[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަބޫ ބަކްރާ رضي الله عنه ގެ މާތްކަން – 5

ޢިލްމުވެރިންވަނީ މިކަން ބަޔާންކުރައްވާފައެވެ. އަންނަނިވި ބަސްފުޅުތަކަކީ މިކަމާ ބެހޭގޮތުން އެބޭކަލުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.

– އަބުލް ފިދާ އިބްނު ޢަޤީލު އަލްޙަންބަލީ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ الواضح في أصول الفقه (5/27) ގައި ވިދާޅުވެފައިވެއެވެ.

“އިމާމު އަޙްމަދު ވިދާޅުވިއެވެ. އަބޫ ބަކްރާއާއި އެކަލޭގެފާނާއެކު އެ މައްސަލާގައި ހައްދު ޖެހުނު ބޭކަލުންގެ ރިވާޔަތްތައް ރައްދެއް ނުކުރެވޭނެއެވެ. އެހެނީ އެބޭކަލުން ހެކިބަސް ދެއްވީއެވެ. ޞަރީޙަބަހުން ޤަޛްފެއް ނުކުރައްވައެވެ. އެއީ އިޖުތިހާދު ކުރުން ހުއްދަ މައްސަލައެކެވެ. އިޖުތިހާދުކުރެވޭފަދަ ކަމެއްގައި ހެކިބަސް ރައްދެއް ނުކުރެވޭނެއެވެ.”

އެއަށްފަހުގައި އިބްނު ޢަޤީލު ވިދާޅުވިއެވެ.

“އެބޭކަލުންގެ ހެކިބަސް ރައްދު ނުކުރެވޭނަކަމަށް ޞަރީޙަ ބަހުން އެކަލޭގެފާނު ވިދާޅުވުމުން، އެނގިގެން ދަނީ އެއީ އެބޭކަލުންގެ ރިވާޔަތްތައްވެސް ރައްދު ނުކުރެވޭނަކަމަށް ކުރެއްވި އިޝާރަތެއްކަމުގައެވެ. އެހެނީ ހެކި ބަސްދޭން ޖެހޭ މީހުންގެ ޢަދަދު ހަމަނުވުމަކީ ސީދާ އެކަލޭގެފާނާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ އެހެން ސަބަބުތަކާ ގުޅިފައިވާ ކަމެކެވެ.”

– އަލްމަދްޚަލުގައި އަބޫ ބަކުރު އަލްއިސްމާޢީލީ ވިދާޅުވިއެވެ.

“ތާބިޢީ ބޭކަލުންނާއި އެބޭކަލުންނަށް ފަހު ވަޑައިގަތް އެއްވެސް ބޭކަލަކުވެސް އަބޫ ބަކްރާގެ ރިވާޔަތްތައް ރިވާކުރުމާ އަދި އޭގެން ޙުއްޖަތް ނެގުމުން މަނާވެ ނުގަނެއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވި އެއްވެސް ބޭކަލަކު އެކަލޭގެފާނުގެ އަރިހުން ރިވާކުރުން ހުއްޓާލާފައި ނުވެއެވެ. އަދި އެކަލޭގެފާނު މުޣީރާގެފާނުގެ މައްޗަށް ދެއްވި ހެކިބަހާ ގުޅޭ ގޮތުން އެހެން ބޭކަލަކުވެސް އެކަލޭގެފާނަށް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އެއީ ޤަޛްފުގެ ޙައްދު ޖަހާފައިވާ މީހަކު ތައުބާވެއްޖައުމަށް ދާންދެން އެމީހެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނެކަމަށް އެބޭކަލުން އިޖުމާޢުވެފައިވާ ޙާލުގައިވެސް މެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ރިވާޔަތްތައް ޤަބޫލުކުރުން ބެލެވިފައިވަނީ އިޖުމާޢުވެފައިވާފަދަ ކަމެއްގެ ގޮތުގައެވެ.” (ذكره علاء الدين مغلطاي في إكمال تهذيب الكمال: (12/77)).

– އަބޫ އިސްޙާޤު އައްޝީރާޒީ شرح اللمع (2/638) ގައި ވިދާޅުވިއެވެ.

