ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ކާމިޔާބާއި ބާއްޖަވެރިކަން ލިބުން އޮތީ ނަފްސު ޠާހިރުކޮށްގެންކަމާއި އަދި ނަފްސު ނުޠާހިރުކޮށްފި ކޮންމެ މީހަކު ގެއްލި ހަލާކުވެއްޖެކަން މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
1. މި ސޫރަތުގައި 11 އެއްޗެއް ގަންދެއްވައި ﷲ ތަޢާލާ ހުވާ ކުރައްވައިފައިވެއެވެ. މިހާ ގިނައަދަދަކަށް އެއް ސޫރަތުގައި އެއްޗެހި ގަންދެއްވައި ވަޙީކުރައްވައިފައެއް ނުވެއެވެ. މި ސޫރަތުގައި ގިނަ އެއްޗެހިތަކެއް ގަންދެއްވާ ހުވާކުރައްވައިފައި މިވަނީ މި ސޫރަތުގައި އެކަމެއްގެ މައްޗަށް ހުވާކުރެވިފައިވާ ކަމުގެ ބޮޑުކަމުންނެވެ. އެއީ ދިރިއުޅުމުގެ މަޤްޞަދާއި ނަފްސް ޠާހިރުކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.
2. ހަލާކުކުރެވުނު ޤައުމުތަކުގެ ތެރެއިން މި ސޫރަތުގައި އެބަޔެއްގެ ވާހަކަ އައިސްފައިވަނީ ހަމައެކަނި ޞާލިޙް عليه السلام ގެ ޤައުމު ޘަމޫދުބާގައިގެ މީހުންގެ ވާހަކައެވެ. ޘަމޫދުބާގައިގެ މީހުންނަށް ހިދާޔަތް ބަޔާންކޮށްދެއްވަވާ، ހިލަ ފަރުބަދައިން ޖަމަލެއް ނެރުއްވުމުގެ މުޢުޖިޒާތް ދެއްކެވުމުން ޘަމޫދުބާގައިގެ މީހުންނަށް ޞާލިޙް عليه السلام ގެންނެވި ހިދާޔަތުގެ ތެދުކަން އޮތީ ހާމައަށް ފެންނާށެވެ. މި ސޫރަތް ފެށުމުގައި މާތް ﷲ ގަންދެއްވަވާފައިވަނީ އިރާއި އޭގެ އަލިކަމުގެ މައްޗަށެވެ. އެހެންކަމުން މިކަމުން ދޭހަވަނީ ޘަމޫދުބާގައިގެ މީހުންނަށް މެންދުރުގެ އިރު ފަދައިން ހިދާޔަތުގެ ތެދުކަން ފެންނަށް އޮތްކަމުގައެވެ. ފުއްޞިލަތު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ ޘަމޫދުބާގައިގެ މީހުން ހިދާޔަތުގެ އަލިކަމުގައި ތިބުމަށްވުރެ ކުރިންވެސް އެމީހުން ތިބި ގޮތުގައި ޖަހާލަތުގެ ކަނު އަނދިރީގައި ތިބުމަށް ލޯބިކުރެއެވެ.
وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ ﴿١٧﴾
“އަދި ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންއިލާހު އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) اختيار ކުރޫއެވެ. އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން، އިހާނަތްތެރި عذاب ގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ.”
3. ނަފްސު ޠާހިރުކުރުމަށް މި ސޫރަތުގައި ބާރުއަޅުއްވާފައިވާއިރު، މި ސޫރަތް ފެށުމުގައި އިރުގެ ވާހަކަ އައިސްފައިވުމުން ދޭހަވަނީ ނަފްސް ޠާހިރުކުރެވޭނީ އިލާހީ ހިދާޔަތުގެ ވޮށުން ލިބޭ އަލިކަމުންކަމުގައެވެ.
4. މި ސޫރަތުގައި އައިސްފައިވަނީ ޘަމޫދުބާގައިގެ މީހުންނަށް ހިދާޔަތް ބަޔާންކޮށްދެއްވާ، ހިލަ ފަރުބަދައިން ޖަމަލެއް ނެރުއްވުމުން އެ ޤައުމުގެ އެންމެންވެގެން އެ ކަތިލިކަމުގައެވެ. ޙަޤީޤަތުގައި ޢަމަލީ ގޮތުން ޖަމަލު ކަތިލީ އެންމެ މީހެކެވެ. އެހެންނަމަވެސް އެ ޤައުމުގެ އެންމެންވެސް އެކަމަށް ރުހިގެން ތިބުމުން އެ އެންމެންނަށް އެ ޢަމަލު ރައްދުކުރެވުނީއެވެ.
__________________________
މަޞްދަރު: أول مرة أتدبر القرآن
ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް