[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (11): ދަރަންޏަށް ދީފައިވާ މުދަލުން ޒަކާތްދިނުން

ދަރަންޏަށް ދީފައިވާ މުދަލުން ޒަކާތްދިނުން

 

ފުރަތަމަ މަސްއަލަ؛ ލިބޭނެކަމަށް އުއްމީދުނުކުރެވޭ ދަރަނިން ޒަކާތް ދެއްކުން

ދަރަންޏަށް ދީފައިވާ މުދަލުގެ ތެރެއިން ލިބޭނެކަމަށް އުއްމީދުނުކުރެވޭ މުދަލުން ޒަކާތްނެރުން ވާޖިބެއް ނުވާނެއެވެ.([1]) އެފަދަ މުދަލެއް ފަހުން ލިބިއްޖެކަމުގައިވާނަމަ، އެ މުދަލުން ޒަކާތްނެރޭނެ ގޮތަކާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތުވެފައިވެއެވެ. މިގޮތުން އެންމެ ބާރުގަދައީ ދެ ބަސްފުޅެކެވެ.

ފުރަތަމަ ބަސްފުޅު: ދަރަންޏަށް ދޫކޮށްފައިވާ މުދާ އަނބުރާ ލިބިއްޖެނަމަ، އެ ލިބުނު ދުވަހަކުން ފަށައިގެން ޙައުލު (އެބަހީ؛ އަހަރު) ގުނަން ފަށާނީއެވެ. މިއީ އަބޫ ޙަނީފާގެ މަޛްހަބެވެ.([2]) އަދި އަޙްމަދުގެ ކިބައިން އައިސްފައިވާ އެއް ރިވާޔަތެވެ.([3]) އަދި މިގޮތަށް ސަލަފުންގެ ތެރެއިން ބޭކަލުންތަކެއް ވިދާޅުވެފައިވެއެވެ.([4]) އަދި މިއީ އިބްނު ޙަޒްމްއާއި،([5]) އިބްނު ތައިމިއްޔާއާއި،([6]) އިބްނު ބާޒު([7]) އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި ޖިއްދާގައިވާ މަޖްމަޢުލްފިޤްހީން މިގޮތަށް ޤަރާރު ނެރުއްވާފައިވެއެވެ.([8])

 

ދަލީލުތައް؛

ފުރަތަމައީ؛ ޤުރުއާނުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَج)) (الحج: 78)  މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.”

ދަލީލުނެގޭ ގޮތް:

ލިބޭނެކަމާމެދު މާޔޫސްވެފައިވާ މުދަލުން ޒަކާތް ނެރެންޖެހުމަކީ އެކަމުގެ ސަބަބުން އުނދަގޫވެގެންވާ ދަތިކަން އެކުލެވިގެންވާ ކަމެކެވެ. އެހެންކަމުން، މާތް ﷲ ވަނީ އެފަދަ މުދަލުން ޒަކާތް ނެރުން ވާޖިބުނުކުރައްވާ ދޫކޮށްލައްވާފައެވެ.([9])

 

ދެވަނައީ؛ އަޘަރުތަކުން

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ((لَيْسَ فِي الدَّيْنِ زكَاةٌ))([10]) މާނައީ: “ދަރަނިން ޒަކާތް (ނެރުމެއް) ނުވެއެވެ.”

ތިންވަނައީ؛ މުދަލުގެ ވެރިޔާ ރުހޭކަމުގައިވާނަމަ، އޭނާއަށް ޒަކާތް ނެރުން ވާޖިބުވެގެންވާ (އެންމެހާ) މުދަލަކުން ޒަކާތް ނެރެވިދާނެކަމާމެދުގައި އުއްމަތުގައި އެއްވެސް ޚިލާފެއްނެތެވެ. އަދި މުދަލުގެވެރިޔާ ފިޔަވައި އެހެންމީހަކު އެ ޒަކާތްނެރުމުގެ ތަކްލީފު ޖެހިގެންނުވެއެވެ. އެހެންކަމުން، އޭނާގެ މުދަލުގެ ތެރެއިން ބައެއް މުދަލުން ޒަކާތް އަދާކުރުމަށް ކުޅަދާނަ ނުވާ މުދަލަކުން ޒަކާތްނެރުން ވާޖިބުވެގެންނުވެއެވެ.([11])

ހަތަރުވަނައީ؛ ދަރަންޏަށް ދޫކޮށްފައިވާ މުދަލަކީ އިތުރުވާ މުދަލެއް ނޫނެވެ. އެހެންކަމުން، އެފަދަ މުދަލަކުން ޒަކާތްނެރުން ވާޖިބެއް ނުވާނެއެވެ. މިފަދަ މުދަލުގެ މިސާލަކީ؛ ނުވިއްކާ ރައްކާކޮށްފައި ހުންނަ މުދަލުގެ މިސާލެވެ.

