[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 49 –

ޢުޤޫބާތް

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ [١٧٨] وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ [١٧٩]﴾ [سورة البقرة 178 – 179]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ. [178] އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. [179]”

﴿الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ ۚ فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ﴾ [سورة البقرة 194]

މާނައީ: “ޙުރުމަތްތެރިވެގެންވާ މަހަށް ޙުރުމަތްތެރިވެގެންވާ މަހެވެ. ޙުރުމަތްތައް ކެނޑުމަކީ ބަދަލުހިފުން އޮންނަ ކަމެކެވެ. (އެބަހީ: ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މުޝްރިކުން ހަނގުރާމަ ކުޅަފަދައިން، އެފަދަ މައްސަރެއްގައި މުޝްރިކުންނާ ހަނގުރާމަ ކުޅައުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ހަމަލާދިން ބައެއްގެ މައްޗަށް އެބައިމީހުން ދެކޮޅުވެރިވެ ހަމަލާދިން ފަދައަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ ހަމަލާދޭށެވެ!”

﴿وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً﴾ [سورة النساء 92]

މާނައީ: “ކުށަކުން، އޮޅިގެންމެނުވީ މުއުމިނަކު މެރުމަކީ މުއުމިނަކަށް އޮތްކަމެއް ނޫނެވެ.”

﴿وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّـهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾ [سورة النساء 93]

މާނައީ: “އަދި ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތަނުގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތް ލެއްވިއެވެ. އަދި ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.”

﴿وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ﴾ [سورة المائدة 45]

މާނައީ: “އެ ތައުރާތުގައި އެބައިމީހުންގެ މައްޗަށް ތިމަންއިލާހު (ޤިޞާޞްގެ އުޞޫލު) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފްސަކަށް ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ.  ޒަޚަމުތަކަކީ ޤިޞާޞް ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާއަށް އެއީ ކައްފާރާއެކެވެ.”

﴿وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِ﴾ [سورة النحل 126]

މާނައީ: “އަދި ތިޔަބައިމީހުން ޢުޤޫބާތް ދޭނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތް ލިބުނު ފަދައަކުން ފަހެ، ތިޔަބައިމީހުން ޢުޤޫބާތް ދޭށެވެ!”

﴿وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ﴾ [سورة الأنعام 151]

މާނައީ: ” އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ނުލައި ނުމަރާށެވެ!”

މިފަދައިން ނަހީކުރައްވަފައިވެއެވެ. އަދި ހަމައެފަދައިން سورة الإسراء ގެ 33 ވަނަ އާޔަތުގައިވެއެވެ.

އަދި ޚަބަރުގެ ޞީޣާއިން ނަހީގެ މާނައިގައި سورة الفرقان ގެ 68 ވަނަ އާޔަތުގައި ވެއެވެ.

﴿وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ﴾

މާނައީ: “އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުން ނޫނީ، ނުމަރާ މީހުންނެވެ.”

﴿وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا﴾ [سورة الإسراء 33]

މާނައީ: “އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހާގެ ވަލީވެރިޔާއަށް، ތިމަންއިލާހު ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން އެ ވަލީވެރިޔާއަކީ ނަޞްރުލިބިގެންވާ މީހެއް ކަމުގައިވިއެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