އީމާންކަމުގެ ރުކުންތަކާއި އީމާންކަމުގެ އެހެނިހެން ބައިތައް
އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ ﷲ އަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހުގެ ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރަށާއި ނުބައިމިންވަރަށް އީމާންވުމެވެ. މިއީ ޙަދީޘް ޖިބްރީލުގެ ގޮތުގައި މަޝްހޫރުވެފައިވާ ޙަދީޘްގައިވެސް އައިސްފައިވާ ކަންކަމެވެ.
އިސްވެ ދިޔަ ޙަދީޘްގައި “އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ.” މިފަދައިން އައިސްފައިވާތީ އީމާންކަމުގެ އެކި ގޮފިތައް ޢިލްމުވެރިންވަނީ ހިމެނެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެއީ ކީރިތި ޤުރުއާނާއި އެކި ޙަދީޘް ބަސްފުޅުތަކުގައިވާ އީމާންކަމުގެ ގޮފިތައް ޖަމާކުރެއްވުމަށެވެ. އެހެނީ އެޙަދީޘްގައިވަނީ އީމާންކަމުގެ “ހަތްދިހަ އެތައް ގޮތްޕެއް” ވާކަމުގައެވެ. އެހެނަސް އެއް ޙަދީޘެއްގައި އެ ހުރިހާ ގޮތްޕެއް ވާރިދުވެފައިނުވެއެވެ.
1- އިމާމު އަލްޙަލީމީއާއި އިމާމު އަލްބައިހަޤީއާ އަދި އަލްޤަޒްވީނީ ވަނީ އޭގެ ތެރެއިން 77 ގޮތްޕެއް ބަޔާންކުރައްވާފައެވެ.
2- އިމާމު ލާލުކާއީވަނީ 72 ގޮތްޕެއް ބަޔާންކުރައްވާފައެވެ. [1]
3- އަދި އިމާމު އިބްނު ބައްޠާވަނީ 70 ގޮތްޕެއް ބަޔާންކުރައްވާފައެވެ. [2]
4- އަދި އިބްނު ޙިއްބާނުވަނީ 79 ގޮތްޕެއް ބަޔާންކުރައްވާފައެވެ. [3]
5- އަދި އިޖުމާލީކޮށް ބަލަންޏާ 69 ގޮތްޕެއްވާކަމަކަށާއި ތަފްޞީލީ ގޮތަކަށް ބަލަންޏާ 79 ގޮތްޕެއްވާކަމަށް އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ. [4]
އެހެންކަމުން އީމާންކަމުގެ ރުކުންތަކަކީ އީމަންކަމުގެ އެންމެ އަސާސީ ބިންގަލެވެ. އަދި އީމާންކަމުގައި އެހެނިހެން ބައިތަކާއި ޢަމަލުތައްވެސް ވެއެވެ.
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“އެއެއްޗެއް ނެތިގެން ދިޔުމުން އީމާންކަން އެކީ ނެތިގެންދާފަދަ ގޮފިތަކެއް އީމާންކަމުގައި ވެއެވެ. އެއީ މިސާލަކަށް ޝަހާދަތުގެ ދެކަލިމައެވެ. އަދި މި ގޮފިތަކުގެ ތެރޭގައި އެތަނުން ގޮތްޕެއް ދޫކޮށްލިޔަސް އެމީހެއްގެ އީމާންކަން އެކީ ނެތިކޮށް ނުލާނެ ގޮފިތަކެއް ވެއެވެ. އެއީ މިސާލަކަށް މަގުމަތީގައިވާ ކުނިކޮޅު އެއްފަރާތް ކޮށްލުމެވެ. އަދި އެދެމެދުގައި ވަރަށް ބޮޑެތި ތަފާތުތައް ހުރި ގޮފިތަކެއްވެއެވެ. އޭގެ ތެރެއިން ބައެއް ގޮފިތައް (ޙުކުމަށް ބަލާއިރު) ގާތީ ޝަހާދަތުގެ ދެކަލިމައާއެވެ. އަދި އަނެއްބައި ގޮފިތައް ގާތީ މަގުމަތީގައިވާ ކުނިކޮޅު އެއްފަރާތް ކުރުމާއެވެ.” [5]
ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އީމާންކަމާއި ޢަމަލު އެކުއެކީ ޛިކުރުކުރައްވާފައިވެއެވެ. އެއީ “އީމާންވެ ޞާލިޙު ޢަމަލުތައް” ކުޅަ މީހުންގެ ވާހަކަތަކެވެ.
ހިތުގައިވާ އީމާންކަމުގެ ސަބަބުން އެމީހެއްގެ ޢަމަލުތަކަށް އަޘަރުކުރާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣﴾ [سورة الماعون]
މާނައީ: “(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ! [1] ފަހެ، އެއީ ޔަތީމުކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ. [2] އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. [3]”
އެއީ ޤިޔާމަތްދުވަހާއި ޖަޒާދެއްވާނެކަމަށް އިންކާރުކުރާ މީހާއެވެ. [6]
އެހެންކަމުން މުންކަރާތްތަކަށް އަރައިގަންނަ މީހުން އެކަންކުރަނީ އެބައިމީހުންގެ ހިތުގައިވާ އީމާންކަން އުނިވުމުންނެވެ. މުންކަރާތްތައް ކުރިޔަސް އީމާންކަމަށް އަޘަރެއް ނުކުރާނެ ކަމަށް ހީކުރުމަކީ އަދި އެހެންބަޔަކު މުންކަރާތެއް ކުރާއިރުވެސް އެކަމަށް ހިތުގައި ނަފްރަތު ނުއުފެދުމަކީ އެމީހެއްގެ އީމަންކަން ބަލިކަށިކަމުގެ ޢަލާމާތެކެވެ.
= ނުނިމޭ =
[1] ބައްލަވާ: شرح أصول اعتقاد أهل السنة والجماعة لللالكائي (5/ 981 – 1011).
[2] ބައްލަވާ: الإبانة الكبرى لابن بطة (2/ 649).
[3] ބައްލަވާ: شرح صحيح مسلم للنووي (2/5).
[4] ބައްލަވާ: فتح الباري لابن حجر (1/52).
[5] ބައްލަވާ: أحكام تارك الصلاة لابن القيم (ص: 55).
[6] ބައްލަވާ: تفسير ابن كثير (8/493).