ޢިއްދައާއި އިޙްދާދުކުރުން ނަންގަތް ބާބު
﴿وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ﴾ [سورة البقرة 228]
މާނައީ: “އަދި ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން قُرء ވަންދެން އިންތިޒާރު ކުރާހުށިކަމެވެ! (قُرء އަކީ ހައިޟު ނުވަތަ ޠުހުރެވެ.)”
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا﴾ [سورة الأحزاب 49]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މުއުމިނު އަންހެނުންނާ ކައިވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ޢިއްދައިގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެއެވެ.”
﴿يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا [١] فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّـهِ﴾ [سورة الطلاق 1 – 2]
މާނައީ: “އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިއަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދަ ގުނާ ހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެއެވެ. [1] ފަހެ، އެކަނބަލުންގެ ޢިއްދަ ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކައިވެނި ރުޖޫޢަކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެމީހުން ހެކިކުރާށެވެ! އަދި ﷲ އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ!”
﴿وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ﴾ [سورة الطلاق 4]
މާނައީ: “އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: ޢިއްދައިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ ފަހެ، އެކަނބަލުންގެ ޢިއްދައަކީ އަދި ޙައިޟު ނުވާ މީހުންގެ ޢިއްދައަކީވެސް ތިންމަސް ދުވަހެވެ. އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ.”
﴿وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا وَصِيَّةً لِّأَزْوَاجِهِم مَّتَاعًا إِلَى الْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِي أَنفُسِهِنَّ مِن مَّعْرُوفٍ ۗ وَاللَّـهُ عَزِيزٌ حَكِيمٌ﴾ [سورة البقرة 240]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެބައިމީހުންގެ އަނބިން (ގެއިން) ނެރެލުމަކާނުލައި، އަހަރުދުވަހަށް ދާންދެން (ކެއިންބުއިމާއި ފޭރާމުގެގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެބައިމީހުންގެ އަނބިންނަށް ދިނުމަށް ވަޞިއްޔަތް ކުރާހުށިކަމެވެ! ފަހެ، އެކަނބަލުން (ގެއިން) ނުކުމެއްޖެނަމަ (ދަންނާށެވެ!) ޝަރުޢީ ހަމައިގެމަތިން އެކަނބަލުންގެ ނަފްސުތަކާމެދު އެކަނބަލުން ކުޅަކަމެއްގައި ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ﷲ އީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ. (ނޯޓު: މި އާޔަތުގައިވާ ވަޞިއްޔަތާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ ޙުކުމްވަނީ ނަސްޚުވެފައެވެ.)”
﴿وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا﴾ [سورة البقرة 234]
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (ކައިވެނި ނުކޮށް) އިންތިޒާރު ކުރާހުށިކަމެވެ!”
_______________________________