ފަސްވަނައީ؛ ދަރަންޏަށް ދޫކޮށްފައިވާ މުދަލަކީ މަންފާ ޙާޞިލުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މުދަލެއް ނޫނެވެ. އެއީ މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅަކު ދިނުމަށް ކަނޑައަޅާފައިވާ މުދަލާ އެއްފަދަ މުދަލެކެވެ.([12])

ދެވަނަ ބަސްފުޅު: ދަރަންޏަށް ދީފައިވާ މުދާ ލިބުމުން އެއް އަހަރުގެ ޒަކާތް ދޭނީއެވެ. މިއީ މާލިކީ މަޛްހަބުގެ ބަހެވެ.([13]) އަދި ބައެއް ސަލަފުންގެ ބަސްފުޅުވެސްމެއެވެ.([14]) އަދި އިބްނު ޢުޘައިމީން އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.([15]) އެއީ އަންނަނިވި ސަބަބުތަކާހުރެއެވެ.

ފުރަތަމައީ؛ ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި؛ ޒަކާތް އަދާކުރުމުގެ ކުޅަދާނަކަންހުރުން ވެއެވެ. ފަހެ، ޒަކާތް އަދާކުރުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ޒަކާތް އަދާކުރަންޖެހޭނެއެވެ.([16])

ދެވަނައީ؛ ދަރަނި ދީފައިވާ ކޮންމެ އަހަރަކަށް ޒަކާތްދިނުން ވާޖިބުކަމުގައިވާނަމަ، އެ މުދަލުގެ އިތުރުވުން އެވަނީ މުދަލުގެވެރިޔާގެ ބަދަލުގައި އެހެން މީހަކަށެވެ. މި ޙާލަތުގައި ޒަކާތް ވެގެންދާނީ، އެ މުދަލެއް އަބަދުވެސް އުނިކޮށް ހުސްކުރާ ކަމެއްގެ ގޮތުގައެވެ. މި ސަބަބާހުރެ، އިތުރުކުރުމަކާނުލައި، ރައްކާކޮށްފައި ހުންނަ މުދަލުން ޒަކާތް ދޭން ނުޖެހެނީއެވެ. އެހެނީ، އެފަދަ މުދަލުން ޒަކާތް ވާޖިބުކުރާކަމުގައިވާނަމަ، ޒަކާތް ވެގެންދާނީ އެ މުދަލެއް އަބަދުވެސް އުނިކޮށް ހުސްކުރާ ކަމެއްގެ ގޮތުގައެވެ. ޒަކާތަކީ މުދަލުގެ ތެރެއިން އިތުރުވާފަދަ ގޮތަށް ހުންނަ މުދަލުން، ގާތްކަމާއެކު މުދަލުގައި ބައިވެރިވުމުގެ ގޮތުން ވާޖިބުވެފައިވާ ކަމެކެވެ. އެހެންކަމުން، ގިނަ ޙާލަތްތަކުގައި މުދާ ހުސްކޮށްލާ ކަމެއްގެ ގޮތުގައި ޒަކާތްނުވާނެއެވެ.([17])

ތިންވަނައީ؛ އިތުރުނުވާ މުދަލެއް ވިހި އަހަރު ހުރިކަމުގައިވީނަމަވެސް، އެފަދަ މުދަލަކުން ޒަކާތް ދައްކަންޖެހޭނީ އެންމެ ފަހަރަކުއެވެ. އެހެނީ، ބަލަންޖެހޭނީ ޙައުލު (އަހަރު) ގެ ދެ ކޮޅު (އެބަހީ؛ ޙައުލު ގުނަންފަށާ ކޮޅާއި ނިމޭކޮޅު) ގައި މުދަލުގެ މިލްކުވެރިޔާއަށް މުދާ ލިބުމުގެ މައްޗަށެވެ. ދަރަންޏަށް ދޫކޮށްފައިވާ މުދާ އަނބުރާ ލިބުމުން، ޙައުލުގެ ދެ ކޮޅުގައި އެވަނީ މުދަލުގެވެރިޔާގެ އަތުގައެވެ. އެހެންކަމުން، މި ޙާލަތުގައި ވެގެންދާނީ އެއް ޙައުލު ހަމަވީ ކަމަށެވެ. (އެބަހީ؛ އެއް އަހަރަށް ޒަކާތް ދައްކާނީއެވެ.)([18])

