[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދައުރު ނުވާ ފެނަށް ކުޑަކަމުދިއުމާއި އެފެނުން ހިނައިގަތުމުގެ ޙުކުމް

  1. (صحيح) عَنْ أَبِي هُرَيْرَةَرضي الله عنهقَالَ: قَالَ رَسُولُ اللَّهِصلى الله عليه وسلم: «لَا يَغْتَسِلُ أَحَدُكُمْ فِي الْمَاءِ الدَّائِمِ وَهُوَ جُنُبٌ». أَخْرَجَهُ مُسْلِمٌ

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ޖުނުބުގެ ޙާލަތުގައި ހުރެ ދައުރު ނުވާ ފެނުގައި ހިނައި ނުގަންނަ ހުށިކަމެވެ.”

(މިއީ އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ.)

 

  1. (صحيح) وَلِلْبُخَارِيِّ: «لَا يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ الَّذِي لَا يَجْرِي, ثُمَّ يَغْتَسِلُ فِيهِ».

މާނަ: އަދި އެހެން ޙަދީޘެއްގައި އަލްބުޚާރީ ރިވާކުރައްވާފައި ވެއެވެ: “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ދައުރު ނުވާ، ފެނަށް ކުޑަކަމު ގޮސް އެ ފެނުގައި ފެން ނުވަރާ ހުށިކަމެވެ.”

(صحيح) وَلِمُسْلِمٍ: «مِنْهُ».

(މަތީގައި ޛިކުރުކުރެވުނު ޙަދީޘުގެ) މުސްލިމްގެ ރިވާޔަތުގައި («فِيهِ» މާނަ: “ފެނުގައި” ގެ ބަދަލުގައި) ވަނީ «مِنْهُ» މާނަ: “ފެނުން” އެވެ.

(صحيح) وَلِأَبِي دَاوُدَ: «وَلَا يَغْتَسِلُ فِيهِ مِنَ الْجَنَابَةِ».

މާނަ: އަދި ހަމަ މި ޙަދީޘުގެ އަބޫ ދާވޫދު ގެ ރިވާޔަތުގައި ވެއެވެ. “އަދި ޖުނުބުގެ ޙާލަތުގައިވާ މީހާ އޭގައި (އެބަހީ: ދައުރު ނުވާ ފެނުގައި) ހިނައި ނުގަންނަ ހުށިކަމެވެ.”

 

ރިވާޔަތްތައް އެއްކޮށް:

މިބައިގައި ޛިކުރު ކުރެވިފައިވަނީ ދެ ޙަދީޘެކެވެ.

ފުރަތަމަ ޙަދީޘް: عَنْ أَبِي هُرَيْرَةَرضي الله عنهقَالَ: قَالَ رَسُولُ اللَّهِصلى الله عليه وسلم: «لَا يَغْتَسِلُ أَحَدُكُمْ فِي الْمَاءِ الدَّائِمِ وَهُوَ جُنُبٌ». أَخْرَجَهُ مُسْلِمٌ

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ޖުނުބުގެ ޙާލަތުގައި ހުރެ ދައުރު ނުވާ ފެނުގައި ހިނައި ނުގަންނަ ހުށިކަމެވެ.” (މިއީ އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ.)

ދެވަނަ ޙަދީޘް: وَلِلْبُخَارِيِّ: «لَا يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ الَّذِي لَا يَجْرِي, ثُمَّ يَغْتَسِلُ فِيهِ». މާނަ: )އަދި އެހެން ޙަދީޘެއްގައި( އަލްބުޚާރީގެ ރިވާކުރައްވާފައި ވެއެވެ: “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދައުރު ނުވާ ފެނަށް ކުޑަކަމު ގޮސް ދެން އެ ފެނުގައި ފެން ނުވަރާހުށިކަމެވެ.”

މިއީ ވެސް އަބޫ ހުރައިރާގެ ކިބައިން ރިވާވެފައިވާ ޙަދީޘެކެވެ. މި ބައިގައި ދެން ޛިކުރުކުރެވިފައި ވަނީ މި ޙަދީޘުގެ އެހެން ދެ ރިވާޔަތެކެވެ. އެއީ އިމާމް މުސްލިމާއި އަބޫ ދާވޫދުގެ ރިވާޔަތެވެ.

