ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތަށް ފުރަގަސްދޭ މީހުންނަށް ހުރި ޢުޤޫބާތް
ރަސޫލާ صلى الله عليه وسلم އަށް ތަބާވުމަކީ ޢަމަލުތައް ޤަބޫލުވުމުގެ ޝަރުތެއްކަން
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
* ކާފަރުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ވާހަކަ
* ޢިއްޒަތާއި ކާމިޔާބު ލިބިގެންވަނީ މުއުމިނުންނަށްކަން
* ކާފަރުން ބަލިވެ ނިކަމެތިވެއްޖައުމަށް ދާންދެން ޖިހާދުކުރުން ދޫކޮށްނުލުމަށް މުއުމިނުންނަށް ބާރު އަޅުއްވާފައިވޭ
*ޢަމަލުތައް ބާޠިލްވާ ކަންތައްތައް އެތައް އާޔަތެއްގައި ބަޔާންވެފައިވޭ:
– ކާފިރުވެ ﷲ ގެ މަގުން އެއްކިބާވުން (1 ވަނަ އާޔަތް)
– ބާޠިލަށް ތަބާވުން (3 ވަނަ އާޔަތް)
– މާތްﷲ ބާއްވައިލެއްވި ތަކެއްޗަށް ނުރުހުންތެރިވުން (9 ވަނަ އާޔަތް)
– މުރުތައްދުވުން (25 ވަނަ އާޔަތް)
– ދެއްކުންތެރިކަން އަދި ނިފާޤުކަން (30 ވަނަ އާޔަތް)
– ނަބިއްޔާ صلى الله عليه وسلم އާއި ދެކޮޅުވެރިވެގަތުން (32 ވަނަ އާޔަތް)
– ކުފުރުގެ މަތީގައި މަރުވުން (34 ވަނަ އާޔަތް)
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
* ރަޙިމުގެ ގުޅުން ކެނޑުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެކަމުގެ ސަބަބުން ﷲ ގެ ލަޢުނަތް އޭނާއަށް ލިބެއެވެ. (22 ވަނަ އާޔަތުން 23 ވަނަ އާޔަތަށް)
މި ސޫރަތުގައި ﷲ ވަޙީކުރެއްވިއެވެ.
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ ﴿٢٢﴾ أُولَـٰئِكَ الَّذِينَ لَعَنَهُمُ اللَّـهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ ﴿٢٣﴾
މާނައަކީ: “ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫން ހެއްޔެވެ. އެބައިމީހުންނީ، އެބައިމީހުންނަށް މާތް ﷲ ލަޢުނަތްލެއްވި މީހުންނެވެ. ފަހެ، އެއިލާހު އެބައިމީހުން ބީރުކުރައްވައި، އަދި އެބައިމީހުންގެ ލޯތައް ކަނުކުރެއްވިއެވެ.”
މި ސޫރަތުގެ ހަ ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ ﴿٦﴾
މާނައަކީ: “އަދި ސުވަރުގެއަށް އެއިލާހު އެއުރެން ވައްދަވާނެއެވެ. އެ ސުވަރުގެ ވަނީ، އެއުރެންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ.”
މި އާޔަތުން އެނގޭ ގޮތުގައި ދުނިޔެމަތީގައި އެމީހެއްގެ ގެ އެމީހަކަށް އެނގޭ ވަރަށް ވުރެވެސް ބޮޑަށް، ސުވަރުގޭގެ އަހުލުވެރިންނަށްވެސް، ސުވަރުގޭގައިވާ އެބައިމީހުންގެ ގެތައް އެނގޭނެއެވެ.
ރަސޫލާ صلى الله عليه وسلم ތޭރަ އަހަރު ތައުޙީދަށް ގޮވާލެއްވުމުގައި މައްކާގައި ހޭދަކުރެއްވިއެވެ. މިއީ މަދީނާގައި ބާއްވައިލެއްވި ސޫރަތެއްކަމުގައި ވީހިނދު، މި ސޫރަތުގައިވެސް ތައުޙީދަށް ދަޢުވަތުދެއްވުމަށް ބާރުއަޅުއްވައިފައިވުމުން، އިސްލާމީ ދަޢުވަތުގެ އެންމެ މުހިއްމު އަސާސަކީ ތައުޙީދުކަން އެނގިގެން ދެއެވެ. (މި ސޫރަތުގެ 19 ވަނަ އާޔަތް)
__________________________
މަޞްދަރު: أول مرة أتدبر القرآن