 

ދެވަނަ މަސްއަލަ؛ ޒަކާތް ދެއްކުމުގެ ތަނަވަސްކަން ލިބިފައިވާ މީހުން ނަގާފައިވާ ދަރަނިން ޒަކާތް ދެއްކުން

ދަރަނި ނަގާފައިވަނީ ޒަކާތް ދެއްކުމުގެ ތަނަވަސްކަން ލިބިފައިވާ މީހެއްކަމުގައިވާނަމަ، ކޮންމެ އަހަރަކު އެ ދަރަނިން ދަރަނިވެރިޔާ ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. މިއީ ޙަނަފީ،([19]) ޝާފިޢީ،([20]) ޙަންބަލީ މަޛްހަބުގެ ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބެވެ.([21])

 

ދަލީލުތައް؛

ފުރަތަމައީ؛ އަޘަރުތަކުން

ޢަބްދުއްރަޙްމާން ބުން ޢަބްދުލްޤާދިރު ވިދާޅުވިއެވެ. “ޢުމަރު ބުނުލް ޚައްޠާބުގެ ޒަމާނުގައި ބައިތުލްމާލު ބެލެހެއްޓުމުގައި ތިމަން އުޅުނީމެވެ. އޭރުގައި، ޒަކާތަށް މުދާ ނެރުމަށް މުދާ ގެނެވުމުން، ވިޔަފާރިވެރިންގެ މުދާތައް ޖަމާކުރުމަށްފަހު، (އެ މުދާތަކުގައިވާ) އެތަނަށް ޙާޟިރުވެހުރިމީހާއާއި ޙާޟިރުވެނެތްމީހާގެ މުދާ ޙިސާބުކުރެތެވެ. ދެން އޭގެފަހުގައި، ޙާޟިރުވެހުރިމީހާގެ މުދަލުން، ޙާޟިރުވެހުރިމީހާއާއި ޙާޟިރުވެނެތްމީހާގެ ފަރާތުން ޒަކާތް ނެގެއެވެ.”([22]) (އެބަހީ: މީގެ ތެރޭގައި ވިޔަފާރިވެރިންނަށް ދަރަންޏަށް ދީފައިވާ މުދާތައްވެސް ހިމެނޭނެއެވެ. އެހެންކަމުން ދަރަންޏަށް މުދާ ދިން ފަރާތްތަކަކީ އެތަނުގައި ޙާޟިރުވެ ހުންނާނެ މީހުންނެއް ނޫނެވެ.)

ދެވަނައީ؛ ފޯރުންތެރިކަން ހުރި މީހަކަށް ދޭ ދަރަންޏަކީ؛ އެމީހަކަށް މިލްކުވެފައިވާ މުދަލެކެވެ. އަދި އޭނައަށް އެ މުދަލުން މަންފާ ޙާޞިލުކުރެވޭނެއެވެ. އަދި އެ މުދާ ބޭނުންކުރުމަށް އެވަނީ ލިބިފައެވެ. ފަހެ، މި ޙާލަތުގައި އެ މުދަލެއް ވާނީ އޭނާގެ އަތުގައި ހުރި މުދަލަކަށެވެ. އެހެންކަމުން، އޭނާގެ އެހެން މުދާތަކެކޭ އެއްފަދައިން ދަރަންޏަށް ލިބިފައިވާ މުދަލުންވެސް ޒަކާތް ލާޒިމުވާނެއެވެ.([23])

 

ތިންވަނަ މަސްއަލަ؛ ދަރަންޏަށް ދީފައިވާ މުދާ ލިބެންދެން ޒަކާތް ނެރުން ފަސްކުރުން

ދަރަންޏަށް މީހަކަށް ދީފައިވާ މުދާ ލިބެންދެން ޒަކާތް ނެރުން ފަސްކުރުމަކީ ހުއްދަކަމެކެވެ. މިއީ ޙަނަފީ،([24]) ޙަންބަލީ([25]) މަޛްހަބުގެ ބަހެވެ. އަދި އިބްނު ބާޒާއި،([26]) އިބްނު ޢުޘައިމީން([27]) އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި މި ޒަމާނުގައި ޒަކާތްދެއްކުމުގެ ކަންކަމާގުޅޭގޮތުން ބޭއްވިފައިވާ ނަދުވާތަކުގައި މި ގޮތަށް ނިންމަވާފައިވެއެވެ.([28]) އެއީ އަންނަނިވި ސަބަބުތަކާހުރެއެވެ.