އިމާމް މުސްލިމްގެ ރިވާޔަތް: عَنْ أَبِي هُرَيْرَةَرضي الله عنهعَنِ النَّبِيِّ صلى الله عليه وسلم قَالَ « لاَ يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ ثُمَّ يَغْتَسِلُ مِنْهُ‏‏».

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދައުރު ނުވާ ފެނަށް ކުޑަކަމު ގޮސް، ދެން އެ ފެނުން ފެން ނުވަރާ ހުށިކަމެވެ.”

އަބޫ ދާވޫދުގެ ރިވާޔަތް: عَنْ أَبِي هُرَيْرَةَرضي الله عنهقَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم «‏لاَ يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ وَلاَ يَغْتَسِلْ فِيهِ مِنَ الْجَنَابَةِ».

އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ދައުރު ނުވާ ފެނަށް ކުޑަކަމު ނުދާހުށިކަމެވެ. އަދި ޖުނުބުގެ ސަބަބުން (އެބަހީ ބޮޑު ޙަދަޘުން އެރެގަތުމަށް) އޭގައި (އެބަހީ: ދައުރު ނުވާ ފެނުގައި) ހިނައި ނުގަންނަ ހުށިކަމެވެ.”

 

ދެވަނަ ޙަދީޘުގެ ވާރިދުވެފައިވާ އެކި ރިވާޔަތްތަކުގެ ފަރަޤު:

ދެވަނަ ޙަދީޘުގެ ރިވާޔަތްތަކަށް ބަލާއިރު، ފެންނަން އޮތް ތަފާތުތަކާ ބެހޭގޮތުން ވާހަކަދައްކާލުން ވަރަށް މުހިންމެވެ. އެގޮތުން ތަފާތުތަކަށް ބަލާއިރު، ބުޚާރީގެ ރިވާޔަތުގައި ވަނީ މިފަދައިންނެވެ: « ثُمَّ يَغْتَسِلُ فِيهِ » މާނަ: ” ދެން އެ ފެނުގައި ފެން ނުވަރާ ހުށިކަމެވެ.” އަދި މުސްލިމްގެ ރިވާޔަތުގައު ވަނީ މިފަދައިންނެވެ. « ثُمَّ يَغْتَسِلُ مِنْهُ » މާނަ: ” ދެން އެ ފެނުން ފެން ނުވަރާ ހުށިކަމެވެ.” އަދި އަބޫ ދާވޫދުގެ ރިވާޔަތުގައު ވަނީ މިފަދައިންނެވެ. « وَلاَ يَغْتَسِلْ فِيهِ مِنَ الْجَنَابَةِ » މާނަ: ” އަދި ޖުނުބުގެ ސަބަބުން (އެބަހީ ބޮޑު ޙަދަޘުން އެރެގަތުމަށް) އޭގައި (އެބަހީ: ދައުރު ނުވާ ފެނުގައި) ހިނައި ނުގަންނަ ހުށިކަމެވެ.”

ބުޚާރީގެ ރިވާޔަތުން ނެގޭ ފައިދާއަކީ: ދައުރު ނުވާ ފެނަށް ކުޑަކަމު ދިއުމަށްފަހު އެފެންގަނޑަށް އެރި ހިނައިގަތުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަހީ ކުރައްވާފައިވާ ކަމެއް ކަމެވެ. މިފަދައިން ބުނެވެނީ މިރިވާޔަތުގައި “ފެނުގައި” މިފަދައިން ބުނެވިފައި ވާތީއެވެ.

މުސްލިމްގެ ރިވާޔަތުން ނެގޭ ފައިދާއަކީ: ދައުރު ނުވާ ފެނަށް ކުޑަކަމު ދިއުމަށްފަހު އެފެންގަނޑަށް އެރުމަކާ ނުލާ، (ޖަގެއް ކަހަލަ އެއްޗަކުން ނަމަވެސް) އެފެންގަނޑުން ފެން ނަގައި، އެފެނުން ހިނައި ގަތުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަހީ ކުރައްވާފައިވާ ކަމެއް ކަމެވެ. މިފަދައިން ބުނެވެނީ މިރިވާޔަތުގައި “ފެނުން” މިފަދައިން ބުނެވިފައި ވާތީއެވެ.

