[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަބޫ ބަކްރާ رضي الله عنه ގެ މާތްކަން – 4

އަބޫ ބަކްރާ رضي الله عنه އަށް ދިމާވި ޙާދިޘާއަކީ އެކަލޭގެފާނުގެ އަރިހުން އައިސްފައިވާ ރިވާޔަތްތައް ޤަބޫލުކުރުމަށް އޮތް ހުރައެއް ނޫން

މިކަމުގައި ޢިލްމުވެރިން ވަރަށް ގިނަ ސަބަބުތައް ފާހަގަކުރައްވާފައިވެއެވެ.

  1. ވޭތިވެގެން ދިޔަ ސާދަ ޤަރުނާއި މިއަދާ ހަމައަށްވެސް މުސްލިމު ޢިލްމުވެރިންވަނީ އަބޫ ބަކްރާ رضي الله عنه ގެ ރިވާޔަތްތައް ޤަބޫލުކުރުމުގައި އިޖުމާޢުވެފައެވެ.
  2. ޙަދީޘް ޢިލްމުވެރިންވަނީ އެބޭކަލުންގެ ފޮތްތަކުގައި އެކަލޭގެފާނުގެ އަރިހުން ވަރަށް ގިނަ ރިވާޔަތްތައް ގެންނަވާފައެވެ. އޭގެ ތެރޭގައި ކުތުބުއްސިއްތާ ރިވާކުރެއްވި ބޭކަލުން ހިމެނެއެވެ. އެއީ އިމާމު ބުޚާރީއާއި މުސްލިމާއި އަބޫ ދާވޫދާއި ނަސާއީއާއި ތިރުމިޛީއާއި އިބްނު މާޖާއެވެ. ހަމައެކަނި މި ހަ ފޮތުގައިވެސް 55 ޙަދީޘް ގެންނަވާފައިވެއެވެ. އިމާމު މިއްޒީވަނީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ تحفة الأشراف (11654 – 11708)، ގައި މިޙަދީޘްތަކަށް އިޝާރާތްކުރައްވާފައެވެ. އަދި އިމާމު އަޙްމަދުގެ މުސްނަދުގައި (20373 – 20524)، އެކަލޭގެފާނު ވަނީ އަބޫ ބަކްރާގެ 152 ޙަދީޘް ގެންނަވާފައެވެ. އެއީ ތަކުރާރުކޮށްފައިވާ ޙަދީޘްތަކާ އެކުގައެވެ.

އަންނަވަވީ تهذيب الأسماء واللغات (1/198) ގައި ވިދާޅުވިއެވެ.

“އެކަލޭގެފާނު ވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން 132 ޙަދީޘް ރިވާކުރައްވާފައެވެ. އޭގެ ތެރެއިން 8 ޙަދީޘް އިމާމު ބުޚާރީއާއި މުސްލިމުގެ އިއްތިފާޤުން އެބޭކަލުންވަނީ ރިވާކުރައްވާފައެވެ. އަދި އިމާމު ބުޚާރީ ވަނީ އިތުރު ފަސް ޙަދީޘް ރިވާކުރައްވާފައެވެ. އަދި މުސްލިމުވަނީ އެއް ޙަދީޘް ރިވާކުރައްވާފައެވެ.”

  1. ޒިނޭގެ މައްސަލައެއްގައި އަބޫ ބަކްރާ ހެކިބަސްދެއްވުމުން، ހަތަރު ހެކިން ހަމަވެފައި ނުވާތީ އެކަލޭގެފާނުގެ ގައިގައި ހައްދު ޖަހާފައި ވުމަކީ އެކަލޭގެފާނު ގެންނަވާފައިވާ ރިވާޔަތްތަކަށް އަޘަރުކުރުވާ ކަމެއް ނޫނެވެ. އެހެނީ މީހަކަށް ޤަޛްފުކުރުމާއި މީހަކު ޒިނޭކުރުމުން ހެކި ދިނުމަކީ ތަފާތުކަމެކެވެ. ނަބިއްޔާ ގެ އަރިހުން އެކަލޭގެފާނު ރިވާކުރެއްވި ޙަދީޘްތައް ޤަބޫލު ނުކުރެވޭނެކަމަށް ބުނުމަކީ ގޯހެކެވެ. އަދި ނޫރު ސޫރަތުގައިވާ އާޔަތުގައިވާ “ޤަޛްފުކުރާމީހުން” ތެރެއިން އެކަލޭގެފާނު ހިމެނިވަޑައިނުގަންނަވައެވެ. އެހެނަސް އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ އެއާޔަތުގައި “ހެކިވެރިން”ގެ ތެރެއިންނެވެ. އަދި އެކަލޭގެފާނު ގައިގައި ހައްދު ޖެހީ ހަތަރު ހެކިވެރިން ހަމަނުވުމުންނެވެ. އަދި އެކަމުން އެކަލޭގެފާނު ރުޖޫޢަ ނުވުމަކީ އެކަލޭގެފާނުގެ ރިވާޔަތްތައް ޤަބޫލު ނުކުރެވޭނެ ސަބަބެއް ނޫނެވެ. އެހެނީ ހަތަރު ހެކިން ހަމަ ކުރުމަކީ އެކަލޭގެފާނުގެ އަތް މަތީގައި އޮތް ކަމެއް ނޫނެވެ. އަދި އެކަލޭގެފާނުގެ ހެކި ބަހަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އަޘަރުކުރާނެ ކަމަށް ބުންޏަސް އެކަލޭގެފާނު އަވަހާރަވުމުން އެކަން އެވަނީ ނިމިފައެވެ. އެހެނަސް އެކަލޭގެފާނު ގެންނަވާފައިވާ ރިވާޔަތްތައް ޢިލްމުވެރިންވަނީ މިވޭތިޔަ ދިޔަ ހުރިހާ ޒަމާންތަކެއްގައިވެސް ޤަބޫލުކުރައްވާފައެވެ. އަދި 14 ޤަރުނު ފަހުން އަންނަ ބޭފުޅަކު މިކަމާ އިންކާރުކުރުމަކީ މިކަމަށް އެއްވެސް އަޘަރެއް ކުރާނެކަމެއް ނޫނެވެ.

= ނުނިމޭ =

______________________

މަޞްދަރު: الدفاع عن الصحابي أبي بكرة – رضي الله عنه – ومروياته، والاستدلال لمنع ولاية النساء على الرجال للشيخ عبدالمحسن العباد – حفظه الله –

މިލިޔުމުގެ އެހެންބައިތައް