ފުރަތަމައީ؛ އެފަދަ ދަރަންޏަކީ މީހެއްގެ ބެލުމުގެ ދަށުގައި ސާބިތުވެހުރި ދަރަންޏެކެވެ. އެހެންކަމުން، އަނބުރާ ދަރަނި ދެއްކުމުގެ ތަނަވަސްކަން ނެތްމީހަކަށް ދީފައިވާ ދަރަނި ފަދައިން، (ކޮންމެ) ދަރަންޏަކީވެސް އަނބުރާ އަތަށް ލިބުމުގެ ކުރިން ޒަކާތް ނެރުން ވާޖިބުވާނެ ދަރަންޏެއް ނޫނެވެ.([29])

ދެވަނައީ؛ ޒަކާތަކީ ގާތްކަމާއެކު މުދަލުގައި ބައިވެރިވުމުގެ ގޮތުން ވާޖިބުކުރައްވާފައިވާ އަޅުކަމެކެވެ. އެހެންކަމުން، މަންފާ ނުކުރަނިވި މުދަލުން ޒަކާތް ނެރުމަކީ ގާތްކަމާއެކު މުދަލުގައި ބައިވެރިވެވޭނެކަމެއް ނޫނެވެ.([30])

ތިންވަނައީ؛ ދަރަޏަށް ދޫކޮށްފައިވާ މީހާގެ މުދާ ގެއްލިގެން ހިނގައިދާނެއެވެ. ނުވަތަ އޭނާއަށް އެ ދަރަނި އަދާކުރަން އުނދަގޫވުމުގެ ސަބަބުން، ނުވަތަ ހަނދާންނެތުމުގެ ސަބަބުން ދަރަނި އަދާނުކޮށް، ނުވަތަ ޤަޞްތުގައި ދަރަނި އަދާނުކޮށް ހުރެދާނެއެވެ. އެހެންކަމުން، މިކަންކަން މިގޮތަށް ވެދާނެކަމުގެ އިޙްތިމާލު އޮންނާތީވެ، ދަރަންޏަށް ދޫކުރި ފައިސާ އަނބުރާ އަތަށް ލިބެންދެން ޒަކާތް ނެރުމުގެ ލުއިކަން ލިބިގެންވަނީއެވެ.([31])

(ނުނިމޭ)

_________________________________

([1]) އެފަދަ ދަރަންޏަކީ ދަރަނި ދެއްކުން އުނދަގޫ މީހަކަށާއި، ދަރަނި ދައްކާނެކަމަށް ބުނެ ދިގުދައްމާ މީހާއަށާއި، ދަރަނި ދެއްކުމަށް ދެކޮޅުހަދާމީހަކަށް ދީފައިވާ ދަރަންޏެވެ. ينظر: ((الأموال)) للقاسم بن سلام (ص: 531)، ((المحلى)) لابن حزم (4/208)، ((المنتقى شرح الموطأ)) للباجي (2/114)، ((الفتاوى الكبرى)) لابن تيمية (5/369)، ((منح الجليل)) لعليش (2/ 61). ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަނބުރާ ލިބޭނެކަމަށް އުއްމީދުނުކުރެވޭ ދަރަންޏަކީ؛ ދަރަނިވެރިޔާގެ މައްޗަށް ދަރަނި ސާބިތުކުރެވޭފަދަ ހެއްކެއް ނުދެއްކޭ، ދަރަނި ދެއްކުމަށް ދެކޮޅުހަދާމީހާއަށް ދީފައިވާ ދަރަންޏެވެ. ينظر: ((البحر الرائق)) لابن نجيم (2/223).

([2]) ((البحر الرائق)) لابن نجيم (2/223)، وينظر: ((درر الحكام)) للملا خسرو (1/173)، ((فتح القدير)) للكمال ابن الهمام (2/167).

