-
މަދްޔަނުގައި
މޫސާގެފާނު މަދްޔަނަށް ވަދެވަޑައިގަތެވެ. މޫސާގެފާނަށް އެރަށުގެ މީހުންނެއް ނޭނގެއެވެ. އަދި އެ ރަށުގެ މީހުންނަށްވެސް އެކަލޭގެފާނަކީ ކޮންބޭކަލެއް ކަމެއް ނޭނގެއެވެ. އެފަދަ ރަށެއްގައި އެކަލޭގެފާނު ރޭގަނޑު މަޑުކުރާނީ ކޮންތަނަކު ހެއްޔެވެ؟ އެކަލޭގެފާނަށް ހިޔާވަހިކަމެއް ދޭނީ ކާކު ހެއްޔެވެ؟ މޫސާގެފާނު އެކަމަކު އެކަލޭގެފާނު ޔަޤީންކުރެއްވީ ﷲ ތަޢާލާ އެކަލޭގެފާނު ގެއްލެނި ނުކުރައްވާނެކަމެވެ.
އެކަލޭގެފާނަށް ފެނިވަޑައިގަތީ، މަދްޔަނުގެ ބަކަރިހުއިހައްޕާ މީހުންތައް އެމީހުން ގެންގުޅޭ ބަކަރިތަކަށް ފެންދޭން ވަޅަކުން ފެންނަގާ ތަނެވެ. އަދި އެ މީހުންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން އެމީހުންގެ ޖަނަވާރުތައް ދުރަށް ޖައްސާތީ މޫސާގެފާނަށް ފެނިވަޑައިގަތެވެ. އެމީހުން މަޑުކުރަމުން ދަނީ ޖަނަވާރުތައް ހުއިހައްޕާ މީހުންތައް، އެ މީހުންގެ ޖަނަވާރުތަކަށް ފެންދީ ދުރަށް ދިއުމުން ވަޅު ކައިރިއަށް ދިޔުށެވެ.
އެ މަންޒަރު މޫސާގެފާނަށް ފެނިވަޑައިގަތުމުން ހިތްޕުޅުގައި އެ ދެއަންހެނުންނަށް އޯގާތެރިކަން އުފެދުނެވެ. އެކަލޭގެފާނު އެ ދެ އަންހެނުންނާ ސުވާލު ކުރެއްވިއެވެ.
ތިޔަ ދެމީހުން ތިޔަހެން ތިޔަ ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެއެވެ. އަދި ދެންނެވިއެވެ.
(وَأَبُونَا شَيْخٌ كَبِيرٌ)[1]
މާނަ: އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭ ވަރަށްވުރެ) ޢުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ.
އެހިނދު އެކަލޭގެފާނުގެ އެ ދެ ކަނބަލުންނާމެދު އޯގާތެރިވެވަޑައިގަތެވެ. ދެން އެއަށް ފަހު އެ ދެ ކަނބަލުންގެ ޖަނަވާރުތަކަށް ވަޅުން ފެން ނެންގެވުމަށްފަހު ދެއްވިއެވެ. ދެން އެ ދެކަނބަލުން އެކަލޭގެފާނު ފަސްދެއްވައި ވަޑައިގަތެވެ.
(ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ)[2]
މާނަ: ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ރައްބެވެ! އިބައިލާހު މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 23 القصص
[2] 24 القصص