ސުޔޫޠީ – رحمه الله – ވިދާޅުވެފައިވެއެވެ.
“ތިމަންނައާއި ސުވާލު ކުރެވުނެވެ. ފުރަތަމަ (އެންމެންގެ މަރު ހިއްޕަވާ) ތާޅަފިލީގެ އަޑާއިއެކު މަލާއިކަތުންވެސް އަވަހާރަވާނެ ހެއްޔެވެ؟ އަދި އަލުން ދިރުއްވާ ތާޅަފިއްޔާއެކު އެބޭކަލުވެސް އަލުން ދިރުއްވޭނެ ހެއްޔެވެ؟
ޖަވާބަކީ: އާނއެކެވެ. ﷲ ޠަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
﴿وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ﴾ [سورة الزمر 68]
މާނައީ:”ތާޅަފިލި ފުމެލައްވާ ހުއްޓެވެ. ދެން އުޑުތަކާއި، ބިމުތަކުގައި ވާހާ ބަޔަކު ހޭނެތި މަރުވެދާ ހުއްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ.”
ޢަރްޝި އުފުއްލަވާ މަލާއިކަތުންނާއި، ޖިބްރީލްގެފާނާއި، އިސްރާފީލްގެފާނާއި، މީކާއީލްގެފާނާ އަދި މަލަކުލްމައުތު އަކީ އިސްތިޘްނާކުރެވިފައިވާ ބަޔެއްކަމުގައި މިފޮތުގެ ކުރީކޮޅުގައި ވާނީ ބަޔާންކުރެވިފައެވެ. އެހެނެއްކަމަކު، މިބޭކަލުންވެސް އެދުވަހުން ތާޅަފިލީގެ އަޘަރުގައި ޖެހި މަރުވާނެއެވެ.”
އަދި ވަހްބުގެ އަރިހުން ރިވާވެގެންވެއެވެ.
“އެންމެ ފުރަތަމަ ﷲ ޚަލްޤުކުރެއްވި މަޚްލޫޤުންނަކީ، މި ހަތަރު މަލާއިކަތުންނެވެ. އަދި އެންމެފަހުން މަރުވާނީވެސް މި ހަތަރު މަލާއިކަތުންނެވެ. އަދި (ދެވަނަ ފަހަރަށް ދިރުއްވޭއިރުވެސް) އެންމެ ފުރަތަމަ ދިރުއްވޭނީ މި ހަތަރު މަލާއިކަތުންނެވެ.”
މިއަށްފަހު އެކަލޭގެފާނުގެ މިވާހަކަތަކަށް ދަލީލު ގެންނަވާފައިވެއެވެ. އުޑާއި ބިމުގައިވާ ތަކެތި މަރުވެގެންދާނޭ ގޮތެވެ. އަދި އެންމެ ފަހުން މަރުވެގެންދާނީ މަރުގެ މަލާއިކަތާކަން ބަޔާންކުރައްވާފައިވެއެވެ.” [ބައްލަވާ: الحبائك في أخبار الملائك / ص: 272]
އެހެނަސް ސުޔޫތީ ދަލީލް ނެންގެވި ތާޅަފިލީގެ ޙަދީޘަކީ ޟަޢީފް އަދި މުންކަރު ޙަދީޘްއެކެވެ. އެކަންވާނި މިލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައެވެ.
އަދި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއާ ސުވާލުކުރެވުނެވެ.
“މީސްތަކުންގެ ކަންކަން ލިޔުއްވާ ދެ މަލާއިކަތުން ކަމުގައިވާ، ރަޤީބް އަދި އަތީދް މަރުވާނެ ހެއްޔެވެ؟ އިންސާނާ މަރުވުމުން މި ދެ މަލާއިކަތުންނަށްވާނީ ކިހިނެއްތޯއެވެ؟”
ޖަވާބުގައި ވިދާޅުވެފައިވެއެވެ.
“މަލާއިކަތުންނާއި އެބޭކަލުންނާ ގުޅުން ހުރި ކަންކަމަކީ ޣައިބުގެ ކަންކަމެވެ. (އެބަހީ: އެއީ އަޅުގަނޑުމެންނަށް ފެންނަކަންތަކެއް ނޫނެވެ.) އަދި އެބޭކަލުންނާ ގުޅުންހުރި ކަންކަމަކީ ދަލީލެއް ނުލިބޭހައި ހިނދަކު އެކަމުގެ ޢިލްމެއްވެސް ނުލިބޭނެ ކަންކަމެވެ. އެގޮތުން އެ ދެ މަލާއިކަތުންނާމެދު އެފަދަ އެއްވެސް ދަލީލެއް އައިސްފައެއް ނުވެއެވެ. އެބޭކަލުން އެމީހެއްގެ ކަންތައް ލިޔުވަމުންގެންދަވާ މީހާ މަރުވުމުން، އެދެ މަލާއިކަތުން ކަންތައް ކުރައްވާގޮތާއި މެދުވެސް ދަލީލެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ. ތިއީ އަހަރެމެން ކަންބޮޑުވާންޖެހޭ ކަމެއްވެސް ނޫނެވެ. އަދި އަހަރަމެންނާއި ގުޅުމެއްވެސް އޮތް ކަމެއް ނޫނެވެ. އަދި އަހަރެމެންނާއި ގުޅުންނެތް ކަންކަމާއިމެދު ފިކުރުނުކޮށް، އަހަރެމެންނާ، މުޅި އިސްލާމީ އުންމަތަށް ފައިދާ ކުރުވަނިވި ކަންކަމާމެދު ސުވާލު ކުރުމަށް، މި ސުވާލުކުރި ފަރާތަށް ނަސޭހަތްތެރިވަމެވެ.” [فتاوى اللجنة الدائمة 2/185]
= ނުނިމޭ =
_______________________