އަބޫ ދާވޫދުގެ ރިވާޔަތުން ނެގޭ ފައިދާއަކީ: ދައުރު ނުވާ ފެނަށް ކުޑަކަމު ދިއުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަހީ ކުރައްވާފައިވާ ކަމެއް ކަމެވެ. އަދި ހަމަ އެހެންމެ، ދައުރު ނުވާ ފެނަށް ކުޑަކަމު ދިޔަކަމުގައިވީ ނަމަވެސް ނުވަތަ ކުޑަކަމު ނުދިޔަނަމަވެސް އެފެނުގައި ހިނައިގަތުމަކީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަހީ ކުރައްވާފައިވާ ކަމެއް ކަމެވެ. އެއީ މި ރިވާޔަތުގައި، ދައުރުނުވާ ފެނަށް ކުޑަކަމު ނުދިއުމަށް އެންގެވުމަށްފަހު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް، ދައުރުނުވާ ފެނުން ހިނައިގަތުން ނަހީ ކުރައްވާފައިވަނީ ވަކި ވާހަކައެއްގެ ގޮތުގައެވެ. އެއްވެސް ޙާލެއްގައި ހިނައިގަތުން ނަހީ ކުރެއްވުން، އެފެނަށް ކުޑަކަމު ދިއުމާ ގުޅުވާފައެއް ނުވެއެވެ. މި ރިވާޔަތްތަކުން އެނގޭ ގޮތުގައި، މިހުރިހާ ކަމެއްވެސް ނަހީގެ ތެރެއަށް ވަދެގެން ދާނެތެވެ. އެއީ:

  1. ދައުރު ނުވާ ފެނަށް ކުޑަ ކަމު ދިއުން
  2. ދައުރު ނުވާ ފެނުން ހިނައިގަތުން
  3. ދައުރު ނުވާ ފެނަށް ކުޑަކަމު ދިއުމަށްފަހު އެފެނުގައި ހިނައިގަތުން
  4. ދައުރު ނުވާ ފެނަށް ކުޑަކަމު ދިއުމަށްފަހު އެފެނުން ހިނައިގަތުން

 

ޙަދީޘުން ނެގޭ ފައިދާތަކާއި ފިޤްހީ މައްސަލަތައް:

ފުރަތަމަ ފައިދާ: މިބައިގައި ޛިކުރު ކުރެވިފައިވާ ދެ ޙަދީޘުންކުރެ ފުރަތަމަ ޙަދީޘާއި، ދެވަނަ ޙަދީޘުގެ އަބޫ ދާވޫދުގެ ރިވާޔަތުންވެސް އެނގޭ ގޮތުގައި، ދައުރު ނުވާ ފެންގަނޑެއްގައި ޖުނުބުވެރިޔަކު ހިނައިގަތުމަކީ އިސްލާމީ ޝަރީޢަތް ނަހީކުރާ ކަމެއް ކަމެވެ. ސަބަބަކީ ޖުނުބުގެ ސަބަބުން ހަށިގަނޑުގައިވާ ހަޑީގެ ޛަރީޢާއިން ފެންގަނޑު ނުތާހިރު ވެދާނެތީއެވެ. ނަމަވެސް ފެންގަނޑަށް ކުޑަކަމު ދިއުމަކާ ނުލައި، އަދި އެފެންގަނޑަށް އެރުމަކާ ނުލައި، ދައުރު ނުވާ ފެންގަނޑަކުން އެއްޗަކަށް ފެން ނަގައިގެން، އަތުން ނުވަތަ ޖަގެއް ނުވަތަ އެހެން އާލާތެއް ނަމަވެސް ބޭނުންކޮށްގެން އެފެނުން ހިނައިގަތުން މި ނަހީގެ ތެރެއަކަށް ނުވަދެއެވެ. މި ޙަދީޘުގައިވާ، “ނަހީ” ގެ މާނައަށް އެހެން ފައިދާއެއްގައި އަލިއަޅުވާލެވިފައި ވާނެއެވެ.

