– އައްޠަބަޤާތުގައި އިބްނު ސަޢުދު رحمه الله ވިދާޅުވިއެވެ.
“އެކަލޭގެފާނަކީ ޞާލިޙު ވަރަޢަވެރި [1] ބޭކަލެކެވެ.” (الطبقات لابن سعد 7/16).
– އިބްނު ޢަބްދުލް ބައްރުއާއި އިބްނު ޙަޖަރު رحمهما الله ވިދާޅުވިއެވެ.
“އެކަލޭގެފާނީ ޞަޙާބީ ބޭކަލުންގެ ތެރޭގައި ހުންނެވި ފާހަގަކޮށްލެވޭ މާތް ބޭކަލެކެވެ.” (الاستيعاب مع الإصابة: 4/24)، و(الإصابة: 6/252).
– އަބުލް ޙަސަން އަލްޢިޖްލީ رحمه الله ވިދާޅުވިއެވެ.
“އެކަލޭގެފާނީ ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންކުރެވެސް ހޮވާލެވޭ ބޭކަލެކެވެ.” (ذكره المزي في ترجمته في تهذيب الكمال).
– تهذيب الأسماء واللغات (1/198) ގައި އަންނަވަވީ رحمه الله ވިދާޅުވިއެވެ.
“އަބޫ ބަކްރާއަކީ މާތް އަދި ޞާލިޙު ބޭކަލެކެވެ. އަވަހާރަވަންދެންވެސް ގިނައިން އަޅުކަމުގައި އުޅުއްވި ބޭކަލެކެވެ.”
– سير أعلام النبلاء (3/6) ގައި އައްޛަހަބީ رحمه الله ވިދާޅުވިއެވެ.
“އެކަލޭގެފާނަކީ ޞަޙާބީ ބޭކަލުންކުރެ ފިޤުހުވެރި ބޭކަލެކެވެ.”
– إعلام الموقعين (1/12) ގައި އިބްނުލް ޤައްޔިމު رحمه الله ވަނީ ޞަޙާބީ ބޭކަލުންގެ ތެރެއިން ފަތުވާ ދެއްވި ބޭކަލުން ތިން ބަޔަކަށް ބައްސަވާފައެވެ. ގިނައިން ފަތުވާދެއްވި ބޭކަލުންނާއި މެދުވަރަކަށް ފަތުވާ ދެއްވި ބޭކަލުންނާއި މަދުން ދެއްވި ބޭކަލުންނެވެ. މެދުވަރަކަށް ދެއްވި ބޭކަލުންގެ ތެރޭގައި އަބޫ ބަކްރާ رضي الله عنه ހިމަނުއްވާފައިވެއެވެ.
– البداية والنهاية (11/249) ގައި އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.
“އަބޫ ބަކްރާ އާ މެދު ދަންނައެވެ. ފަހެ އެކަލޭގެފާނަކީ މަތިވެރި، ޤަދަރު އުފުލިގެންވާ ޞަޙާބީ ބޭކަލެކެވެ.”
– ޔަޙްޔާ ބުން އަބީ ބަކްރު އަލްޢާމިރީ – رحمه الله – ، الرياض المستطابة (ص:283) ގައި ވިދާޅުވިއެވެ.
“އަބޫ ބަކްރާއަކީ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ސިފަފުޅުތަކެއް ހުރި ބޭކަލެކެވެ.”
= ނުނިމޭ =
______________________
[1] ވަރަޢަވެރިކަމަކީ އާޚިރަތުގައި ގެއްލުންވަނިވި ކަންކަމުން ދުރުހެލިވުމެވެ.
މަޞްދަރު: الدفاع عن الصحابي أبي بكرة – رضي الله عنه – ومروياته، والاستدلال لمنع ولاية النساء على الرجال للشيخ عبدالمحسن العباد – حفظه الله –