-
ޢަޛާބު
ޖަމަލު މަރާލި ޚަބަރު ޞާލިޙުގެފާނަށް އެނގިވަޑައިގަތުމުން، އެކަމާ ވަރަށް ހިތާމަކުރެއްވިއެވެ. މީސްތަކުންނަށް އެކަލޭގެފާނު ވިދާޅިވިއެވެ.
(تَمَتَّعُوا فِي دَارِكُمْ ثَلَاثَةَ أَيَّامٍ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ)[1]
މާނަ: “ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ ވަޢުދެކެވެ.”
އެރަށުގައި ނުވަ މީހަކު އުޅުނެވެ. އެމީހުން ބިމުގައި ފަސާދަކުރަމުން ގެންދިޔައެވެ. އަދި އެއްވެސްކަމެއް އިޞްލާޙު ކުރާ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. އެމީހުން ހުވާކޮށްފައި ބުންޏެވެ. އަހަރުމެން ޞާލިޙުގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ރޭގަނޑުގެ ވަގުތުގައި ޤަތުލުކުރާނަމެވެ. އަހަރުމެން ކައިރީގައި އެކަލޭގެފާނުގެ ބަލަދުވެރިޔާ ސުވާލުކޮށްފިނަމަ ބުނާނަމެވެ. ތިކަމުގެ އެއްވެސް ޚަބަރެއް އަހަރުމެންނަކަށް ނޭނގެއެވެ. އެ މީހުންގެ މަކަރުވެރި ރޭވުމުން ޞާލިޙުގެފާނާއި އެކަލޭގެފާނުގެ އަޙުލުވެރިން ﷲ ރައްކާތެރިކުރެއްވިއެވެ.
ޖަމަލު މެރުމަށް ފަހު، ތިންވަނައަށްވީ ދުވަހު އެމީހުންގެ މައްޗަށް ޢަޛާބު އައެވެ. އެހެން ދުވަސްތަކުގައިވެސް ހޭލާ ފަދައިން ހެނދުނު ވަގުތުގައި އެމީހުން ހޭލިއެވެ. އެހިނދު ބިރުވެރި އަޑެއް ގަދަފަދަ ބިންހެލުމަކާއި އެކީ އެމީހުންގެ މައްޗަށް އައެވެ. އެ އަޑުގެ ސަބަބުން ހިތްތައް ފަޅަފަޅައިގެން ދިޔައެވެ. ގަދަފަދަ ބިންހެލުމުގެ ސަބަބުން، އެމީހުންގެ ގެތައް ފުނޑުފުނޑުވިއެވެ. އެ އެންމެން މަރުވެގެންދިޔައެވެ.
ޞާލިޙުގެފާނާއި އެކަލޭގެފާނަށް ތަބާވި މީހުން، އެ އަބާއްޖަވެރި ރަށުން ހިޖުރަކުރެއްވިއެވެ. އެކަލޭގެފާނު ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ.
(يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ النَّاصِحِينَ)[2]
މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންގެ ވެރިރައްބުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން ނަސޭހަތްތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ނަސޭހަތްތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ.”
(فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ)[3]
މާނަ: “އެރަށްތަކުގެ އަހުލުވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންއިލާހު، ހަލާކުކުރެއްވީ ކިތައް ކިތައް ރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، ޢިމާރާތްތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟”
ރަސޫލާ صلى الله عليه وسلم ކުރެއްވި ދަތުރުފުޅެއްގައި ޘަމޫދު ބާގައިގެ މީހުން އުޅުނު ރަށްތަކުގެ ކައިރިން ހުރަސްކުރެއްވިއެވެ. އެކަލޭގެފާނުގެ އަޞްޙާބު ބޭކަނލުންނަށް ޙަދީޘްކުރެއްވިއެވެ.
«لاَ تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا أَنْفُسَهُمْ، إِلَّا أَنْ تَكُونُوا بَاكِينَ، أَنْ يُصِيبَكُمْ مِثْلُ مَا أَصَابَهُمْ»[4]
” އެބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިވި މީހުން ދިރިއުޅުނު ތަންތަނަށް ތިޔަބައިމީހުން ނުވަންނަ ހުށިކަމެވެ. (ތިޔަބައިމީހުން އެތަންތަނަށް ވަންނަނަމަ) ރޮމުން ވަންނަ ހުށިކަމެވެ. (އެއީ) އެބައިމީހުންނަށް ޖެހުނު ކަމެއް ތިޔަބައިމީހުންނަށް ޖެހިދާނެކަމަށްޓަކައެވެ.”
(أَلَا إِنَّ ثَمُودَ كَفَرُوا رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ)[5]
މާނަ: “ހަމަކަށަވަރުން ޘަމޫދު ބާގައިގެ މީހުން، އެބައިމީހުންގެ ރައްބަށް ކާފިރުވިއެވެ. ދަންނާށެވެ! ޘަމޫދު ބާގައިގެ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.”
=ނިމުނި=
___________________
މަޞްދަރު: قصص النبيين للأطفال
[1] هود 65
[2]79 الأعراف
[3] الحج 45
[4] رواه البخاري (3381) ومسلم 39 – (2980)
[5] هود 68