 

ސުވާލު 1: ޖުނުބުގެ ޙާލަތުގައި ނުވާ މީހަކު، ދައުރުނުވާ ފެންގަނޑަކުން ފެންވެރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ޖަވާބު: މިސުވާލުގެ ޖަވާބަށް ނަޡަރު ހިންގާލާއިރު، އިތުރު ތަފްޞީލަށް ދާން ޖެހެއެވެ. ފުރަތަމަ ކަމަކަށް، މި ބައިގައި ވާރިދުވެފައި މިވާ ޙަދީޘްތަކާއި ރިވާޔަތްތަކުގެ ބޭރުފުށަށް ބަލައިލުމުން، އެނގިގެން ދަނީ ދައުރު ނުވާ ފެނުގައި ހިނައިގަތުން ނަހީ ކުރައްވާފައި ވަނީ ޖުނުބުވެރިޔާއަށް ކަމަށެވެ. އެހެންކަމުން ޖުނުބު ވެރިވެފައި ނުވާ މީހަކަށް ދައުރު ނުވާ ފެނުގައި ފެން ވެރިދާނެއެވެ. ނަމަވެސް ތަފްޞީލަށް ދާއިރު، އިބްނު ޢުޘައިމީން ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް ފަތުޙު ޛުލް ޖަލާލި ވަލް އިކްރާމުގައި މި ޙަދީޘް ޝަރަޙަ ކުރައްވަމުން ވިދާޅުވެފައި ވާ ފަދައިން، ފެންވަރާ މީހާގެ ޙާލަތައް ބަލާފައި މިފަދަ ފެންގަނޑެއްގައި ހިނައިގަތުން ނުވަތަ ފެންވެރުމުގެ ޙުކުމައް ބަދަލު އަންނާނެއެވެ. ( انظر فتح ذو الجلال والإكرام (1/60))

ފުރަތަމަ ޙާލަތް: ގައިގައިވީ ހަޑި ތަކެތި ފިލުވާލައި، މީހާ ސާފުވެގަތުމަށްޓަކައި ދައުރު ނުވާ ފެންގަނޑަކަށް އެރި ފެންވެރުން. މި ފަދައިން ކަންތައްކުރުން ނަހީގެ ތެރެއަށް ވަދެގެން ދާނެއެވެ. މިޘާލަކަށް ގައިގައި ބައިވަރު ތެޔޮ ހޭކުމުގެ ސަބަބުން ނުވަތަ ކަޅުތެޔޮ ފަދައެއްޗެއް ގަޔަށް އެޅިގެން ނުވަތަ މަސް ކެނޑުމަށްފަހު ގައިގަ ހޭކިފައިވާ ލޭތަކާއި ހަޑިތައް ފިލުވައިލައި ސާފު ވެގަތުމަށްޓަކައި ދައުރުނުވާ ފެންގަނޑަކަށް އެރި ތާހިރުވެގަތުން ހުއްދަ ވެގެން ނުވެއެވެ. މި ޙާލަތުގައި ފެންވެރުން ނަހީކުރެވެނީ ޤަވާޢިދުލް ޢާންމާ ނުވަތަ ޢާންމު ޤަވާޢިދު ތަކަށް ބަލާފައެވެ. އެއީ އިންސާނާއަށް، އެހެން އިންސާނަކަށް ގެއްލުމެއް ދިނުން ހުއްދަވެގެނެއް ނުވެއެވެ. އަދި މިފަދައިން ޢަމަލު ކުރާ މީހާގެ ސަބަބުން މީސްތަކުންނަށް ގެއްލުން ލިބިގެން ދެއެވެ.

ދެވަނަ ޙާލަތް: ހަށިގަނޑު ސާފު މީހަކު ދައުރު ނުވާ ފެންގަނޑަކުން ފެންވެރުން. ފަހެ ޙަދީޘްތަކުން ބާރު ލިބިދެނީ މިޙާލަތުގައި ދައުރު ނުވާ ފެންގަނޑަކުން ފެންވެރިދާނެ ކަމެވެ. މިޘާލަކަށް ސުންނަތް ހިނައިގަތުމަކުން ހިނައިގަތުން ނުވަތަ ހަށިގަނޑުގައި މީސްތަކުންނަށް އުނދަގޫ ނުވަތަ ގެއްލުމެއް ވެދާނެ ފަދަ ހަޑި އެއްޗެއް ހޭކިފައި ނުވާ މީހަކަށް ދައުރު ނުވާ ފެންގަނޑެއްގައި ފެންވަރާ ލެވިދާނެއެވެ.

