[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 7

  • ކަލޭގެފާނާމެދު ހީކުރި ހީކުރުންތައް ރަނގަޅެއް ނޫނެވެ!

 

ޞާލިޙުގެފާނުގެ ދަޢުވަތަށް މީސްތަކުން ކާފިރުވިއެވެ. އެކަލޭގެފާނުގެ ދަޢުވަތަށް އީމާންވި ބަޔަކުކަމުގައި ޘަމޫދުބާގައިގެ މީހުންނެއް ނުވިއެވެ. ޞާލިޙުގެފާނު އެމީހުންނަށް ނަޞޭޙަތްތެރިވެ، ބުދުތަކަށް އަޅުކަންކުރުން މަނާކުރެއްވި ހިނދު އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. އޭ ޞާލިޙުގެފާނެވެ! ކަލޭގެފާނަކީ މީގެ ކުރިން އަހަރުމެންގެ ތެރޭގައި ނުހަނު މާތް ބޭކަލެކެވެ. އަދި ނުހަނު ވިސްނުންތޫނުފުޅު ބޭކަލެކެވެ. މީގެ ކުރިން އަހަރުމެން އުއްމީދުކުރީ، މުސްތަޤްބަލުގައި ޤައުމުގެ ބޮޑުންގެ ތެރެއިން ބޭކަލެއްކަމުގައި ކަލޭގެފާނު ވާނޭ ކަމަށެވެ. އަދި އެވެނި މިވެނި މީހަކަށް ކަލޭގެފާނުވުމަށް އަހަރުމެން އުއްމީދުކުރީމެވެ. އަހަރުމެންގެ އުއްމީދުތައް ޙަޤީޤަތަކަށް ނުވިއެވެ. ކަލޭގެފާނާއި އެއް އުމުރުގައި ތިބި، ކަލޭގެފާނަށްވުރެ، ބުއްދިވެރިކަމެއް ނެތް މީހުން ޤައުމުގެ ބޮޑެތި މީހުންނަށް ވެއްޖެއެވެ.

އޭ ޞާލިޙުގެފާނެވެ! ކަލޭގެފާނު އިޚްތިޔާރުފުޅު ކުރެއްވީ ފަޤީރުންގެ މަގެވެ. އަހަރުމެން ކަލޭގެފާނާމެދު ހީކުރިހީކުރުންތައް ރަނގަޅު އެއްޗަކަށް ނުވިއެވެ. އަދި ކަލޭގެފާނާމެދު އަހަރުމެން ކުރި އުއްމީދުތައް ބޭކާރު އެއްޗެއްކަމުގައި ކަލޭގެފާނު ހައްދަވައިފިއެވެ.

ޤައުމުގެ މީސްތަކުންގެ އެ ހުރިހާ ވާހަކަތައް އެކަލޭގެފާނު އެއްސެވިއެވެ. އެހިނދު ޤައުމުގެ މީހުންނާމެދު އެކަލޭގެފާނު ހިތާމަކުރެއްވިއެވެ.

 

 

  • ޞާލިޙުގެފާނުގެ ނަޞޭހަތް

 

ޤައުމުގެ މީހުންނަށް ނަޞޭޙަތް ދެއްވުމުގައި އެކަލޭގެފާނު ދެމި ހުންނެވިއެވެ. ޙިކުމަތްތެރިކަމާއި އޯޤާތެރިކަމާއެކު، ﷲ އަށް އީމާންވުމަށް ގޮވާލައްވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޚުންނޭވެ! މިތަނުގައި (މިދުނިޔޭގައި) އަބަދު ދެމި ތިބެވޭނެކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަދި އެހެރަ ގަނޑުވަރުތަކުގައި އަބަދުގެ އަބަދަށް ތިޔަބައިމީހުން ދިރިއުޅޭނެކަމަށް ހީކުރަނީ ހެއްޔެވެ؟ މި ބަގީޗާތަކާއި ކޯރުތައް ތިޔަބައިމީހުންގެ އަތުން ބީވެގެން ނުދާނެކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަދި ފަރުބަދަތަކުން ކަނޑާ މަށައިގެން ކިއްލާތައް ހެދުމުގައި ދެމި ތިބެވޭނެކަމަށް، ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް