އިންސާނާގެ އުމުރަކީ ވަރަށް ކުރު މުއްދަތެކެވެ. ވަރަށް ގިނަ ބައިވަރު ކަންތައްތަކެއް ކުރަން ރާވާފައި ވަނިކޮށް އޭގެތެރެއިން ގިނަ ކަންތައްތަކެއް ހާޞިލުނުވެ އުޅެނިކޮށް މިދުނިޔެއާއި ވަކިވަން އޮންނަނީ ޖެހިފައެވެ. އެހެންކަމުން ތިމާއަށް ލިބޭ ހުސް ވަޤުތުގައި ފައިދާއެއްލިބެނިވި ކޮންމެވެސް ކަމެއް ކުރުމަށް އަވަސްވެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިބާގެ އުމުރާއި ބެހޭގޮތުން ޤިޔާމަތްދުވަހުގައި ސުވާލު ކުރެވޭނެއެވެ. ތިބާގެ އުމުރުން ﷲ ތަޢާލާއަށްޓަކައި ހޭދަކުރި ވަޤުތަކުން ނޫނީ ޤިޔާމަތްދުވަހުގައި ފައިދާއެއްނުކުރާނެއެވެ. ވަޤުތަކީ ފާއިތުވެއްޖެނަމަ އަނބުރާ ލިބޭނެއެއްޗެއްނޫނެވެ. އެހެންކަމުން ތިބާއަށްލިބޭ ހުސްވަޤުތަކީ ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރަނިވި ގޮތެއްގައި ހޭދަކުރެވޭ ވަޤުތަކަށް ހެދޭތޯ މަސައްކަތް ކުރަން ޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ الصِّحَّةُ وَالْفَرَاغ ” رواه البخاري މާނަ : ” މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޣާފިލުވެފައިވާ ދެނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ޞިއްހަތާއި ހުސްވަޤުތެވެ. “
އަޅުގަނޑުމެންގެ އުމުރު ކިތައްމެ ދިގުވެގެން ދިޔަކަމުގައިވިޔަސް ، ހެޔޮގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި އުމުރުގެ ދުވަސްތައް ހޭދަކުރެވިފައިނުވާނަމަ އާޚިރަތުގައި އޭގެން ކުރާނެފައިދާއެއް ނެތެވެ. އަދި ކިތައްމެ ކުޑަ ވަޤުތުކޮޅެއް ނަމަވެސް ، އެވަޤުތުކޮޅަކީ ﷲ ތަޢާލާއަށްޓަކައި ހޭދަކޮށްލެވުނު ވަޤުތުކޮޅަކަށް ހަދައިލެވުނު މީހާއަށް ވުރެ ބޮޑު ނަސީބުވެރިއެއް ކޮބައިތޯއެވެ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލުކުރެވުނެވެ. ” يا رسول الله أي الناس خير قال من طال عمره وحسن عمله قال فأي الناس شر قال من طال عمره وساء عمله ” رواه الترمزي މާނަ : (( އޭ ﷲ ގެ ރަސޫލާއެވެ! މީސްތަކުންގެ ތެރެއިން ހެޔޮ މީހަކީކޮބައިހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. “އެމީހެއްގެ އުމުރު ދިގުވެފައި ޢަމަލު ހެޔޮވި މީހާއެވެ.” ސުވާލުކުރެވުނެވެ. މީސްތަކުންގެ ތެރެއިން ނުބައި މީހަކީކޮބައި ހެއްޔެވެ. ޙަދީޘް ކުރެއްވިއެވެ. ” އެމީހެއްގެ ޢުމުރު ދިގުވެފައި އެމީހެއްގެ ޢަމަލު ގޯސްވި މީހާއެވެ. ” ))
ޢަމްރު ބުން ޘާބިތު ބުން ވަޤަޝް ރަޞިޔަﷲ ޢަންހު އުޙުދުގެ ދުވަހު ހަނގުރާމައިގެ ވަޤުތުގައި އިސްލާމް ވުމަށްފަހު ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެގެން ދިޔައީ ﷲ އަށްޓަކައި އެއްމެ ސަޖިދައެއްވެސް ޖެހުމަކާއިނުލައެވެ. މި ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް ލިބި ވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. ” عَمِلَ قَلِيلاً وَأُجِرَ كَثِيرًا ” رواه البخاري މާނަ : ” ކުރެވުނު ޢަމަލުމަދެވެ. އަދި ގިނަވެގެންވާ އަޖުރު ޙާޞިލުކޮށްފިއެވެ. “
އެހެން ކަމުން އުމުރު ކިތައްމެ ދިގުވެގެން ދިޔަސް އެ އުމުރުގައި ބަރަކާތެއްވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެނިވި މަގުގައި އުމުރުގެ ދުވަސްތައް ހޭދަކުރެވުނު މީހަކަށެވެ. މާތް ޞަޙާބީ ޢަމްރު ބުން ޘާބިތު ބުން ވަޤަޝް ރަޞިޔަﷲ ޢަންހު އަށްވެސް އިސްލާމް ވުމަށްފަހުގައި ދުނިޔޭގައި ހޭދަކުރުމަށް ލިބުނީ މަދު ހިނދުކޮޅެކެވެ. ނަމަވެސް އެކަލޭގެފާނަށްވެސް ގިނަވެގެންވާ އަޖުރު ލިބިގެން ދިޔައީ އެ ކުޑަ ހިނދު ކޮޅުވެސް ﷲ ތަޢާލާއަށްޓަކައި ހޭދަކުރުމުގެ ސަބަބުންނެވެ.