“އަބޫ ބަކްރާއާއި އެކަލޭގެފާނާ އެކު ހައްދު ޖެހުނު ބޭކަލުންނާމެދު ދަންނައެވެ. އެބޭކަލުން ގެންނަވާފައިވާ ޙަދީޘްތަކަކީ ޤަބޫލުކުރެވޭ ފަދަ ޙަދީޘްތަކެކެވެ. އެހެނީ އެބޭކަލުން ވިދާޅުވީ ޤަޛްފުގެ ބަސްތަކެއް ނޫނެވެ. އެހެނަސް އެބޭކަލުން ހެކިބަސް ދެއްވީއެވެ. ޢުމަރުގެފާނު رضي الله عنه އެބޭކަލުންގެ ގައިގައި ހައްދު ޖެއްސެވީ އިޖްތިހާދު ކުރެއްވުމަށް ފަހުއެވެ. ފަހެ އެބޭކަލުން ގެންނަވާ ޙަދީޘްތައް ޤަބޫލު ނުކުރުމަކީ ހުއްދަކަމެއް ނޫނެވެ.”

– އަދި أبو الخطاب محفوظ بن أحمد الكلوذاني، التمهيد (3/127) ގައި ވިދާޅުވިއެވެ.

“ޙަދީޘް ރިވާކުރައްވާ ބޭކަލެއްގެ ގައިގައި ޙައްދު ޖެހިފައިވާނަމަ އެކަން ވާނީ ދެގޮތުން ކުރެ އެއްގޮތަކަށެވެ. އެއީ ޤަޛްފުގެ ލަފްޒުން ހެކިބަސް ދިނުން ނުވަތަ އެނޫން ލަފްޒަކުން ހެކިބަސް ދިނުމެވެ. ހެކިބަހެއްގެ ގޮތުގައި އެކަން ކޮށްފައިވާ ނަމަ އެބޭކަލެއްގެ ޙަދީޘް ރައްދެއް ނުކުރެވޭނެއެވެ. އެހެނީ ހެކިންގެ ޢަދަދު މަދުވުމަކީ އެބޭކަލެއްގެ އަތްމަތީގައިވާ ކަމެއް ނޫނެވެ. އެބޭކަލެއްގެ ހެކިބަސް ރައްދު ނުކުރާ ސަބަބަކީ އެއީއެވެ. އެހެނީ އެފަދަ މީހެއްގެ ގައިގައި ހައްދުޖެހުން ލާޒިމުވުމާ މެދު ޢިލްމުވެރިންވަނީ ޚިލާފުވެފައެވެ. ހެކިވުމުގެ ގޮތުން ނޫން ގޮތަކަށް (ޤަޛްފުކޮށްފިއްޔާ) ތައުބާ ވެއްޖައުމަށް ދާންދެން އެބޭކަލެއް ގެންނަވާ ޙަދީޘް ޤަބޫލު ނުކުރެވޭނެއެވެ. އެހެނީ އެބޭކަލަކު އެވަނީ ބޮޑު ފާފައަކަށް އަރައިގަނެފައެވެ.”

– އިބްނު ޤުދާމާ روضة الناظر (1/303) ގައި ވިދާޅުވިއެވެ.

“ޤަޛްފުކުރުމުގެ ސަބަބުން ޙައްދުޖެހިފައިވާ ބޭކަލަކީ ހެކިބަސްދޭފަދަ ލަފްޒަކުން އެކަން ކޮށްފައިވާ ބޭކަލެއް ނަމަ އެބޭކަލެއްގެ ޙަދީޘް ރައްދެއް ނުކުރެވޭނެއެވެ. އެހެނީ (ހެކިވެރިންގެ) ޢަދަދު މަދުވުމަކީ އެބޭކަލެއްގެ ސަބަބުން ވީކަމެއް ނޫނެވެ. އެހެންކަމުން ޢިލްމުވެރިންވަނީ އަބޫ ބަކްރާގެ އަރިހުން ރިވާކުރައްވާފައެވެ. އަދި ޤަޛްފުގެ މައްސަލައެއްގައި އެކަލޭގެފާނުގެ ގައިގައި ޙައްދުޖެހިފައިވަނިކޮށްވެސް ޢިލްމުވެރިންވަނީ އެކަމަށް އިއްތިފާޤުވެފައެވެ. ހެކިވުމުގެ ގޮތުން ނޫން ގޮތަކަށް އެކަން ކޮށްފިނަމަ ތައުބާވެއްޖައުމަށް ދާންދެން އެބޭކަލެއްގެ ރިވާޔަތް ޤަބޫލު ނުކުރެވޭނެއެވެ.”

= ނުނިމޭ =

______________________

މަޞްދަރު: الدفاع عن الصحابي أبي بكرة – رضي الله عنه – ومروياته، والاستدلال لمنع ولاية النساء على الرجال للشيخ عبدالمحسن العباد – حفظه الله –

 

މިލިޔުމުގެ އެހެންބައިތައް