މިސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫއު
މާތް ﷲ އަށް ތަޤްވާވެރިވުމަކީ އެންމެހާ ނުބައި ކަމަކުން އާއިލާތަކާއި، މުޖުތަމަޢުތަކާ އަދި އުންމަތް ރައްކާތެރިކޮށްދީ ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭކަމެކެވެ.
މިސޫރަތުގެ މުހިންމު ނުކުތާތައް
ވަރި ޢިއްދަ އަދި އަނބިންނަށް ހޭދަކުރުމާއި ބެހޭ ޙުކުމްތައް މިސޫރަތުގެ 1 ވަނަ އާޔަތުން 6 ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.
މިސޫރަތުގެ 2 ވަނަ އާޔަތުންފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި ތަޤްވާވެރިކަމުގެ ފައިދާތައް ހިމެނެއެވެ. އެގޮތުން ފަރުދީ އަދި ޢިޖްތިމާއީ ދުޅަހެޔޮކަމާއި ތަޤްވާވެރިކަމާއި ހުރި ގުޅުމުގެ މައްޗަށްވެސް މިއާޔަތްތަކުގައި އަލިއަޅުވާލާފައިވެއެވެ.
ފާފައިގެ އަސަރުތައް 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
އީމާންކަމާއި ހެޔޮކަމުގެ ޖަޒާގެ ވާހަކަ 11 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾
މާނައީ: “އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަކީ އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ. އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”
މި އާޔަތުން އެނގޭގޮތުގައި ހައިޟު ނުވާ ކުޑަ އަންހެން ކުއްޖާއާއި ވެސް ކައިވެނި ޢަޤްދު ކުރެވިދާނެއެވެ. އެއީ އެބައިމީހުންގެ ޢިއްދަ ﷲ ކަނޑައަޅުއްވާފައިވާތީއެވެ. [انظر: المغني لابن قدامة والمجموع للنووي]
މި ސޫރަތުގައި ތަޤްވާގެ ވާހަކަ ތަކުރާރުކޮށް އައިސްފައިވެއެވެ. ބައެއްފަހަރު އައިސްފައިވަނީ ތަޤްވާވެރިވުމަށް ބާރުއަޅާ އުސްލޫބެއްގައެވެ. އަނެއްބައިފަހަރު އައިސްފައިވަނީ ތަޤްވާވެރިނުވެއްޖެނަމަ، ދުނިޔެ އާއި އާޚިރަތުގައި އެކަމުގެ ޢުޤޫބާތް މާތް ﷲ ދެއްވަވާނެކަން ބަޔާންކޮށްދޭ އުސްލޫބެއްގައެވެ.
ﷲ ތަޢާލާގެ އޯގާވަންތަކަން ބަޔާންކޮށްދޭ އެއްކަމަކީ ވަރި ކުރުމުގެ ކުރިންނާއި ފަހުން ކަޑައްތުކުރަން ޖެހޭ މަރުޙަލާތަކެއް ލައްވާފައިވުމެވެ.
ވަރިކުރުމުގެ ކުރިން ކަޑައްތުކުރަންޖެހޭ މަރުޙަލާތައް:
އޯގާތެރިކަމާއިއެކު ނަސޭޙަތްދިނުން
ނަސޭޙަތްދީގެން ރަނގަޅުނުވެއްޖެނަމަ ހަޖުރުކުރުން
ވަރިކުރުމުގެ ފަހުން ކަޑައްތުކުރަންޖެހޭ މަރުޙަލާތައް:
އަނބިމީހާ ޢިއްދައިގައި އިންނަންޖެހުން
ފިރިމިހާ އަނބިމީހާއަށް ހޭދަކުރަންޖެހުން
މި ހުރިހާ ކަމަކުންވެސް އަންގައިދެނީ އާއިލާ ނުރޫޅި ބަދަހިކަމާއެކު އޮތުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ.
ވަރިކުރެވޭ އަންހެނާ ނުވަތަ ފިރިމަރުވެފައިވާ އަންހެނުން ޢިއްދައިގައި އިންނަން ޖެހުމުގެ އެއް ޙިކުމަތަކީ ނަސަބު އޮޅުންބޮޅުންވުމުން ސަލާމަތްކުރުމެވެ.
މި ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
ياأيها النبي إذا طلقتم النساء فطلقوهن لعدتهن
މާނައީ: “އޭ ނަބިއްޔާއެވެ! ތިޔަބައިމީހުންގެ އަނބީން ވަރިކުރާނަމަ، ފަހެ އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ!”
އަނބިމީހާއާއި ޖިމާޢުވެފައިނުވާ ޠުހުރެއްގައި އެއްފަހަރުން އަނބިމީހާ ވަރިކުރުމަކީ ވަރިކުރުން ސުންނަތްގޮތްކަމަށް (އެބަހީ: ސުންނީ ވަރިކަމަށް) ޞަޙާބީން އިޖުމާޢުވެފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم އަށް މުޚާތަބުކުރައްވާފައިވާ އާޔަތްތައް ތިން ބަޔަކަށް ބެހެއެވެ. އެއީ:
އާޔަތް ޢިބާރާތްކުރެވިފައިވާ ގޮތުން އާޔަތުން މުޚާތަބުކުރެވެނީ ނަބިއްޔާ صلى الله عليه وسلم ކަމުގައިވީ ނަމަވެސް، އާޔަތުގެ އަސްލު މުރާދަކީ މުޅި އުންމަތަށް މުޚާތަބުކުރުން ކަމުގައިވުން.
މިސާލަކަށް އިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގެ އަސްލު މުރާދަކީ މައިންބަފައިންނަށް ކިޔަމަންވުމަށް މުޅި އުންމަތަށް ބާރުއެޅުމެވެ. ނަމަވެސް މި އާޔަތުގައި މުޚާތަބުކުރެވިފައިވަނީ ނަބިއްޔާ صلى الله عليه وسلم އާއެވެ. މި އާޔަތް ބާއްވާލެއްވުނުއިރު ނަބިއްޔާ صلى الله عليه وسلم ގެ މަންމާފުޅާއި ބައްޕާފުޅު އަވަހާރަވެފައިވުމުން މިއިން ދޭހަކޮށްދެނީ އާޔަތް މުޚާތަބުކުރެވިފައިވަނީ މުޅި އުންމަތަށް ކަމެވެ.
ނަބިއްޔާ صلى الله عليه وسلم އަށް އާޔަތުގެ މުޚާތަބު އައިސްފައިވުމާއެކު، އާޔަތުގެ އަޙްކާމުތައްވެސް ހަމައެކަނި އެކަލޭގެފާނަށް ޚާއްސަކުރައްވާފައިވުން.
މިސާލަކަށް ކައިވެނީގެ އަޙްކާމްތަކުގައި ނަބިއްޔާ صلى الله عليه وسلم އަށް ޚާއްސަވެގެންވާ ބައެއް ކަންކަމުގެ ވާހަކަ އަޙްޒާބު ސޫރަތުގެ 50ވަނަ އާޔަތުން ފެށިގެން 52ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم އަށް އާޔަތުގެ މުޚާތަބު އައިސްފައިވުމާއެކު، އާޔަތުގެ އަޙްކާމުތަކުގައި އެކަލޭގެފާނާއި އުންމަތުގެ އެންމެހާ މުސްލިމުން ޝާމިލުވެފައިވުން.
މިސާލަކަށް ތަޙްރީމް ސޫރަތުގެ ފުރަތަމަ އާޔަތް
__________________________
މަޞްދަރު: أول مرة أتدبر القرآن