ޚަރަދުދިނުން ނަންގަތް ބާބު
﴿وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَّهُ بِوَلَدِهِ ۚ وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّا آتَيْتُم بِالْمَعْرُوفِ﴾ [سورة البقرة 233]
މާނައީ: ” އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފްސަކަށް، އެ އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވައެވެ. މައިމީހާއަށް އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި ބަފަޔަކަށްވެސް އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމުވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމުވެގެންވެއެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، މަޝްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދުކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދުކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ.”
﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ﴾ [سورة النساء 34]
މާނައީ: “ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެބައިމީހުންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.”
﴿وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا﴾ [سورة الفرقان 67]
މާނައީ: “އަދި އެބައިމީހުންނީ އެބައިމީހުން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ އަދި މުށްބާރުވެސް ނުކުރާ އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.”
﴿قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ﴾ [سورة الأحزاب 50]
މާނައީ: “އެބައިމީހުންގެ އަނބިންނާ މެދުގައްޔާއި، އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަންއިލާހު އެބައިމީހުންނަށް ކަނޑައަޅުއްވާފައިވާގޮތް، ހަމަކަށަވަރުން ތިމަންއިލާހު ދެނެވޮޑިގެންވަމެވެ.”
﴿أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ۚ وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ [٦] لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّـهُ ۚ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا [٧]﴾ [سورة الطلاق 6 – 7]
މާނައީ: “ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭ ތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، ޢިއްދައިގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ! އަދި އެކަނބަލުންނަށް ދަތިކުރުމަށްޓަކައި، ތިޔަބައިމީހުން އެކަނބަލުންނަށް ގެއްލުން ނުދޭށެވެ! އަދި މާބަނޑު އަންހެނުން ކަމުގައި އެކަނބަލުން ވެއްޖެނަމަ ފަހެ، އެކަނބަލުން ދަރި ވިހައިފުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނަށް ޚަރަދުކުރާށެވެ! ފަހެ، ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެކަނބަލުން ކިރުދީފިނަމަ ފަހެ، ތިޔަބައިމީހުން އެކަނބަލުންނަށް، އެކަނބަލުންގެ އުޖޫރަދޭށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި ހެޔޮގޮތުގައި އެކަކު އަނެކަކާ މަޝްވަރާކުރާށެވެ! އަދި ތިޔަބައިމީހުންނަށް ދަތިވެއްޖެނަމަ، އޭނާޔަށްޓަކައި ފަހެ، (އެކުއްޖާއަށް) އެހެން އަންހެނަކު ކިރުދޭނީއެވެ. [6] ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ ރިޒްޤު ދަތިކުރައްވާފައިވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ! އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވައެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް ﷲ ލައްވާހުށްޓެވެ. [7]”
_______________________________