([3]) ((المغني)) لابن قدامة (3/71)، ((الفروع وتصحيح الفروع)) لابن مفلح (3/447).

([4]) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ދެބަސްފުޅުން ކުރެ އެއް ބަސްފުޅަކީ: ޒަކާތް ވާޖިބެއް ނުވާނެއެވެ. މިއީ ޤަތާދާ، އިސްޙާޤު، އަބޫ ޘައުރު، އަދި ޢިރާޤުގެ އަހްލުވެރިންގެ ބަސްފުޅެވެ. އެހެނީ، އެ މުދަލަކީ މަންފާ ޙާޞިލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މުދަލެއް ނޫނެވެ. އެއީ މިނިވަންވުމަށް އެއްބަސްވެވިފައިވާ އަޅަކު ދިނުމަށް ކަނޑައެޅިފައިވާ މުދަލާ އެއްފަދަ މުދަލެކެވެ.” ((المغني)) (3/71). އަދިވެސް ވިދާޅުވެފައިވެއެވެ. “ޢިކްރިމާ ވިދާޅުވެފައިވެއެވެ. ދަރަންޏަށް ދީފައިވާ މުދަލުން ޒަކާތެއްނުވެއެވެ. މިގޮތަށް ޢާއިޝަތުގެފާނާއި އިބްނު ޢުމަރު رَضِيَ اللهُ عنهم ކިބައިން ރިވާވެފައިވެއެވެ.” ((المغني)) (3/71).

([5]) ((المحلى)) (4/208) رقم (690).

([6]) އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “ފަހުން އަދާކުރުމަށް މީހަކަށްދީފައިވާ ދަރަނިން، ނުވަތަ ދަތިއުނދަގުލުން ދަރަނި ދެއްކޭފަދަ މީހަކަށް، ނުވަތަ ފަހުން ދޭނަމޭ ބުނެ ދަރަނި އަދާކުރުން ފަސްކުރާމީހަކަށް، ނުވަތަ ދަރަނިއަދާކުރަން ދެކޮޅުހަދާމީހަކަށް ދީފައިވާ ދަރަނިން ޒަކާތްދިނުން ވާޖިބެއް ނުވާނެއެވެ. އަދި ފޭރިގެންނާއި ވައްކަންކޮށްގެން ގެންދިޔަ މުދަލަކަށާއި، ގެއްލިފައިވާ މުދަލަކަށާއި، ވަޅުލުމަށްފަހު ވީނުވީތަނެއް ނޭނގުނު މުދަލަކަށާއި، މުދާވީ ކާކުގެ އަތުގައިކަން ނޭނގޭ މުދަލަކަށް ޒަކާތްދިނުން ވާޖިބުވެގެންނުވެއެވެ. އަދި އަތަށް އަނބުރާލިބުނު ނަމަވެސް ޒަކާތްދޭކަށް ނުޖެހޭނެއެވެ. މިއީ އަޙްމަދުގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައި ވާގޮތެވެ. އަދި ބައެއް ޞަޙާބީ ބޭކަލުން މިގޮތް އިޚްތިޔާރުކުރައްވައި ޞައްޙަ ކުރައްވާފައިވެއެވެ. އަދި މިއީ އަބޫ ޙަނީފާގެ ބަސްފުޅުވެސްމެއެވެ.” ((الفتاوى الكبرى)) (5/369).

([7]) އިބްނު ބާޒު ވިދާޅުވެފައިވެއެވެ. “އެހެނީ، މިފަދަ މުދަލަކީ ލިބޭނެކަމަށް އިތުބާރު އޮތް މުދަލެއް ނޫނެވެ. މިއީ؛ ދަރަނި އަނބުރާ ދެއްކުމުގެ ފޯރުންތެރިކަން ނެތް މީހަކަށް ދީފައިވާ ދަރަނިފަދަ ދަރަންޏެކެވެ. ޞައްޙަ ގޮތަކީ؛ މުދަލުގެ ވެރި ފަރާތަށް މުދާ ލިބިއްޖެއުމަށް ދާންދެން ޒަކާތް ވާޖިބުނުވުމެވެ. (މުދާ ލިބުމުން) އާ ޙައުލަކަށް ކުރިމަތި ލާނީއެވެ.” ((مجموع فتاوى ابن باز)) (14/40).

