[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 50 –

ދިޔަ ނަންގަތް ބާބު

 

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ﴾ [سورة البقرة 178]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަހްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”

﴿وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ اللَّـهِ ۗ وَكَانَ اللَّـهُ عَلِيمًا حَكِيمًا﴾ [سورة النساء 92]

މާނައީ: “ކުށަކުން، އޮޅިގެން މެނުވީ މުއުމިނަކު މެރުމަކީ، މުއުމިނަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަދި އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް ހުރީ މުއުމިނު އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ އަހުލުވެރިންނާ ހަވާލު ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ އެބައިމީހުން (މާފުކުރުމަކުން) އެއިން ޞަދަޤާތްކުރިއްޔާ މެނުވީއެވެ. އަދި މަރުވި މީހާއީ މުއުމިނަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ ޢަދާވާތްތެރި ޤައުމެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، މުއުމިނު އަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި ޢަހުދެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ ފަހެ، އެމީހެއްގެ އަހުލުވެރިންނާ ހަވާލުކުރެވޭ ގޮތުގައި މަރުގެދިޔަ ދިނުމާއި، މުއުމިނު އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) ﷲ ގެ ޙަޟްރަތުން ތައުބާ ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަދި ޝާއްޛު ޤިރާއަތެއްގައިވެއެވެ.

﴿ومن قتل مؤمنا خطأ فتحرير رقبة مؤمنة لا يجزي فيها صبي ودية مسلمة﴾

މާނައީ: “އަދި އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް ހުރީ މުއުމިނު އަޅަކު މިނިވަންކުރުމެވެ. އެކަމުގައި ކުޑަކުއްޖެއް މިނިވަންކޮށްގެން ނުފުދޭނެއެވެ. އަދި އެ މަރުވިމީހާގެ އަހުލުވެރިންނާ ހަވާލު ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ.”

އަދި އެހެން ޝާއްޛު ޤިރާއަތެއްގައިވެއެވެ.

﴿وإن كان من قوم بينكم وبينهم ميثاق وهو مؤمن فدية مسلمة وتحرير رقبة مّؤمنة ﴾

މާނައީ: “އަދި އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި ޢަހުދެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ އަދި އެމަރާލެވުނުމީހަކީ މުއުމިނަކުނަމަ ފަހެ، އެމީހެއްގެ އަހުލުވެރިންނާ ހަވާލުކުރެވޭ ގޮތުގައި މަރުގެދިޔަ ދިނުމާއި، މުއުމިނު އަޅަކު މިނިވަންކުރުން ހުށްޓެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