وَﻹِبْنِ أَبِي حَاتِمٍ عَنْ حُذَيفَةَ أَنَه رَأَى رَجُلاً فَي يَدِهِ خَيْطٌ مِنَ الْحُمَى فَقَطَعَهُ وَتَلَى قَولُهُ تَعَالَى: (وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ) [سورة يوسف 106]
މާނައީ: އިމާމް އިބުން އަބީ ޙާތިމް (ރަޙިމަހު ﷲ)، މާތް ﷲ ރުއްސުންލެއްވި ޙުޛައިފަތު ބުން ޔަމާންގެ އަރިހުން ރިވާކުރެއްވިއެވެ. ހުމުން ސަލާމަތްވުމަށް އެދި މީހެއްގެ އަތުގައި ރޮދިފަށެއް އައްސައިފައިވާތަން އެއްދުވަހަކު ޙުޛައިފަތުގެފާނަށް ފެނިވަޑައިގަތުމުން، އެކަލޭގެފާނު އެރޮދިފަށް ކަނޑުއްވައިލެއްވިއެވެ. އަދި ﷲ ގެ ވަޙީބަސްފުޅު ކިޔަވާވިދާޅުވިއެވެ. (وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ) [سورة يوسف 106]
މާނައީ: “އެބައިމީހުންކުރެ ގިނަމީހުން ޝަރީކުކުރާ ޙާލުގައި މެނުވީ ﷲ އަށް އީމާނެއް ނުވެއެވެ.”
[މިއީ ޞައްޙަ ޙަދީޘެއް ނޫން – الدر النضيد في تخريج كتاب التوحيد لصالح العصيمي]
ސުވާލު :
– “مِنَ الْحُمَى” ގެ މާނައަކީ ކޮބައި ހެއްޔެވެ؟
– އަދި މާތް ﷲ ރުއްސުންލެއްވި ޙުޛައިފަތު ބުން ޔަމާން މަތީގައި ބަޔާންކުރެވިފައިވާ އާޔަތުން ދަލީލު ނަންގަވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.
– މާތް ﷲ ރުއްސުންލެއްވި ޙުޛައިފަތު ބުން ޔަމާންގެ ޙަދީޘްފުޅުން ލިބޭ ފައިދާތައް ބަޔާންކޮށްދޭށެވެ.
– އަދި މި ޙަދީޘްފުޅު މިބާބާއި މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.
ޖަވާބު:
– “مِنَ الْحُمَى” ގެ މާނައަކީ އެމީހާގެ އަތުގައި ރޮދިފަށް އައްސާފައިވަނީ ހުމުން ސަލާމަތްވުމަށްޓަކައެވެ.
– މާތް ﷲ ރުއްސުންލެއްވި ޙުޛައިފަތު ބުން ޔަމާން މަތީގައި ބަޔާންކުރެވިފައިވާ އާޔަތުން ދަލީލު ނެންގެނީ: އެ ޢަމަލަކީ (ހުމުން ސަލާމަތްވުމަށްޓަކައި އަތުގައި ރޮދިފަށް އެއްސުން އެއީ) ޝިރުކެއްކަމެވެ.
– މާތް ﷲ ރުއްސުންލެއްވި ޙުޛައިފަތު ބުން ޔަމާންގެ ޙަދީޘްފުޅުން ލިބޭ ފައިދާތަކަކީ:
* ބޮޑު ޝިރުކާ ބެހޭގޮތުން ﷲ ބާވައިލައްވާފައިވާ އާޔަތެއް، ކުޑަ ޝިރުކަށް (އިންކާރުކުރުމުގައި) އިސްތިދުލާލް ކުރުމަށް ބޭނުން ކުރެވިދާނެކަން
* އެފަދަ ޢަމަލުތަކަށް އިންކާރުކުރަން ޖެހޭނެކަން
ނޯޓް: ކޮންމެ މުސްލިމެއްވެސް މުންކަރާތްތަކަށް އިންކާރުކުރަން ޖެހެއެވެ. އެކަމަށް ކުޅަދާނަކަން ލިބިފައިވާ ފަރާތްތަކުން އަތުން މުންކަރާތްތައް މަނާކުރަންޖެހެއެވެ. (އެއީ މިސާލަކަށް: މައިންބަފައިން ދަރިފުޅުގެ ކިބައިން ފެންނަ ނުރަނގަޅު ކަމެއް މަނާކުރުމެވެ.) އަތުން މުންކަރާތް މަނާކުރުމުގެ ކުޅަދާނަކަން ނެތްނަމަ ދުލުން މަނާކުރަން ޖެހެއެވެ. (އެއީ މިސާލަކަށް: ޢިލްމުވެރިން ޢާންމު މީސްތަކުންނަށް ވަޢުޡާއި ނަސޭހަތަކާއެކު ބަޔާންކޮށްދިނުމެވެ.) ދުލުން މުންކަރާތް މަނާކުރުމުގެ ކުޅަދާނަކަން ނެތްނަމަ ހިތުން މަނާކުރަން ޖެހެއެވެ. އެއީ އީމާންކަމުގެ އެންމެ ދަށު މިންވަރެވެ. މުޖްތަމަޢެއް ރަނގަޅު ގޮތުގައި އޮތުމަށްޓަކައި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތަށް ނަހީކުރުމީ ނުހަނު މުހިއްމު ކަމެކެވެ. އެހެން ނަމަވެސް ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރަންވާނީ އިސްލާމްދީން ބަޔާންކޮށްދީފައިވާ އިރުޝާދުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
– މި ޙަދީޘްފުޅު މިބާބާއި މުނާސިބުވާ ގޮތް: ރޮދިފަށް އެއްސުމާއި އެރޮދިފަށާއި މެދު ޤަބޫލުކުރާ ޤަބޫލުކުރުމަކީ (އެރޮދިފަށް ގެއްލުމުން ދުރުކޮށްދޭކަން) ޝިރުކުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއްކަން. އެހެނީ ޙުޛައިފަތުގެފާނު އޭތި ކަނޑާލައްވާ، އާޔަތުން އެގޮތަށް (އެއީ ޝިރުކެއްކަމަށް) އިސްތިދްލާލު ކުރެއްވިއެވެ.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް