އީމާންކަމުގެ ތެރޭގައި އިޢުތިޤާދާއި ބަހާއި ޢަމަލު ހިމެނޭކަމުގެ ދަލީލުތައް
ހިތުން އިޤުރާރުވާ ކަންކަމާއި ދުލުން ބުނާ ބަސްބަހާ އަދި ގުނަވަންތަކުންކުރާ ޢަމަލުތައް އީމާންކަމުގެ ތެރޭގައި ހިމެނޭކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގަންނަވާފައެވެ. [1] އަދި އިމާމު ޝާފިޢީވަނީ މިކަމަށް އިޖުމާޢު ނަޤުލުކުރައްވާފައެވެ. [2]
މިކަމަށް ދަލާލަތުކުރާ ވަރަށް ގިނަ ނައްޞުތައް އައިސްފައިވެއެވެ. މިތަނުގައި އަލިއަޅުވާލާނީ އެމާނައިގައި އައިސްފައިވާ އެންމެ ޝާމިލު އެއް ޙަދީޘަށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الْإِيمَانُ بِضْعٌ وَسَبْعُونَ – أَوْ بِضْعٌ وَسِتُّونَ – شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ» [رواه مسلم]
މާނައީ: “އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ. – ނުވަތަ ފަސްދޮޅަސް އެތައް ބައެއް ވެއެވެ. – އޭގެ އެންމެ މަތީ ދަރަޖައަކީ لَا إِلَـٰهَ إِلَّا اللَّـهُ ކިޔުމެވެ. އަދި އޭގެ އެންމެ ދަށު ދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށްލުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.”
އަދި އެހެން ޢިބާރާތަކުންވެސް އިމާމު މުސްލިމު މިޙަދީޘް ރިވާކުރައްވާފައިވެއެވެ.
«الْإِيمَانُ بِضْعٌ وَسَبْعُونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ» [رواه مسلم]
މާނައީ: “އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.”
މި ޙަދީޘްގެ ބައެއް ލަފްޒުތަކުގައި “ހަތްދިހަ އެތައްބައެއް” އަނެއްބައި ލަފްޒުތަކުގައި “ފަސްދޮޅަސް އެތައް ބައެއް” [3] އަނެއްބައި ލަފްޒުތަކުގައި “ހަތްދިހަ އެތައްބައެއް ނުވަތަ ފަސްދޮޅަސް އެތައް ބައެއް” ވާރިދުވެފައިވެއެވެ. މިލަފްޒުތަކުގެ ތެރެއިން އެންމެ ރާޖިޙު ލަފްޒަކީ “ހަތްދިހަ އެތައްބައެއް” ލަފްޒުކަމުގައި ޝައިޚް އަލްބާނީ ވިދާޅުވެފައިވެއެވެ. [4]
= ނުނިމޭ =
[1] ބައްލަވާ: شرح السنة للبغوي (1/38) والتمهيد لابن عبدالبر (9/238).
[2] ބައްލަވާ: شرح أصول اعتقاد أهل السنة والجماعة للالكائي (5/956).
[3] ބައްލަވާ: رواه البخاري في صحيحه برقم: (9).
[4] ބައްލަވާ: السلسلة الصحيحة للألباني (4/ 371).