ކައިވެނީގެ ރަން ނަންގަތް ބާބު
﴿لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ [٢٣٦] وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّا أَن يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ﴾ [سورة البقرة 236 – 237]
މާނައީ: ” ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައި ނުވާހާ ހިނދަކު، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) ތިޔަބައިމީހުން އެކަނބަލުންނަށް مُتعة ދޭށެވެ! (مُتعة އަކީ ވަރިކުރެވޭ އަންހެންމީހާ ހިތްހަމަޖައްސައިލުމަށް ފިރިހެންމީހާގެ ފަރާތުންދެވޭ ބޭނުންތެރި ކޮންމެވެސް އެއްޗެކެވެ.) ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއަށް ލިބޭ މިންވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސް ވާޖިބުވެގެންވަނީ އޭނާއަށް ލިބޭ މިންވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ މުތުއާއެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) އިޙްސާންތެރިންގެ މައްޗަށް ވާޖިބުވެފައިވާ ޙައްޤެއްގެ ގޮތުގައެވެ. [236] އަދި ތިޔަބައިމީހުން އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިވާ ޙާލު، އެކަނބަލުންނާއެކު ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުންހުށްޓެވެ. (އެއީ) އެކަނބަލުން ޢަފޫކުރުމުން މެނުވީއެވެ. ނުވަތަ ކައިވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ ޢަފޫކުރުމުން މެނުވީއެވެ.”
﴿وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا﴾ [سورة النساء 4]
މާނައީ: “އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، ޙަލާލު ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!”
﴿وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا﴾ [سورة النساء 20]
މާނައީ: “ތިޔަބައިމީހުން އެއް އަނތްބެއްގެ ޖާގައަށް އެހެން އަނތްބަކު ބަދަލުކުރަން އެދޭނަމަ، (އެބަހީ: އެކަކު ވަރިކޮށްފައި އަނެކަކާ އިންނަން ޤަޞްދުކޮށްފިނަމަ) އަދި އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ.”
﴿وَأُحِلَّ لَكُم مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُوا بِأَمْوَالِكُم مُّحْصِنِينَ غَيْرَ مُسَافِحِينَ ۚ فَمَا اسْتَمْتَعْتُم بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً﴾ [سورة النساء 24]
މާނައީ: “ކައިވެނީގެ ރައްކާތެރިކަން ލިބޭގޮތުގައި އަދި ޒިނޭ ނުކުރާ ގޮތުގައި، ތިޔަބައިމީހުންގެ މުދަލުން ކައިވެނީގެ ރަން ދީގެން، އެނޫން އަންހެނުންނާ އިނުން ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ. ފަހެ، އެކަނބަލުންގެ ތެރެއިން ތިޔަބައިމީހުން ކައިވެނިކޮށް އެކަމުގެ އުފާ ތިޔަބައިމީހުން އެބަޔެއްގެ ކިބައިން ލިބިގަތް ބަޔަކަށް ރަނުގެ ގޮތުގައި އެކަނބަލުންނަށް ކަނޑައަޅުއްވާފައިވާ އުޖޫރަ ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ!”
﴿الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ﴾ [سورة المائدة 5]
މާނައީ: “މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލުކުރައްވައިފިއެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް ޙަލާލުވެގެންވެއެވެ. ޢިއްފަތްތެރި މުއުމިނު އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ. އެކަނބަލުންގެ ރަން ތިޔަބައިމީހުން އެކަނބަލުންނަށް ދީފިނަމައެވެ. ކައިވެނީގެ ޢިއްފަތްތެރިކަން ހޯދާބައެއްގެ ގޮތުގައެވެ.”
﴿قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّالِحِينَ [٢٧] قَالَ ذَٰلِكَ بَيْنِي وَبَيْنَكَ ۖ أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّـهُ عَلَىٰ مَا نَقُولُ وَكِيلٌ [٢٨]﴾ [سورة القصص 27 – 28]
މާނައީ: “އެކަލޭގެފާނު (އެބަހީ: އެދެ އަންހެނުންގެ ބައްޕާފުޅު) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށް އަހަރު ވަންދެން ތިމަންނާއަށް ޚިދުމަތްކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ. ފަހެ، ދިހަ އަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ އެއީ ކަލޭގެފާނުގެ ހެޔޮފުޅު ކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫ ކުރާކަށް ތިމަން ނޭދެމެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންނާއީ ޞާލިޙުންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. [27] އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ. އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީ ގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއް ނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް ﷲ ހެކިވެވޮޑިގެންވެއެވެ. [28]”
_______________________________