ދެވަނަ ފައިދާ: ދައުރުވާ ފެނުގައި ހިނައިގަތުމަކީ ހުއްދަ ކަމެއްކަން. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަހީ ކުރައްވާފައި ވަނީ، ދައުރު ނުވާ ފެނުގައި ހިނައި ގަތުމެވެ. ދައުރު ނުވާ ފެނުގައި ހިނައިގަތުން ޚާއްޞަ ކުރައްވާފައި ވުމުން އެނގެނީ އޭގެ އިދިކޮޅު ކަމަށްވާ ދައުރުވާ ފެނުގައި ހިނައިގަތުމުގައި މައްސަލައެއް ނެތް ކަމެވެ.

ތިންވަނަ ފައިދާ: މި ޙަދީޘުން އެނގޭ ގޮތުގައި ދައުރު ނުވާ ފެނަށް ކުޑަކަމު ދިއުމަކީ އިސްލާމީ ޝަރީޢަތް ނަހީ ކުރާ ކަމެކެވެ. އެއީ އެފެންގަނޑަށް ކުޑަކަމު ދިއުމުގެ ސަބަބުން، ކުޑަކަމުދާ ތަކެތީގެ ނަޖިހުން ފެންގަނޑު ހަޑިވުމުގެ އިތުރުން، ކުޑަކަމުދާ ތަކެތީގައިވާ މާއްދާތައް ފެނާ އެކުވެ، އެފެން ބޭނުންކުރާ މީހުންނަށް އެކިއެކި ބަލިތައް ޖެހުމުގެ އިޙްތިމާލު ވެސް އޮތީމައެވެ. އަދި އެހެން އެއްޗަކަށް ކުޑަކަމު ދިއުމަށްފަހު އެފަދަ ފެންގަނޑަކަށް އެކުޑަކަމުދާ ތަކެތި އުކާލުމަކީ ވެސް މިބާބުގެ ތެރެއިން ނަހީވެގެންދެއެވެ. އަދި ސީދާ އެ ފެންގަނޑަށް ކުޑަކަމު ނުގޮސް އެފެންގަނޑުގެ ކައިރީ ފަސްގަނޑަށް ކުޑަކަމު ދިއުމުން، ސައިލު ހެދިގެން ގޮސް ކުޑަކަމުދާ ތަކެތި ފެންގަނޑަށް ފައިބާ ނަމަ، މިޢަމަލުވެސް ނަހީގެ ތެރެއަށް ވަދެގެން ދާނެއެވެ.

ހަތަރުވަނަ ފައިދާ: ޙަދީޘްތަކާއި ރިވާޔަތްތަކުގެ ބޭރުފުށަށް ބަލާއިރު، މި ބައިގައި ޛިކުރު ކުރެވިފައިވާ ޙަދީޘްތަކާއި ރިވާޔަތްތަކުގައި ނަހީ ކުރައްވާފައިވާ ކަންތައް ނަހީ ކުރެވިފައިވަނީ ގިނަ ފެނާއި މަދު ފެން ތަފާތު ނުވާ ގޮތުގައެވެ. އަދި މަދު ފެނާއި ގިނަ ފެނުގައި ޙުކުމް ތަފާތު ކޮށްދޭނޭ ވަޖުހެއްވެސް (ގޮތެއްވެސް) ފެންނާކަށް ނެތެވެ. އެބަހީ ގިނަ ފެނުގައި އަދި މަދު ފެނުގައިވެސް އެކަންތައްތައް ނަހީވެގެންވެއެވެ. ޢަބްދުﷲ އިބްނު ޢުމަރުގެ “ޤުއްލަތައިން” ޙަދީޘުގެ ޝަރަޙައިން އެނގިގެން ދިޔަފަދައިން، ފިޤުހު ޢިލްމުވެރިން، ފެން ދެބަޔަކަށް ބައްސަވައެވެ. އެއީ ގިނަ ފެނާއި މަދު ފެނެވެ. ގިނަ ފެނަކީ ދެ ޤުއްލަ ހަމަވެފައިވާ ފެނެވެ. މަދު ފެނަކީ ދެ ޤުއްލަ ހަމަނުވާ ފެނެވެ. މިޙަދީޘްތަކުގައި ނަހީކުރައްވާފައިވާ ކަންތަކުގެ ޙުކުމް ބަޔާން ކުރުމުގެ މައްސަލާގައި ޢިލްމުވެރިން މައިގަނޑު ދެރަޢުޔަކަށް ޚިލާފުވެ ވަޑައިގެންފައި ވެއެވެ.

ފުރަތަމަ ރަޢުޔަކީ: މަދު ފެނުގައި އެފަދަކަމެއް ކުރުން ޙަރާމް ވުމެވެ. އަދި ގިނަ ފެނުގައި އެފަދަ ކަމެއް ކުރުން މަކުރޫހަ ވުމެވެ.

ދެވަނަ ރަޢުޔަކީ: މަދު ފެނާއި ގިނަ ފެނުގައިވެސް އެފަދަ ކަމެއް ކުރުން ޙަރާމް ވުމެވެ.

ނަމަވެސް މި ބައިގައި ޛިކުރު ކުރެވިފައިވާ ޙަދީޘްތަކާއި ރިވާޔަތްތަކުގައި ނަހީ ކުރައްވާފައިވާ ކަންތައް ނަހީ ކުރެއްވުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ފުރަތަމަ ރަޢުޔުގެ އަހުލުވެރިން ގެންނަވާފައިވާފަދަ ފަރަޤެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން މިމައްސަލާގައި އެންމެ ރަނގަޅީ ދެވަނަ ރަޢުޔުކަމުގައި ބެލެވެއެވެ. އެއީ މަދު ފެނާއި ގިނަ ފެނުގައިވެސް އެފަދަ ކަމެއް ކުރުން ޙަރާމް ކަމުގައި ބުނާ ރަޢުޔެވެ. މަދުފެން ތަޣައްޔަރުވުން ގިނަ ފެނަށްވުރެ ފަސޭހަ ވެފައި އަވަސް ވާނެއެވެ. ނަމަވެސް މިހެން ބުނެ މިބާބުގައި ދެން ނުކުންނާނެ މައްސަލައަކީ، ގިނަ ފެނުގައި އެފަދަ ޢަމަލެއް ކުރުން މަކުރޫހަ ކަމުގައި ދެކޭނަމަ، މީސްތަކުން، އެކަންތައް ފަސޭހަކޮށްލަފާނެއެވެ. އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަނާ ކުރެއްވި ކަމެއް، މަނާ ކަމުގައި ބަލައިގަތުމެވެ. އަދި މިޙަދީޘުގެ މަޤްޞަދުތަކާއި މަޞްލަޙަތުތަކުން އަންގައިދެނީ ފެނުގެ މިންވަރު ގިނަ ކަމުގައިވީ ނަމަވެސް، ޙަދީޘުގައި ނަހީކުރައްވާފައިވާ ކަންކަން، ޙަރާމް ކަމުގައި ވާކަމެވެ. އަދި ދެޙަދީޘާއި ރިވާޔަތްތައް ޖަމްޢު ކުރުމުން، އެއްވެސް މިންވަރެއް ތަފާތު ކުރެވޭކަން އެނގެން ނެތެވެ. ނަމަވެސް ނޯޓް ކޮށްލަން ޖެހޭ ކަމަކީ ދައުރުނުވާ ފެންގަނޑެއް ނަޖިސްކުރާތަނަކަށް މީހުން ހަދައިފިނަމަ އެތަނަކަށް ތަކުރާރުކޮށް ނަޖިސްވުމުގެ ސަބަބުން އެފެންގަނޑު ތަޣައްޔުރު ވެދާނެކަމެވެ. ޝައިޚް ޢަބްދުﷲ އިބްނު ޞާލިޙް އަލްފަޥްޒާން، ބަޔާން ކުރައްވާފައިވާ ފަދައިން ވަރަށް ބޮޑު ފެންގަނޑެއްގައި މިފަދަ ޢަމަލެއް ކުރުން ނަހީގެ ތެރެއަކަށް ނުވަދެއެވެ. (انظر منحة العلام (1/44)) ވަރަށް ގިނައޭ ޝައިޚް ވިދާޅުވެފައިވަނީ ކަނޑުފަދަ އޭގެ ގިނަކަން މިންވެސް ކޮށްނުލެވޭހާ ގިނަ ފެނުގެ ވާހަކައެވެ. އިބްނު ދަޤީޤުލް ޢީދު ވެސް އެކަލޭގެފާނުގެ ފޮތް ޝަރްޙުލް ޢުމްދާގައި އެފަދައިން ވިދާޅުވެފައި ވެއެވެ. (شرح العمدة (1/127))