([8]) مجمَعِ الفقه الإسلامي التابع لمنظمة المؤتمر الإسلامي ގެ ޤަރާރުތަކާއި، ތައުޞިއްޔާތުތަކުގައި އައިސްފައިވެއެވެ. “އެއީ އެ ދަރަނިވެރިޔާއަކީ އަނބުރާ ދެއްކުމުގެ ފޯރުންތެރިކަންނެތް މީހެއްކަމުގައިވުމުގެ ސަބަބުން، ނުވަތަ ދަރަނި ދޭނެކަމަށް ބުނެ ފަސްކުރުމުގެ ސަބަބުން، ދަރަނި ދިން މީހާގެ މައްޗަށް ޒަކާތް ވާޖިބުވާނީ އެ ދަރަންޏަށް ދިން މުދާ ލިބުމަށްފަހުގައި ޙައުލު ހަމަވުމުންނެވެ.” ((مجلة المجمع الفقهي- العدد الثاني)).

([9]) ((المحلى)) (4/208) رقم (690).

([10]) رواه عبدالرزاق في ((المصنف)) (4/100)، وابن أبي شيبة في ((المصنف)) (3/163) من حديث عائشة رَضِيَ اللهُ عنها موقوفًا. وحسَّنه الألباني في ((إرواء الغليل)) (784).

([11]) ((المحلى)) لابن حزم (4/208) رقم (690).

([12]) ((المغني)) لابن قدامة (3/71).

([13]) ((منح الجليل)) لعليش (2/ 61)، ويُنظر: ((المنتقى شرح الموطأ)) للباجي (2/114)، ((حاشية الصاوي)) لأحمد بن محمد الخلوتي (1/632).

([14]) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “(ދަރަންޏަށް މުދާ ދީފައިވާ މީހަކު) އޭނާއަށް އެ މުދާ ލިބުމުން އެއް އަހަރަށް ޒަކާތް ދައްކާނީއެވެ. މިގޮތަށް ޢުމަރު ބުން ޢަބްދުލްޢަޒީޒު، އަލްޙަސަން، އައްލައިޘް، އަލްއަޢުޒާޢީ އަދި މާލިކުގެ ކިބައިން އައިސްފައިވެއެވެ.” ((المغني)) (3/71).

([15]) އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ދަރަނި ދޫކުރެވިފައިވަނީ ދޭނެކަމަށް ބުނެ ފަސްކުރާމީހަކަށް، ނުވަތަ އަނބުރާ ދެއްކުމުގެ ފޯރުންތެރިކަން ނެތް މީހަކަށްކަމުގައިވާނަމަ، (އެ ދަރަނި ދިން މީހާ އެ ދަރަނިން) ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. އެއީ ދިހަ އަހަރުވީނަމަވެސްމެއެވެ. އެހެނީ، ދަރަނި ދިންމީހާ ވާނީ އެ މުދާ ލިބުމުގެ ކުޅަދާނަކަން ނެތް މީހަކަށެވެ. އެހެންނަމަވެސް، ލިބިއްޖެނަމަ، އެ ލިބުނު އަހަރަށް އެއް ފަހަރު ޒަކާތް ދައްކާނީއެވެ. މާޒީވެ ދިޔަ އަހަރުތަކަށް ޒަކާތް ނެރުން ލާޒިމެއް ނުވާނެއެވެ. މިގޮތަށް އައްޝައިޚުލް ޢަންޤަރީ، ޝައިޚުލް އިސްލާމް މުޙައްމަދު ބުން ޢަބްދުލް ވައްހާބާއި އެ ބޭފުޅާގެ ކާފަދަރިންނާމެދު ލިޔުއްވާފައިވާ ޙާޝިޔާގައި ގެންނަވާފައިވެއެވެ. އަދި މިއީ އިމާމް މާލިކު رحمه الله ގެ މަޛްހަބެވެ. އަދި ރާޖިޙުގޮތަކީ މިއީއެވެ.” ((الشرح الممتع)) (6/27، 28).

([16]) ((الشرح الممتع)) لابن عُثيمين (6/28).

([17]) ((المنتقى شرح الموطأ)) للباجي (2/114).

([18]) ((المنتقى شرح الموطأ)) للباجي (2/114).

