[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުނޫތުއްނާޒިލާ 2

* ބޮޑު މުޞީބާތެއް ކުރިމަތިވުމުން ޤުނޫތު ކިޔުމުގެ ޙުކުމް

 

ޤުނޫތުއްނާޒިލާ ކިޔުން ޝަރުޢުކުރައްވާފައިވާކަން އިސްވެދިޔަ ޙަދީޘްތަކުން ޘާބިތުވެއެވެ. ނަމަވެސް ޤުނޫތުއްނާޒިލާއަކީ ވާޖިބެއް ނޫންކަމަށް ޢިލްމުވެރިންވަނީ އިއްތިފާޤުވެލައްވާފައެވެ.

ޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله ވިދާޅުވިއެވެ.

“މިޤުނޫތު (އެބަހީ: ޤުނޫތުއްނާޒިލާ) ކިޔުމަކީ ވާޖިބެއް ނޫންކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވާފައިވެއެވެ. ނަމަވެސް އެންމެ މޮޅު އިތުރު ގޮތަކީ އިމާމު ޤުނޫތު ކިޔުމެވެ.” [1]

މުސްލިމުންނަށް ބޮޑު މުޞީބާތެއް ކުރިމަތިވުމުން ޤުނޫތުއްނާޒިލާ ކިޔުމަކީ މުސްތަޙައްބު ކަމެކެވެ. އެއީ ޞައްޙަ ޙަދީޘްތަކުން ޘާބިތުވާ ގޮތެވެ. [2]

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ބޮޑު މުޞީބަތެއް ޖެހުމުން ޤުނޫތު ކިޔުން ސުންނަތް ވެގެންވެއެވެ. ފިޤުހުވެރިން ކުރެ ހަދީޘްގެ އަހުލުވެރިންގެ ބަސްފުޅަކީ މިއެވެ. އަދި ޚުލަފާއުއްރާޝިދީންގެ އަރިހުން އައިސްފައިވާ ގޮތަކީވެސް މިއެވެ.” [3]


 

* ޤުނޫތުގެ ދުޢާގެ ޙިކުމަތް

 

ޤުނޫތުއްނާޒިލާގައި އިމާމު ބާރަށް ޤުނޫތު ކިޔުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ފައިދާތައް ހާސިލުވެ، އެކަމުގައި ގިނަގުނަ ޙިކުމަތްތަކެއް ވާކަމެކެވެ. އޭގެ ތެރޭގައި: [4]

  1. ދުޢާއަކީ ޢަދުއްވުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި، މުއުމިނުންނަށް ލިބިގެންވާ ވަރަށް މަތިވެރި ހަތިޔާރެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅު އެކަމުގެ ދަލީލަކަށް ފުދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِنَّمَا يَنْصُرُ اللَّهُ هَذِهِ الْأُمَّةَ بِضَعِيفِهَا، بِدَعْوَتِهِمْ وَصَلَاتِهِمْ وَإِخْلَاصِهِمْ» [5]

މާނައީ: “މިއުންމަތުގެ ނިކަމެތިން ކުރާ ދުޢާއާއި، ނަމާދާ އަދި އެބައިމީހުންގެ އިޚްލާޞްތެރިކަމުގެ ސަބަބުން ﷲ މިއުންމަތަށް ނަޞްރު ދެއްވައެވެ.”

  1. ޤުނޫތުގެ ދުޢާގެ ސަބަބުން މުއުމިނުންގެ ހިތްތަކަށް ޝިފާލިބި، އެހިތްތަކުގައިވާ ރުޅިވެރިކަން ފިލާދެއެވެ. އެގޮތުން ޢަދުއްވުންނާ ދެކޮޅަށް ޖިހާދު ކުރަމުންދާ މީހުން އަބަދުވެސް އެފަދަ ދުޢާއަށް ބޭނުން ޖެހިފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ [١٤] وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ اللَّـهُ عَلَىٰ مَن يَشَاءُ ۗ وَاللَّـهُ عَلِيمٌ حَكِيمٌ [١٥]﴾ [6]

މާނައީ: “ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން ﷲ އެބައިމީހުންނަށް ތިޔަބައިމީހުންގެ އަތްތަކުން ޢަޛާބު ދެއްވާނެއެވެ. އަދި އެބައިމީހުން ނިކަމެތި ކުރައްވާނެއެވެ. އަދި ތިޔަބައިމީހުންނަށް، އެބައިމީހުންގެ މައްޗަށް ނަޞްރު ދެއްވާނެއެވެ. އަދި މުއުމިނު ބަޔެއްގެ ހިތްތަކަށް ޝިފާ ދެއްވާނެއެވެ. [14] އަދި އެބައިމީހުންގެ (އެބަހީ: މުއުމިނުންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެއެވެ. ﷲ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް ތައުބާ ލައްވާނެއެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެވެ. [15]” 

