މިބިންމަތީ އެންމެ ފުރަތަމަ އުޅުނު އިންސާނުންނަކީ ﷲ ފިޔަވައި އެހެނިހެން ފަރާތްތަކަށް އަޅުކަންކުރި ބައެއްކަމަށާއި އެމީހުންނަކީ ދިރިއުޅުމުގައި އެއްވެސް އުޞޫލެއް ގޮތެއް ފޮތެއް ގެންގުޅުނު ބައެއް ނޫންކަމުގައި ބުނާތީ އަޑުއިވެއެވެ. ނަމަވެސް އިސްލާމީ ޙުކުމްތަކުގެ އަޞްލުތަކަށް ރުޖޫޢަވާއިރު މިއީ ފާސިދުބަހެއްކަމާއި ޙަޤީޤަތެއް ނޫންކަން ހާމަވެއެވެ. އެހެނީ މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވަނީ:
عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ قَالَ : ((كَانَ بَيْنَ آدَمَ وَنُوْحً عَشَرَةُ قُرُوْنٍ كُلُّهُمْ عَلىَ الْإِسْلاَمِ)) [تيسير العزيز الحميد لسليمان]
މާނައީ : އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” އާދަމް ޢަލައިހި ސަލާމާއި ނޫހު ޢަލައިހި ސަލާމާއި ދެމެދުގައިވި ދިހަ ޤަރުނުގައި އެންމެހައި މީސްތަކުން ތިބީ އިސްލާމްދީންމަތީގައެވެ.”
މިކަމުގެ ޙަޤީޤަތާ ހަމައަށް ދެވުމުން ދެން އަޅުގަނޑު ބަލާލަން ޤަޞްދުކުރަނީ މިބިންމަތީ ﷲ އަށް އުރެދި އެއިލާހާ އެހެން ފަރާތްތައް ބައިވެރިކުރެވެން ފެށިގޮތުގެ ޙަޤީޤަތް ހާމަކުރުމަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ މިބިންމަތީ ބުދަށް އަޅުކަންކުރާން ފެށުނު ގޮތުގެ ޙަޤީޤަތާ ހަމައަށް ވާޞިލުވުމަށެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި އާދަމް ޢަލައިހި ސަލާމުން ފެށިގެން ދިހަ ޤަރުނު ވާންދެން މީސްތަކުން ތިބީ ﷲ ގެ އެއްކައުވަންތަކަމަށް އީމާންވެގެންވާ ޙާލު ތަޥްޙީދުގެ ކަލިމައިގެ މަތީގައެވެ. މިކަން އިސްވެ ބަޔާންކުރެވުނު ޙަދީޘުންވެސް ސާބިތުވެއެވެ. ދެން އެއަށްފަހު މީސްތަކުންގެ ތެރޭގައި އުޅުނު އަޅުވެރިކަމުގެ ގޮތުން މަތިވެރި ވަލީވެރީންތަކެއް އަވަހާރަވުމަށްފަހު އެބޭކަލުންގެ ހަނދާން އާކުރުމުގެ ގޮތުން އެބޭކަލުންގެ ޞޫރަ ހެދުމަށް ޝައިޠާނާ މީސްތަކުންގެ ތެރެއިން ބަޔަކަށް ވަސްވާސްދިނީއެވެ.. ދެން އެވަލީވެރިންގެ ޞޫރަތަކުގައި ބުދުހަދައި މީސްތަކުންގެ މެދުގައި އެތަކެތި ބެހެއްޓުނެވެ. މިގޮތުގައި ޒަމާންތަކެއް ދިޔުމަށްފަހު ޝައިޠާނާގެ ވަސްވާހަށް ހެއްލިގޮސް އެޞޫރަތަކަށް މާތްކޮށްހިތުމަށް މީސްތަކުން ފެށީއެވެ. އޭގެފަހުން ޝައިޠާނާގެ ވަސްވާހަށް އެޞޫރަތަކަށް މާތްކޮށް ހިތުމާއެކު އެތަކެތީން ބަރަކާތް ޙާޞިލުކުރުމަށް މީސްތަކުން ފަށައި، އެންމެފަހުން މީސްތަކުން އެޞޫރަތަކަށް ސަޖިދަވެސް ކުރާން ފެށީއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މިއަންނަނިވި އާޔަތުގައި ﷲ ތަޢާލާ ވަނީ މިކަންތައް ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ
(وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا) ( ސޫރަތުއް ނޫޙްގެ 23 ވަނަ އާޔަތް )
މާނައީ : ” އަދި އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ! “
މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުގެ އަރިހުން އިމާމް ބުޚާރީ ރަޙިމަހު ﷲ ރިވާކުރައްވާފައިވެއެވެ.
އިބްނު ޢައްބާސް ވިދާޅުވިއެވެ. ” ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރާއި، މިނަންތަކަކީ ޞާލިޙު އަޅުވެރިންގެ ނަންނަމެވެ. އެބޭކަލުން އަވަހާރަވުމުން އެބޭކަލުންގެ ޤައުމުގެ މީހުންނަށް ޝައިޠާނާ ވަސްވާސްދިނީ އެބައިމީހުންގެ މަޖްލީސްތަކުގައި ބެހެއްޓުމަށް މިބޭކަލުންގެ ޞޫރައިގައި ބުދުހެދުމަށެވެ. އަދި އެބުދުތަކަށް އެބޭކަލުންގެ ނަންނަމުން ނަން ކިޔުމަށެވެ. އެހެންކަމުން އެބައިމީހުން އެންމެ ފުރަތަމަ އަޅުކަމެއް ނުކުރެއެވެ. ނަމަވެސް ބުދުހަދައި އެބައިމީހުންގެ މަޖްލިސްތަކުގައި އެތަކެތި ބަހައްޓައިހެދި މީހުން މަރުވެ ދިޔުމަށްފަހު ދެން އޭގެފަހުން އައިބަޔަކު އެތަކެއްޗަށް އަޅުކަންކުރާން ޢަރަބިކަރައަށް ގެންގޮސް، ޢަރަބިކަރައިގައިވެސް އެތަކެއްޗަކަށް އަޅުކަން ކުރެވުނެވެ. “
މިބިންމަތީ ބުދަށް އަޅުކަން ކުރަން ފެށުނުގޮތަކީ މިއީއެވެ. މިކަމުން ޢިބްރަތް ޙާޞިލުކުރައްވާށެވެ.