މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
އުންމަތް ބިނާކުރުމުގައި ޙައްޖުގެ ދައުރު
ޙައްޖު ސޫރަތުގެ މުހިއްމު ނުކުތާތައް
- މި ސޫރަތުގެ އެއްވަނަ އާޔަތުން ފެށިގެން 24 ވަނަ އާޔަތަށް އައިސްފައިވާ އާޔަތްތަކުގައި މާތް ﷲ އަށް ތަޤްވާވެރިވުމަށް އަމުރުކުރައްވާފައިވެއެވެ. އަދި މާތް ﷲ އަށް ތަޤްވާވެރިވުމުގައި ދަރަޖަތަކަށް މީސްތަކުން ބެހިގެންވާ ގޮތްތައް ބަޔާންކުރައްވާފައިވެއެވެ.
- ޚާލިޤަކު ވޮޑިގެންވާކަމުގެ ބުއްދީގެ ދަލީލުތަކާއި، މަރުވެފައިވާ ތަކެތި ދިރުއްވާގޮތުގެ މިސާލުތަކާއި، ކަށްވަޅުން މީސްތަކުން ނެރެލެވި އަލުން ދިރުއްވޭނެކަމާއި، ޤިޔާމަތްދުވަސް ހަމަކަށަވަރުންވެސް އަންނާނެކަމާއި، މާތްﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުކަން މި ސޫރަތުގެ ފަސްވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
- ގެފުޅު ބިނާކުރެވުނު ގޮތުގެ ވާހަކައިގެ ބައެއް ހާދިސާތައް މި ސޫރަތުގެ 26 ވަނަ އާޔަތާއި 27 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. ޙައްޖަށް އައުމުގެ ދަޢުވަތު މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާކަން މި ސޫރަތުގެ 27 ވަނަ އާޔަތުން އެނގިގެންދެއެވެ.
- ޙައްޖުގެ ބައެއް ޙުކުމްތަކާއި ފައިދާތަކާއި މަޤްޞަދުތަކާއި އަދަބުތައް މި ސޫރަތުގައި ބަޔާންވެގެންވެއެވެ. މިގޮތުން ޙައްޖުގެ ރޫޙަކީ ތަޤްވާވެރިކަމާއި ﷲގެ ޒިކުރުކުރުން އިތުރުކުރުންކަން މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
- أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ﴿٣٩﴾
މާނައީ: “ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ.”
ޢަދާވާތްތެރިންގެ ޢުދުވާންތަކުން ދީނުގެ ޝިޢާރުތަކާއި ޢިބާދާތުތައް ޙިމާޔަތްކުރުމުގެ ގޮތުން ޖިހާދުކުރުން ހުއްދަކުރެވުނެވެ.
- ރަސޫލުންނާއި ނަބީން ދޮގުކުރާމީހުންގެ ޢަމަލުތައް ހުންނާނެގޮތުގެ ތަޞައްވުރެއް މި ސޫރަތުގައި ދެއްވާފައިވެއެވެ.
- ހިތްތަކުގެ ވައްތަރުތައް މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
އެއީ ނިފާޤުކަމާއި ކުފުރުވެރިކަމުން ބަލިވެފައިވާ ހިތްތަކާއި، ހަރުވެފައިވާ ހިތްތަކާއި އަދި މާތްﷲ ހަނދުމަކުރުމުން މަޑުމޮޅިވެފައިވާ ހިތްތަކެވެ.
- ކާފިރުން އަބަދުވެސް އުޅޭނީ ދެކޮޅަށްކިރޭ ޙާލުގައެވެ. އެއްކައުވަންތަކަމާއި އަލުން ދިރުއްވުމާމެދު ކުރެވޭ ޝައްކުތައް ކާފަރުންނާއި ވަތްކެއް ނުވާނެއެވެ.