ފަސްވަނަ ފައިދާ: ދައުރު ނުވާ ފެނުގައި މީހަކު ޖުނުބުގެ ހިނައިގަތުމަކުން ހިނައިގަތް ކަމުގައިވީ ނަމަވެސް ނުވަތަ ހަށިގަނޑުގައި ހުރި ހަޑި އެއްޗެއް ފިލުވައިލުމައްޓަކައި ހިނައިގަތް ނަމަވެސް، އެފެންގަނޑު ނަޖިސް ނުވާ ހުއްޓެވެ. އަބޫ ސަޢީދުނިލް ޚުދްރީ އާއި އަބޫ އުމާމަތުލް ބާހިލީގެ ޙަދީޘުގެ ޝަރަޙައިގައި އެނގިގެން ދިޔަ ގޮތުގައި، ފެނުގެ އަސްލަކީ ޠާހިރުކަމެވެ. އަދި އެފަދަ ޢަމަލެއް މީހަކު ކުރި ކަމުގައިވީ ނަމަވެސް އެފެންގަނޑު ނަޖިސް ވާނީ، އެފެނަށް އެޅޭ ނަޖިހެއްގެ ސަބަބުން އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައި ނަމައެވެ.

ހަވަނަ ފައިދާ: ޙަދީޘުގެ ނައްޞުގައި ދައުރު ނުވާ ފެންގަނޑަށް ކުޑަކަމު ދިއުން ނަހީ ކުރެވިފައިވީ ނަމަވެސް، ކުޑަކަމުދާ ތަކެތީގެ މާނައިގައިވާ އެހެން ތަކެތި ނުވަތަ އެހެނިހެން ނަޖިސް ތަކެތިވެސް ދައުރު ނުވާ ފެންގަނޑައް އެޅުން ވެސް މި ނަހީގެ ތެރެއަށް ވަދެއެވެ. އެއީ ކުޑަކަމުދިއުން ނަހީ ކުރެއްވުމުގައިވީ ޢިއްލަތް ނުވަތަ ސަބަބު އެތަކެތީގައިވެސް ވީތީއެވެ. އެޢިއްލަތަކީ، ފެންގަނޑު ހަޑިވުމާއި، އޭގެއިން މީސްތަކުންނަށް ގެއްލުން ވުމެވެ. އިބްނު ޤުދާމާ، އެކަލޭގެފާނުގެ މަޝްހޫރު ފޮތެއް ކަމަށްވާ އަލް މުޣުނީގައި ވިދާޅުވެފައި ވެއެވެ. “ގިނަ ޢިލްމުވެރިން، ކުޑަކަމުދާ ތަކެއްޗާއި އެހެނިހެން ނަޖިސްތަކެތި (މިބައިގައި) ތަފާތެއް ނުކުރެއެވެ.”(المغني (1/39))

ހަތްވަނަ ފައިދާ: ދައުރު ނުވާ ފެންގަނޑަކަށް ކުޑަކަމު ދިއުމަށްފަހު އެފެނުން ވުޟޫކުރުންވެސް ވަނީ އެފެންގަނޑުން ހިނައިގަތުން ފަދައިން ނަހީ ކުރެވިގެންނެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. عَنْ أَبِي هُرَيْرَةَرضي الله عنهعَنِ النَّبِيِّ صلى الله عليه وسلم قَالَ: «لاَ يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ ثُمَّ يَتَوَضَّأُ مِنْهُ‏». މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ދައުރު ނުވާ، ދާއިމު ފެނަށް ކުޑަކަމު ގޮސް އެ ފެނުން ވުޟޫ ނުކުރާހުށިކަމެވެ.” މިއީ ޞަޙީޙް ދަރަޖައިގެ ޙަދީޘެކެވެ. (انظر: بذل الإحسان بتقريب سنن النسائي أبي عبد الرحمن (2/173))

_____________________________

ބުލޫޣުލް މަރާމުގެ ޝަރަޙަ