ހަމްޒާ(ء) ލިޔުމުގެ ޤަވާޢިދު
- (ޤަޠްޢީ) ހަމްޒާ ކަލިމާގެ ކުރީގައި ވާނަމަ ލިޔާގޮތް
- ހަމްޒާގައި އަބަފިލި ނުވަތަ އުބިފިލި އޮވެއްޖެނަމަ ނަމަ ލިޔާނީ އަލިފު މަތީގައެވެ
- ހަމްޒާގައި އިބިފިލި އޮވެއްޖެ ނަމަ ލިޔާނީ އަލިފުގެ ތިރީގައެވެ
- ހަމްޒާ ކަލިމާގެ މެދުގައި ވާނަމަ ލިޔާނެ ގޮތް
- ހަމްޒާ ކަލިމާގެ މެދުގައިވާނަމަ ހަމްޒާގެ އޮންނަ ފިއްޔާއި ހަމްޒާގެ ކުރީގައިވާ އަކުރުގެ ފިލި އަޅާ ކިޔުމަށްފަހު ދެ ފިލިންކުރެ ބާރުގަދަ ފިއްޔަކާއި މުނާސަބު (މައްދުގެ) އަނކުރެއްގައި ލިޔާނީއެވެ.
- އެފިއްޔަކާ މުނާސަބުވާ އަކުރާއިއެކު ފިލިތަކުގެ ބާރުގަދަކަން ކަނާތުން ވާތަށް :
އެންމެ ބާރުގަދައީ އިބިފިލި ، މުނާސަބު އަކުރަކީ ޔާ (ئ) . ދެން ބާރުގަދައީ އުބުފިލި ، މުނާސަބު އަކުރަކީ ވާވު (ؤ) .އެއަށްފަހު އަބަފިލި، މުނާސަބު އަނކުރަކީ އަލިފު(أ). އެންމެ ބަލިކަށީ ސުކޫން.
(މިތާގައި ހަމްޒާގައި އޮތީ އިބިފިލިއެވެ އަދި އޭގެ ކުރީގައި އޮތް އަކުރުގައި އޮތީ އުބުފިއްޔެވެ ، ދެފިލިން ކުރެ ވަރުގަދައީ އިބިފިލިކަމުން ހަމްޒާ ލިޔެވެނީ އިބިފިލިއާ މުނާސަބުވާ އަކުރުކަމުގައިވާ ޔާ ގައެވެ ، سُ (ئِ) لَ = سُئِلَ )
އިތުރު މިސާލުތައް:
(ބާރުގަދައީ އުބުފިލި އެހެންކަމުން ލިޔެވޭނީ ވާވުގައި ،سُ (ؤَ) الَ = سُؤَالٌ)
(ބާރުގަދައީ އަބަފިލި އެހެންކަމުން ލިޔެވޭނީ އަލިފުގައި ،كَ (أْ) سٌ = كَأْسٌ)
(ބާރުގަދައީ އިބިފިލި އެހެންކަމުން ލިޔެވޭނީ ޔާގައި ،يَ (ئِ) سَ = يَئِسَ)
(ބާރުގަދައީ އިބިފިލި އެހެންކަމުން ލިޔެވޭނީ ޔާގައި ،بِ (ئْ) رٌ = بِئْرٌ)
- ހަމްޒާ ކަލިމާގެ ފަހަތުގައި ވާނަމަ ލިޔާނެ ގޮތް
- ހަމްޒާ ކަލިމާގެ ފަހަތުގައި އޮވެއްޖެނަމަ ލިޔާނީ ހަމްޒާގެ ކުރީގައި އޮތް އަކުރުގެ ފިއްޔާ މުނާސަބު (މައްދުގެ) އަކުރެއްގައެވެ.
(ހަމްޒާގެ ކުރީގައި އޮތް އަކުރުގައި ސުކުން އޮވެއްޖެނަމަ ލިޔާނީ ފޮޅުވަތް މަތީގައެވެ)
- ކުރީގައި އަބަފިލި އޮވެއްޖެނަމަ ލިޔާނީ އަލިފު މަތީގައެވެ .
- ކުރީގައި އުބުފިލި އޮވެއްޖެނަމަ ލިޔާނީ ވާވު މަތީގައެވެ .
- ކުރީގައި އިބިފިލި އޮވެއްޖެނަމަ ލިޔާނީ ޔާ މަތީގައެވެ .
- ކުރީގައި ސުކުން އޮވެއްޖެނަމަ ލިޔާނީ ފޮޅުވަތް މަތީގައެވެ.
(ނޯޓް : އިސްވެ ގޮސްފައި އެވަނީ ހަމްޒާ ލިޔުމުގެ ޢާއްމު ޤަވާޢިދެވެ ،އިސްތިސްނާވާ ޚާއްޞަ ޤަވާޢިދު ދެވަނަ ބައިގައި ގެނެސް ދޭނަން އިންޝާﷲ އަދި މިލިޔުމުގައި އަލިފް، ވާވު ،ޔާ މާނަކޮށްފައިވަނީ ރަސްމުގެ ގޮތުންނެވެ)
*****************************
ޢަރަބިބަސް ކިޔެވުމަށް އެހީއެއް: އެހެންބައިތައް