- މާތް ﷲގެ މަގުގައި އެކަލާނގެ ދީނަށް ނަޞްރުދިނުމުގެ ގޮތުން ހިޖުރަކުރުމުގެ ފައިދާތައް މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން މިފަދައިން ހިޖުރަކުރާ މީހުންނަށް ދުނިޔެމަތީގައި ރޯދި ބަރަކާތް ތަނަވަސްވެގެންދެއެވެ. އަދި އާޚިރަތުގައި މަތިވެރި ދަރުމަޔާއި ޘަވާބު ލިބޭނެއެވެ.
- ކާފިރުންނަށް ދީނަށް ދަޢުވަތުދޭއިރު ޙުއްޖަތް ބަޔާންކޮށްދިނުމުގެ ގޮތުން މިސާލުތައް ދެއްކިދާނެކަން މި ސޫރަތުން އެނގިގެންދެއެވެ.
ޙައްޖު ސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތަކާއި ފައިދާތައް
- މުޅި ކައުނު މާތް ﷲ އަށް ސަޖިދަކުރެއެވެ. މި ސޫރަތުގައި އިރު ހަނދާއި ތަރިތަކާއި ޖަނަވާރުތައް މާތް ﷲ އަށް ސަޖިދަކުރާ ވާހަކަ ޚާއްޞަގޮތެއްގައި ފާހަގަކުރެވިފައިވަނީ އެތަކެއްޗަކީ މާތް ﷲ ފިޔަވައި އަޅުކަންކުރެވޭ ތަކެތިކަމުގައި ވާތީއެވެ.
- މި ސޫރަތުގެ 27 ވަނަ އާޔަތު ގެ މާނައަކީ:
“އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.”
މި އާޔަތުގައި އަނަރޫފަ ޖަމަލުމަތީގައި އަންނަ މީހުންގެ ކުރިން ފައިމަގުގައި އަންނަ މީހުންގެ ޒިކުރުކުރައްވަފައިވަނީ އެބައިމީހުންނަކީވެސް ދަށް ބައެއް ނޫންކަން އަންގައިދި ނުމަށެވެ. ޙައްޖުގެ ރޫޙަކީ މާތް ﷲއަށް ތަވާޟުޢުވެރިވުމެވެ. ޙައްޖަށް އަންނަ ގޮތުގެ މައްޗަށް، ނުވަތަ ގެންގުޅޭ ސަވާރީގެ މޮޅުދެރަކަމަށް ބެލުމެއްނެތި ޙައްޖުގައި އެންމެންވެސް ޝާމިލުވެގެންވެއެވެ.
- ﷲ ތަޢާލާގެ ނަޞްރު އެބަޔަކަށް ލިބުން އެންމެ އައުލާވެގެންވާ ބަޔަކީ ތެދުވެރި މުއުމިނުންނެވެ. އެ މުއުމިނުންގެ ސިފަތައް މި ސޫރަތުގެ 40 ވަނަ އާޔަތުގަޔާއި 41 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.
- މުޝްރިކުން ޢަޡީމުވަންތަ ﷲގެ މަތިވެރިކަމާމެދު ޖާހިލުވީ މިންވަރަކަށް އެއިލާހަށް އުރެދެއެވެ. އަދި އެމީހުންގެ ހިތްތަކުގައި އެއިލާހުގެ ޤަދަރާއި މަޤާމު ދަށްވި މިންވަރަކަށް އެއިލާހަށް ކާފަރުވެ އެއިލާހުގެ ޙައްޤުތަކަށް ދެކޮޅުހަދައެވެ. އަދި ނިކަމެތި ފަރާތްތަކުގެ ނިކަމެތިކަމާމެދު ޖާހިލުވީ މިންވަރަކަށް ނިކަމެތި ފަރާތްތަކަށް ކިޔަމަންތެރިވެއެވެ. އަދި ހިތްތަކުގައި ﷲ ތަޢާލާގެ ޤަދަރާއި މަޤާމު އުފުލުނު މިންވަރަކުން އެއިލާހަށް އަޅުކަންކޮށް މަތިވެރިކުރެވެއެވެ.