  1. މުސްލިމުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެދޭ މިންވަރާއި އެކަމަށް ދޭ އަހަންމިއްޔަތުކަން މިކަމުން ހާމަވެގެންދެއެވެ. އެއީ އެބައިމީހުންނަށް ލިބޭ އުފަލުގައި އުފާފާޅުކޮށް އެބައިމީހުންނަށް ކުރިމަތިވާ މުޞީބާތްތަކުގައި ހިތާމަ ކުރުމުންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى» [7]

މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމާއި، ރަޙުމުކުރުމާ އަދި އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ ހަށިގަނޑުގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް ބަލިމަޑުކަމެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”

  1. އަނިޔާ ލިބެމުންދާ މުސްލިމުންނާމެދު އެއްބަޔަކު ޣާފިލުވެފައިވަނިކޮށް، ނަމާދުގައި މުސްލިމުންނަށްޓަކައި ޤުނޫތު ކިޔުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުންގެ ޙާލަތު އެނގިގެން ދެއެވެ.
  2. ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކައި ކޮށްދިނީ ކޮންކަމެއްތޯ ޤިޔާމަތް ދުވަހު ސުވާލު ކުރެއްވުމުން ﷲ ގެ ޙަޟްރަތުގައި އެކަމަށް ޖަވާބުދާރީވާނެ ކަމަކަށް އެދުޢާ ވެގެންދާނެއެވެ.

 

* ކޮންމެ މުޞީބާތެއްގައި ޤުނޫތު ކިޔަން ޖެހޭނެތަ؟

 

މުސްލިމު ޤައުމަކަށް ނުވަތަ މުސްލިމުންގެ ޖަމާޢަތަކަށް ނުވަތަ މުސްލިމުންގެ ފަރުދުންތަކަކަށް ބޮޑު މުޞީބާތެއް ކުރިމަތިވުމުން ޤުނޫތު ކިޔުމަކީ ޖާއިޒު ކަމެކެވެ. އަދި ހަމަ އެފަދައިން ޤުނޫތު ނުކިޔާ ދޫކޮށްލުންވެސް ޖާއިޒުވެގެންވެއެވެ. ޠާޢޫންފަދަ ވަބާއެއް ނުވަތަ ބަލިމަޑުކަމެއް ފެތުރުމުން ޤުނޫތު ކިޔުމަކީ އެންމެ ރަނގަޅު ކަމެކެވެ. އަދި ޤުނޫތު ނުކިޔާ ދޫކޮށްލުމަކީވެސް މުބާޙު ކަމެކެވެ. އެފަދަ ކަންކަމުގައި އޮތީ ސަބަބުތަކުގައި ހިފުމާއެކު އެކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމެވެ. ހަނގުރާމައިގައި ޢަދުއްވުންނާ ކުރިމަތިލާއިރު ޤުނޫތު ކިޔުން މުސްތަޙައްބުވެގެންވެއެވެ. އެއީ އަބޫބަކުރު އައްޞިއްދީޤު رضي الله عنه ގެ އަރިހުން ޘާބިތުވެގެން އައިސްފައިވާ ފަދައިންނެވެ. މުސައިލިމާއާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި އަދި އަހުލު ކިތާބީންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި، ޞަޙާބީންނަށްޓަކައި އެކަލޭގެފާނު ޤުނޫތު ކިޔުއްވިއެވެ. [8]

= ނުނިމޭ =

________________________

މިލިޔުމުގެ އެހެންބައިތައް

 

[1]  الشرح الممتع لابن العثيمين (4 / 44).

[2]  ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 49 ، 51).

[3]  مجموع فتاوى لابن تيمية (23 / 108).

[4]  ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 52 ، 54).

[5]  رواه النسائي / كتاب: الجهاد/ باب: الاستنصار بالضعيف/ رقم: 3178 ، وصححه الألباني في صحيح الترغيب والترهيب برقم: 6.

[6]  سورة التوبة: 14 ، 15.

[7]  رواه مسلم / كتاب: البر والصلة والآداب / باب: تراحم المؤمنين وتعاطفهم وتعاضدهم / رقم: 66 – (2586).

[8]  ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 55 ، 61).