ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
މާތް ﷲ ރަސޫލާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އުއްމަތަށް ދެއްވާފައިވާ މަތިވެރި ފަތަޙަތަކާއި ކާމިޔާބީތައް
މި ސޫރަތުގެ މުހިއްމު ނުކުތާތައް
- ރަސޫލާ صلى الله عليه وسلم ގެ ފާފަތައް ފުއްސަވައިދެއްވާފައިވާކަމާއި، މާތްﷲ ރަސޫލާ صلى الله عليه وسلم އަށް ނަޞްރުދެއްވާފައިވާކަން މި ސޫރަތުގައި އަންގަވާފައިވެއެވެ.
- މުއުމިނުންނަށް ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރުތައް (މިސާލަކަށް މައްކާ ފަތަޙަވާނެކަމުގެ އުފާވެރި ޚަބަރު) މި ސޫރަތުގައި އަންގަވާފައިވެއެވެ.
- (ހުދައިބިއްޔާގައިވާ) ގަސްދޮށުގައި ރަސޫލާ صلى الله عليه وسلم އަށް ބައިޢަތު ހިއްޕެވި ޞަޙާބީންނާމެދު މާތްﷲ ރުހިވޮޑިގެންފިކަން މި ސޫރަތުގައި އަންގަވާފައިވެއެވެ.
﴿لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا﴾ [سورة الفتح : 18]
މާނައީ: “ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بَيْعَةُ ހިފިހިނދު، އެ مُؤْمِن ތަކުންނާމެދު الله ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فَتَحْ އެއް އެއުރެންނަށް ދެއްވިއެވެ.”
- މުއުމިނުންނަށް ދުނިޔެމަތީގައި ދެއްވާނެ ނަޞްރާއި ކާމިޔާބީ މި ސޫރަތުގައި އަންގަވާފައިވެއެވެ.
- އިސްލާމްދީން މަތިވެރިވެގެންދާނެކަމުގެ އުފާވެރި ޚަބަރާއި މައްކާ ފަތަޙަވާނޭކަމުގެ ޚަބަރު މިސޫރަތުގައި ދެއްވާފައިވެއެވެ. (27 ވަނަ އާޔަތް)
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
﴿هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا ﴾ [ سورة الفتح : 4]
މާނައީ: “އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި އިލާހެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، الله އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ.”
السَّكِيْنَة ގެ މާނައަކީ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ. السَّكِيْنَة އަކީ އުނދަގުލާއި ދަތިކަން އަދި ބިރުވެރިކަމުގެ ވަގުތުގައި الله ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅާގެ ހިތަށް ވައްދަވައިދެއްވާ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ.
އިބުނުލްޤައްޔިމު رحمه الله ވިދާޅުވާ ގޮތުގައި، السَّكِيْنَة އަކީ الله ތަޢާލާގެ ޙަޟުރަތުން ދެއްވާ އެއްޗެކެވެ. އެއީ އަމިއްލަ މަސައްކަތުން ލިބިގަންނަ އެއްޗެއް ނޫނެވެ.
الله ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު [ކީރިތި ޤުރުއާން] ކިޔެވުމާއި އަޑުއެހުމާއި އޭގައިވާ އެއްޗަކާމެދު ވިސްނައި ތަދައްބުރު ކުރުމަކީ ހިތަށް ހަމަޖެހުން ގެނެސްދީ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލައިދޭ އަދި ބަލިތަކަށް ޝިފާ ލިއްބައިދޭ ކަމެއް ކަމާމެދަކު ދެބަސްވުމެއް ނެތެވެ. މިކަން ހިމެނެނީ ކީރިތި ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިންނެވެ. އަދި މިކަމުގެ ޚަބަރު الله ތަޢާލާ ވަނީ އެކަލާނގެ ވަޙީ ބަސްފުޅުގައި އަންގަވައިދެއްވައި ފައެވެ.
- ތައުރާތާއި އިންޖީލުގައި ޞަޙާބީންގެ ޒިކުރު އައިސްފައިވާކަން މި ސޫރަތުން އެނގެއެވެ. މިކަމުންވެސް ޞަޙާބީންގެ މާތްކަން ހާމަވެގެންދެއެވެ.
- ބައެއްފަހަރު ކާމިޔާބީ ލިބުން ލަސްވެދާނެއެވެ. މިގޮތަށް ކާމިޔާބީ ލިބުން ލަސްވެއްޖެނަމަ، އެ ލަސްވުމުގެ ފަހަތުގައި ހެވެއް ވާނެއެވެ. މިކަން މި ސޫރަތުގެ މި އާޔަތުން އެނގެއެވެ.
﴿فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَلِكَ فَتْحًا قَرِيبًا﴾ [ سورة الفتح : 27]
މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتح އެއް އެކަލާނގެ ދެއްވާ ހުށްޓެވެ.”
__________________________
މަޞްދަރު: أول مرة أتدبر القرآن