([19]) ޙަނަފީ ޢިލްމުވެރިންގެ އަރިހުގައި މި މަސްއަލައާމެދު ވަރަށް ދިގުކޮށް ތަފްޞީލުކުރައްވާފައިވެއެވެ. އަދި ދަރަނި ތިން ބަޔަކަށް ބައްސަވައި، އެއިގެ ކޮންމެ ބަޔަކަށް މުސްތަޤިއްލު ޙުކުމެއް ގެންނަވާފައިވެއެވެ. ((البحر الرائق)) لابن نجيم (2/ 223)، ويُنظر: ((درر الحكام)) للملا خسرو (1/173)، ((فتح القدير)) للكمال ابن الهمام (2/167).

([20]) ((تحفة المحتاج)) لابن حجر الهيتمي (3/335)، ((نهاية المحتاج)) للرملي (3/131).

([21]) ((الفروع)) لابن مفلح (3/450)، ويُنظر: ((المغني)) لابن قدامة (3/70، 71).

([22]) رواه القاسم بن سلام في ((الأموال)) (887)، وابن زنجويه في ((الأموال)) (1686) صححه ابن حزم في ((المحلى)) (5/234)

([23]) ((الأموال)) للقاسم بن سلام (ص: 531)، ((درر الحكام)) للملا خسرو (1/173).

([24]) ((حاشية ابن عابدين)) (2/ 305)، ((درر الحكام)) للملا خسرو (1/173)، ((فتح القدير)) للكمال ابن الهمام (2/167).

([25]) ((الفروع وتصحيح الفروع)) لابن مفلح (3/450)، ويُنظر: ((المغني)) لابن قدامة (3/70، 71).

([26]) އިބްނު ބާޒު ވިދާޅުވެފައިވެއެވެ. “ޒަކާތް ދެއްކުމުގެ ފޯރުންތެރިކަން ހުރެއްޖެނަމަ، (ދަރަންޏަށް ދިން މުދަލުން) ޙައުލު ހަމަވާ ކޮންމެ ފަހަރަކު ތިބާގެ މައްޗަށް ޒަކާތް ދެއްކުންވެއެވެ. އެ ދަރަނި އަތަށް ލިބެންދެން ޒަކާތް ނެރުން ފަސްކުރުމަކީ މަނާކަމެއް ނޫނެވެ. ދެން، މުދާ އަތަށް ލިބުމުން ކުރިން ދިޔަ އަހަރުތަކަށް ޒަކާތް ދައްކާނީއެވެ. އެހެންނަމަވެސް، (މިގޮތަށް އެއްކޮށް ދައްކަން ފަސްކުރުމަށްވުރެ) ކޮންމެ އަހަރަކު ޒަކާތް ދައްކަމުން އައުމަކީ އެންމެ ރައްކާތެރި ގޮތެވެ. އެއީ މަރުވުމާއި، ހަނދާންނެތުންފަދަ ކަމެއްގެ ސަބަބުން ޒަކާތް ނުދެއްކިހުރުމުން ރައްކާތެރިވުމަށެވެ.” ((مجموع فتاوى ابن باز)) (14/43).

([27]) އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ޞައްޙަ ގޮތަކީ؛ އޭނާއަކީ ޒަކާތް ދެއްކުމުގެ ފޯރުންތެރިކަން ހުރިމީހެއްނަމަ، އޭނާގެ މައްޗަށް ކޮންމެ އަހަރަކު ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. އެހެނީ، އެއީ ޙުކުމީގޮތުން އޭނާގެ އަތުގައި ހުރި މުދަލެކެވެ. އެހެންނަމަވެސް، ޒަކާތް ދައްކާނީ ދަރަނި އަނބުރާ ލިބުމުންނެވެ. އެހިނދު، އޭނާގެ އެހެން މުދާތަކާއެކު ޒަކާތް ދެއްކުމަށްޓަކައި ފަސްކުރެވިދާނެއެވެ. މިއީ ލުއިކަން ލިބިގެންވާ ގޮތެކެވެ. ދެވަނަ ގޮތަކީ މަތިވެރި ގޮތެވެ. އެއީ؛ ޒިންމާ ބަރީއަކުރުމަށްޓަކައި އަވަހަށް ޒަކާތްނެރުމެވެ.” ((الشرح الممتع)) (6/27).

([28]) ((المغني)) لابن قدامة (3/71).

([29]) ((المغني)) لابن قدامة (3/71).

([30]) ((المغني)) لابن قدامة (3/71).

([31]) ((الشرح الممتع)) لابن عُثيمين (6/26).

__________________________________

ޒަކާތާބެހޭ ފިޤްހުގެ ކުރީގެ ލިޔުންތައް