދަލު ނުވާ ޙާލަތުގައި ވާ ފެން. މިޘާލަކަށް ފެނަށް ސައިބޯނި އެކުވުމުގެ ސަބަބުން އެފެނުގެ ރަހައާއި ކުލަ އަދި ވަހަށްވެސް ބަދަލު އަންނަ ހުއްޓެވެ. ނަމަވެސް އެއީ މުޅިން އެހެން އެއްޗެއް ކަމުގައި ނުބެލެވެއެވެ. އެހެނީ ސައިބޯންޏާ އެކުވުމަށް ފަހު ފެނަށް ކިޔާނީ ސައިބޯނި ފެނެވެ. މި ޙާލަތުގައި ވާ ފެނުގެ ޙުކުމާމެދު މެދު ޢިލްމުވެރިން ޚިޔާލު ތަފާތު ވެފައި ވެއެވެ.
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިފެނުން ޙަދަޘް އެރެގަތުން ހުއްދައެއް ނުވާނެއެވެ. ނަމަވެސް އަބޫ ޙަނީފާގެ މަޛްހަބާއި، އިމާމް އަޙްމަދުގެ ރިވާޔަތެއްގައި ވާގޮތުން އެފެނުން ޙަދަޘް އެރެގަނެވޭނެއެވެ. ސަބަބަކީ އެއީ ފެން ކަމަށް ވާތީއެވެ. މި މައްސަލާގައި ރަނގަޅު ގޮތަކީ މިއީ ކަމަށް އިބްނުލް މުންޛިރާއި، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚް އިބްނު ބާޒު އަދި އިބްނު ޢުޘައިމީން ރަޙިމަހުމުﷲ ވިދާޅުވެފައި ވެއެވެ. މި މައްސަލާގައި ރަނގަޅު ރަޢުޔަކީ ވެސް ދެވަނަ އަށް މިބުނެވުނު ރަޢުޔު ކަމުގައި ވެއެވެ. އޭގެ ދަލީލަށް ބަލާއިރު: ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ﴾ سورة المائدة–6
މާނަ: “އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ!”
އާޔަތުގެ މާނައިގައި އެވާ، “ފެން ނުލިބިއްޖެ ނަމަ” މިބައި އާޔަތުގައި ވަނީ “فَلَمْ تَجِدُوا مَاءً“ މިފަދައިންނެވެ. މިތާނގައި “مَاءً“ ވަނީ ޢަރަބި ބަހުގެ ބަސް ބުނެ އުޅުމުގެ ޙާލަތްތަކުގެ ތެރެއިން ނަކިރާގެ ޙާލަތުގައެވެ. ނަކިރާގެ ޙާލަތުގައިވާ ނަންނަންވަނީ ދިވެހި ބަހުގެ ޤަވާޢިދުގައިވާ ޢާންމު ނަން ފަދައިންނެވެ. ޚާއްޞަ ނަމަށް ޢަރަބި ބަހުން މިކިޔަނީ އަސްމާއުލް މަޢުރިފާ އެވެ. އަދި ޢާންމު ނަންނަމަށް ކިޔަނީ އަސްމާއުއް ނަކިރާއެވެ. ވީމާ މިއާޔަތުގައި ފެން މާނަ ކުރެވެނީ ހުރިހާ ވައްތަރެއްގެ ފެން ވެސް ހިމެނޭނެ ހެންނެވެ. އެއީ ފެނަށް ޠާހިރު އެއްޗެއް އެޅި، ފެނަށް އަންނަ ބަދަލުގެ ސަބަބުން ފެން އެހެން އެއްޗަކަށް ބަދަލު ނުވާހާ ހިނދަކުއެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިޙްރާމުގެ ޙާލަތުގައި މަރުވި މީހާ އަށާއި އެކަލޭގެފާނުގެ ދަރިކަނބަލުން ހިނެވުމުގައި ވެސް ފެނާއި ކުންނާރު ފަތް އެއްކުރުމަށް ފަހު، ފެން ބޭނުން ކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ. އެއްވެސް ޝައްކެއް ނެތި އެނގޭ ގޮތުގައި ހިނަވަން ޖެހޭނީ ފެނުންނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެފަރާތްތަށް ހިނަވަން އެންގެވީ މުޠުލަޤު ފެނަކުންނެއް ނޫނެވެ. ކުންނާރު ފަތް އެއާ އެކުވެފައިވާ ފެނުންނެވެ. މިއިން ވެސް ދަލީލު ކޮށްދެނީ ފެނަށް ޠާހިރު އެއްޗެއް އެޅި، ފެނަށް އަންނަ ބަދަލުގެ ސަބަބުން ފެން އެހެން އެއްޗަކަށް ބަދަލު ނުވާހާހިނދަކު އެފެނުން ޙަދަޘް އެރެގަނެ ވުޟޫކޮށް ހިނައިގަތުން ޞައްޙަވާނެ ކަމެވެ. (انظر “مجموع الفتاوى” (21/ 26))
ތިންވަނަ ފައިދާ: ފެން ބެހިގެން ވަނީ ދެބަޔަށް ކަން. އެއީ ޠަހޫރު ފެނާއި ނަޖިސް ފެނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން “ޠާހިރު” ގެ ނަމުން ނަންދެވިފައިވާ ތިންވަނަ ބާވަތެއްގެ ފެނެއް ނުވެއެވެ. މި ދެބައި ފިޔަވައި ތިންވަނަ ބައެއް ވާނަމަ ﷲ ގެ ޝަރީޢަތުގައި އެކަން ބަޔާން ވެގެން ވީހެވެ. އެހެނެއްކަމަކު މި ޙަދީޘުން ވެސް ފެން ބެހިގެން ވަނީ ދެބަޔަށް ކަން އަންގައި ދެއެވެ. އެއީ ޙަދީޘްގައި ވަނީ: “ހަމަކަށަވަރުން ފެނަކީ ޠަހޫރު އެއްޗެކެވެ. އެއްވެސް އެއްޗެއް، އެފެން ނަޖިހެއް ނުކުރެއެވެ.” މިފަދައިންނެވެ. ފެނަކީ ޠަހޫރު އެއްޗެއް ކަން ބަޔާން ކުރެއްވުމަށްފަހު ދެން ޙަދީޘްކުރައްވަނީ ނަޖިސް ޙާލަތާ ބެހޭގޮތުންނެވެ. އެއްވެސް އެއްޗެއް އެފެން ނަޖިހެއް ނުކުރާ ކަމެވެ. ތިންވަނަ ޙާލަތެއް ނުވަތަ ބައެއްގެ ވާހަކަ އެއް އެކަލޭގެފާނު ނައަންގަވައެވެ.
ހަތަރުވަނަ ފައިދާ: ފެން ނަޖިސް ވާނީ އެފެނަށް އެޅޭ އެއްޗެއްގެ ސަބަބުން ފެން ނަޖިސް ވެއްޖެ ކަމުގައި ވާނަމައެވެ. އެ ފެން ކައިރީގައި ނަޖިސްތަކެއް ހުރެމެ އެނަޖިސްތައް ފެނާ އެއް ނުވެ، އޭގެ އަޘަރުކޮށްގެން ފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައި ކަމުގައިވީ ނަމަވެސް އެފެން ނަޖިހެއް ނުވާނެއެވެ. ސަބަބަކީ އަލްބައިޙަޤީގެ ރިވާޔަތުގައި ވަނީ “ފެނަށް އެޅިއްޖެ ނަޖިހެއްގެ ސަބަބުން” ވީމާ މިސާލަކަށް ކުޑަ ފެންގަނޑެއްގެ ކައިރީގައި ވިއްސަކަށް ބަކަރި މަރުވެ ކުނިވަމުން ދާއިރު، އޭގެ އެއްވެސް އެއްޗެއް ފެންގަނޑާ އެއްނުވެ، އޭގައިން ދުވާ ވަހުގެ ސަބަބުން ފެންގަނޑަށް ބަދަލު އައިސްފި ކަމުގައި ވާނަމަވެސް އެފެން ނަޖިސް ނުވާ ހުއްޓެވެ. ނަމަވެސް މިފަދަ ޙާލަތުގައި ރައްކާތެރިކަމުގައި ހިފައި އެނޫން އެހެން ގޮތެއް ނެތުމުން ނޫނީ އެފެން ބޭނުން ނުކުރުން ބުއްދިވެރިއެވެ. ސަބަބަކީ ކައިރީގައި ވީ ނަޖިހުގެ ސަބަބުން ފެނަށް ޖަރާސީމާއި، ނުރައްކާތެރި މާއްދާތައް އެއްވެފައި ހުރުމުގެ އިޙްތިމާލު އޮތީމައެވެ.
_____________________________