- މުޝްރިކުން ބުދަށް އަޅުކަންކޮށް، ކަށިތައް ދިރުއްވަވާ އިލާހަށް ކާފަރުވަނީ މި ސަބަބަށްޓަކައެވެ. މި މައްސަލަ ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
- ( يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾ مَا قَدَرُوا اللَّـهَ حَقَّ قَدْرِهِ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ ﴿٧٤﴾)
މާނައީ: ”އޭ މީސްތަކުންނޭވެ! (اللَّه) مثالއެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّهފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ . (73) ﷲ އަށް قدرކުރުން حقވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدرއެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (74)”
- މި ސޫރަތުގެ ބައެއް އާޔަތްތައް ބާވައިލެއްވުނީ މައްކާގައެވެ. އަނެއް ބައި އާޔަތްތައް ބާވައިލެއްވުނީ މަދީނާގައެވެ. މި ފަދަ އަނެއް ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާވައިލެއްވުނީ ރޭގަނޑުއެވެ. އަނެއް ބައި އާޔަތްތައް ބާވައިލެއްވުނީ ދުވާލުއެވެ. ހަމަ އެފަދަ އެހެން ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާވައިލެއްވުނީ ރަސޫލާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވަނިކޮށެވެ. އަނެއް ބައި އާޔަތްތައް ބާވައިލެއްވުނީ ރަސޫލާ صلى الله عليه وسلم ދަތުރުމަތީގައި ވަނިކޮށެވެ. ހަމައެހެންމެ، މި ސޫރަތުގައި ދެ ސަޖިދަވަޅުވެއެވެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްގެ ނަމުން ނަން ދެވިފައިވާ ހަމައެކަނި ސޫރަތަކީވެސް ޙައްޖު ސޫރަތެވެ.
- ޙައްޖުގެ ތެރޭގައި ގަދަ ހޫނުގައި، އެއް ކުލައިގެ ހެދުމެއްގައި އެންމެން އެއް ދިމާއަކަށް ހިނގާފައިދާ ދިޔުން އާޚިރަތްދުވަސް ހަނދުމަކޮށްދެއެވެ.
- ޢަރަފާތުދުވަހުގެ ހޭލަމޭލަކަން ގެނެސްދިން ވަރުބަލިކަމާ އެކީގައި މީސްތަކުން މުޒުދަލިފާއަށް ގޮސް އެތަނުގައި ނިދައެވެ. އެ ރޭގެ ފަތިސް ނަމާދަށް ބަންގިގޮވުމުން ހަމަ ނިދި ނުލިބި، އިންތިހާއަށް ވަރުބަލިވެފައިތިބި މީސްތަކުން ނިދިން ހޭލައެވެ. މި މަންޒަރު ހަނދާންކޮށްދެނީ ޤިޔާމަތްދުވަހުން މީސްތަކުން އަލުން ދިރުއްވޭނެގޮތެވެ.
- ޙައްޖުގެ މަޝާޢިރުތަކަށް ދިޔުމުގައި ޙައްޖުވެރިން ކަނޑައެޅިފައިވާ ވަޤުތުތަކަށް ސަމާލުކަންދިނުމާއި، ޖަމްރާތަކަށާއި މިނާއަށް އައިސް ގޮސް އުޅޭއުޅުމާއި މުޒުދަލިފާގައި ރޭ ކުރާކުރުމުން ޖިހާދުގެ މަތިން ހަނދާންކޮށްދެއެވެ. އެހެންކަމުން ޖިހާދުގެ އާޔަތްތައް މި ސޫރަތުގައި އައިސްފައއިވަނީ ޙައްޖުގެ އާޔަތްތައް އައުމަށްފަހުގައެވެ.
- މި ސޫރަތުގެ ފެށޭ ކޮޅުގަޔާއި ނިމޭކޮޅުގައިވަނީ މާތްﷲއަށް އަޅުކަންކުރުމުގެ ވާހަކައެވެ.
__________________________
މަޞްދަރު: أول مرة أتدبر القرآن